ހަނިމާދޫގައި ބޭރުގެ ބައަކު ހިންގި ވޯކްޝޮޕް ބާއްވަން އެހީތެރިވެދެއްވީ އިންޑިޕެންޑެންޓް ރިޕަބްލިކަން އިންސްޓިޓިޔުޓް އިން އެދިގެން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
"އަޅުގަނޑަށް އިންޑިޕެންޑެންޓް ރިޕަބްލިކަން އިންސްޓިޓިޔުޓް އިން. އެމީހުން ގުޅާފަ އެދުނީ ހަނިމާދޫގަ ވޯކްޝޮޕް ބާއްވަން ފެސިލިޓޭޓްކޮށްދޭން. ޖަމިއްޔާއަކުން އެދުނީމަ އަޅުގަނޑެއް ނުބަލަން އެއީ ހުއްދަ ނަގައިގެން ކުރާ ކަމެއްތޯއެއް."
ޢަބްދުލްޣަފޫރު ވިދާޅުވީ އެމީހުން ގުޅުމުން ކައުންސިލުގެ ރައީސަށް ގުޅުއްވައި ވޯކްޝޮޕް ބޭއްވޭނެ ގޮތް ހަމަޖައްސަން އެދިލެއްވި ކަމަށާއި ނަމަވެސް އެކަން އިންތިޒާމުކުރުމުގައި އެނޫން ދައުރެއް އަދާ ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައިވެސް އެހެން ތަނެއްގައި ވެސް ހިންގާ އިސްލާމް ދީނާއި ޚިލާފް އަދި ޤާނޫނާއި ޚިލާފް އެއްވެސް ކަމެއްގައި ދުވަހަކުވެސް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވެސް ޢަބްދުލްޣަފޫރުވިދާޅުވިއެވެ.
ރާއްޖޭގެ ޤާނޫނުތައް ބުނާ ގޮތުން ބައްދަލުވުންތައް ބާއްވައި އިސްލާމް ދީނުގެ އެއްވެސް ވާހަކައެއް (ދީން ކުރިއަރުވަން ނަމަވެސް) ދެއްކޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ އޮވެގެންނެވެ. ހަނިމާދޫގައި ބޭއްވި ބައްދަލުވުމުގައި ހަރުކަށިފިކުރުގެ ނަމުގައި އިސްލާމް ދީނުގެ ވާހަކަތައް ދެއްކި ކަމަށް ބުނެ ބައެއް ބައިވެރިން ކަންބޮޑުވުން ފައުޅުކޮށްފައިވާއިރު އިސްލާމް މިނިސްޓްރީން ބުނެފައިވަނީ އެ ބައްދަލުވުން ބާއްވަން ހުއްދަ ނަގާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.