ރަމަޟާން މަސް ނިމެންދެން ވެސް ހެޕީ މާކެޓުން ރާއްޖެއަށް އެތެރެކޮށް ވިއްކާ ކާބޯތަކެތީގެ ހުރިހާ ބާވަތެއް ވެސް ހުސްނުވެ ރައްޔިތުން ބޭނުންވާ ވަރަށް ލިބެން ހުންނާނެ ކަމަށާއި އަދި އެތަކެތީގެ އަގު ބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފިއެވެ.
ހެޕީ މާކެޓުން މިހެންބުނެފައިވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރަމަޟާން މަހުގެ ޑިމާންޑް އިތުރުވުމާއި ކުރިއަށް އޮތް މަސްތަކުގައި ކާބޯތަކެތި ބޭނުންވާ ވަރަށް ނުލިބިދާނެ ކަމާއި ތަކެތީގެ އަގު އުފުލޭނެ ކަމުގެ ވާހަކަތައް ފެތުރޭތީ އެކަމާގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
ހެޕީ މާކެޓުން ބުނެފައިވަނީ އެ ކުންފުނިން އެތެރެކޮށް، ވިއްކާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ވެސް ރާއްޖެ އެތެރެކުރަން ރޭވިފައިވާ ޓައިމްލައިނާ އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީންކަން މި ވަގުތަށް ލިބިފައިވާ ކަމަށާއި ހުރިހާ ބާވަތެއްގެ އަގު ރަމަޟާން މަސް ނިމެންދެން ވެސް ބޮޑުނުކޮށް ހިފަހައްޓާނެކަމަށެވެ.
ހެޕީ މާކެޓުން ވަނީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ފިނިކުރި ކުކުޅު އަގު މިވަގުތައް ކުރެވޭނެ އެންމެ ބޮޑަށް ދަށްކޮށް މި އަގުތައް ރޯދަ މަސް ނިމެންދެން ހިފަހައްޓާނެ ކަމަށްވެސް ބުނެފައެވެ.