ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ އެއަރލައިންތަކުން ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވުމުން ރާއްޖެއަށް މުދާ ގެނައުމަށް ވިޔަފާރިވެރިން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ މޯލްޑިވިއަނުން ކާގޯ ފްލައިޓުތަކުގެ ދަތުރުތައް މިއަދު ފަށަން ނިންމައިފިއެވެ.
މިކަމާގުޅިގެން މޯލްޑިވިއަނުން ބުނެފައިވަނީ ކޮލޮމްބޯ، ޓްރިވެންޑްރަމް، ޗެންނާއީ، ބެންކޮކް، އަދި ދުބާއީ އިން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް ޗާޓަރ ދަތުރުތަކެއް ބޭއްވުމަށް ނިންމާފައިކަމަށެވެ.
މިއީ ދިވެހިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ ގެންނަ ޤައުމުތައްކަން ފާހަގަކޮށްލެވެއެވެ.
މޯލްޑިވިއަންއިން ބުނީ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށެވެ.