ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މާރިޗް މަހުގެ 11 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި، ގަން އިންޓަރނޭޝަނަލް އެއާޕޯޓު ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެެއެވެ.