ހއ. ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 57 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ހދ. ކުޅުދުއްފުށިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރި ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯރަފުށި ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން މި މާރިޗް މަހުގެ 10 ވަނަ ދުވަހު ހޯރަފުށި ބަނދަރު ސަރަހައްދުންނެވެ.
އޭނާ ހުއްޓުވައިި އޭނާގެ ހަށިގަނޑާއި އޭނާގެ އަތުގައި އޮތް ފޮށިގަނޑު ބަލައިފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަަންދާމެދު ގޮތެއް ނިންނުމަށް ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.