އިންޑިއާގެ ޗެންނާއީ އަދި ކޮޗިން އަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.
ކޮރޯނާ ވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވިއަން އިން އިންޑިއާގެ ޓްރެވިންޑްރަމް އަށް ކުރާ ދަތުރުތައް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބާއްވަން ނިންމާ ކޮޗިން އަދި ޗެންނާއީގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
މޯލްޑިވިއަން އިން ޗެންނާއީ އާއި ބަންގްލަދޭޝްގެ ޑާކާ އަށް ކުރާ ދަތުރުތައް ކުރާ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވާ ހުކުރު ދުވަސް ކަމަށާއި ކޮޗިން އަށް ކުރާ އެންމެ ފަހުގެ ދަތުރުތައް މާޗުމަހުގެ 19، 21 އަދި 23 ގައި ކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މާދަމާ އިން ފެށިގެން މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ވެސް މުއްދަތެއް ނެތް ގޮތަށް ބަންދުކުރާނެއެވެ.