ކޮރޯނާ ވައިރަސްއަށް ތައްޔާރުވާން އެންމެ މުހިންމު ކަމަކަށް ކުރަން އޮތް ކަމަކީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކޮރޯނާ ވައިރަސްއަށް ތައްޔާރުވާން އެންމެ މުހިންމު ކަމަކަށް ކުރަން އޮތް ކަމަކީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުން!

މުޅި ދުނިޔެއަށް ޢާންމުވަމުންދާ ކޮރޯނާ ވައިރަސްއަށް ތައްޔާރުވާން އެންމެ މުހިންމު ކަމަކަށް ކުރަން އޮތް ކަމަކީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމެވެ. އެހެނީ މިބަލި ފެތުރުން މިހާރުފަދައިން ދިގުލައިދާނަމަ މުޅި ދުނިޔޭގެ އިޤްޠިޞާދަށްވެސް އެކަމުގެ އަސަރުތައް ކުރާނެއެވެ. އެކަމުން ރާއްޖެއަށް ކުރާނެ އަސަރު ވަކިން ބޮޑުވާނެއެވެ.

ރާއްޖޭގެ އިޤްޠިސާދުގެ 80 އިންސައްތަ ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށެވެ. އަދި ފެންނަ ފެނުމަށް ބަލާއިރު ފަތުރުވެރިކަމަށް ބޮޑު ބަދަލުތަކެއް އައުން ވަރަށް ގާތެވެ. ޗުއްޓީހޭދަކުރަން ދަތުރުކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މަދުވަމުން ދާނެކަމަށް ވަނީ ބެލެވިފައެވެ. މުއްސަނދި ގިނަ ޤައުމުތަކުންވެސް ޚަރަދުކުޑަކުރުމަށް ބާރުއަޅަމުން ގެންދާތީއެވެ. ހަމައެއާއިއެކު ފުރާނަ ރިސްކަކަށް ހަދައިގެން ދަތުރުކުރަން ބޭނުންވާ މީހުންގެ އަދަދު މަދުވާނެތީއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ހީނަރުކަމުގެ އަސަރު ދައުލަތުގެ މާލިއްޔަތަށް ކުރާނެއެވެ. ބޭންކުތަކަށް ކުރާނެއެވެ. އަތްމައްޗަށް ފައިސާއެރުން މަދުވެގެންދާނެއެވެ. ކުދި ބޮޑު ވިޔަފާރިތަކަށް އެކަމުގެ އަސަރުކުރާނެއެވެ.

ރާއްޖެއަކީ ކާބޯތަކެތީގެ ގޮތުން ބެލި ނަމަވެސް އަމިއްލަ ފުދުންތެރިކަން އެންމެ ކުޑަ ޤަުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް އަމިއްލަ ފުދުންތެރިކަން އެންމެ ކުޑަ ޤައުމެވެ. ބޭނުންކުރާ ކޮންމެ އެއްޗެއް ރާއްޖެއިން ބޭރުން އެތެރެކުރަން ޖެހޭ ޤައުމެކެވެ. ވީމާ ރާއްޖެއަށް ކުރިމަތިވާނެ ގެއްލުންތައް ބޮޑުވާނެ ކަމަށް ވިސްނައި ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

މިހާރުން ފެށިގެންވެސް ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް ނޫނީ ނުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމުކަމެކެވެ. ރެސްޓޯރަންޓްތަކަށާއި އަގު ބޮޑު ފޭރާން ގަތުމަށް ކުރާ ޚަރަދުތައް ކުޑަކުރުން ވަރަށް މުހިންމެވެ. ކޮންމެހެން ހޯދަންޖެހޭ ފަރުނީޗަރާއި ގޭތެރޭ ސާމާނު ނޫނީ ނުގަތުމަށް ސަމާލުކަން ދިނުން ވެސް ވަރަށް މުހިންމެވެ. ޖުމުލަކޮށް ބުނާނަމަ ޚަރަދުނުކޮށް ސަލާމަތްކުރެވެން އޮތް އެންމެ ރުފިޔާއެއް ނަމަވެސް ސަލާމަތްކުރަން މަސައްކަތްކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.

ހޭލުންތެރި ޢާންމު ރައްޔިތުން ގެންދަނީ ފަރުދީ ފެންވަރުގައިވެސް މިފަދަ މެސެޖުތައް ދެމުންކަން ފާހަގަކުރެވެއެވެ. "ކޮރޯނާ ވައިރަސް މި ރާއްޖެއަށް ނާންނާނެ ކަމަށް ދެކިގެން ނުވާނެ މުހިންމުކަމަކީ ކޮރޯނާ ވައިރަސްއާ ކުރިމަތިލާން ތައްޔާރު ވެގެން ތިބުން ފަރުދީ ޒިންމާ އަދާކޮށް ސާފުތާހިރުވެ އެ ކަމާ ގުޅޭ ގޮތުން ދޭ އިރުޝާދު ތަކަށް އެންމެންވެސް ބޯލެނބުން އިސްރާފު ނުކޮށް އިޤްތިޞާދު ކުރުން ."

ކޮރޯނާ ވައިރަސް އިން ސަލާމަތްވެވޭނެ ގޮތްތައް ހޯދަން މުޅި ދުނިޔެއިން ދަނީ މަސައްކަތްކުރަމުންނެވެ. ބިލިއަން ބިލިއަން ޑޮލަރުގެ ފަންޑުތައް ވަނީ ޤާއިމުކޮށްފައެވެ. ސައިންސްވެރިން ގެންދަނީ 24 ގަޑިއިރު އެކަމަށް މަސައްކަތްކުރަމުންނެވެ.

ދުޢާއަކީ ކޮރޯނާ ވައިރަސްގެ ވަބާއިން ދިވެހި ޤައުމާއި މުޅި އުންމަތް ސަލާމަތްކޮށްދެއްވެވުމެވެ.

މިއަދު އޮންލައިން