ރާއްޖެއަށް ބަލައިފިނަމަ ނޫސްވެރިކަމުގެ މިނިވަންކަން ކަމުގައި ބަލަނީ މާތް ﷲ ގެ ޙައްޤުފުޅުތަކަށް އަރައިގަތުމުގެ މިނިވަންކަން އޮތްވަރެކެވެ. ﷲ ތަޢާލާއަށާއި ރަސޫލް (ޞޢވ) ހަޖޫޖަހައި ފުރައްސާރަކުރުމުގެ ފުރުޞަތު އޮތް މިންވަރެކެވެ. ކީރިތި ޤުރްއާން ދޮގުކޮށް އިބިލީހުގެ ބަސް ފަތުރަޏް ފުރުޞަތު އޮތް މިންވަރެކެވެ.
ނޫސްވެރިކަމުގެ ދުނިޔޭގެ އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުން ލިބެމުން އަންނަ ގޮތަށް ބެލިނަމަވެސް އަބަދުވެސް ކުރިއެރުން ލިބިފައިވަނީ މިބެނުވުނު އުޞޫލުންކަން ފާހަގަކުރެވެއެވެ. މާތް ﷲ އަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް ހަޖޫޖެހުން ގިނަކޮށް އިސްލާމް ދީނާއިދެކޮޅަށް ކެންޕޭނުކުރުން އިތުރުކުރިވަރަކަށް ޕްރެސްފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ މަތިވެއެވެ.
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަށް އެންމެ ފުލުން ވެސް ޖާގަ ނުލިބި މައިނަސްވި ނަމަވެސް ﷲ ތައާލާއަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަ ކުރުމާއި އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ކެންޕޭނުތަކަށް ޖާގަ ދިނުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫނެވެ. އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ.
މުސްލިމުންނަށް މިހިންމީ ޕްރެސް ފްރީޑަމް އިންޑެކްސް އިން ލިބޭ ދަރަޖައެއް ނޫނެވެ. މުސްލިމުން މަތިވެރިކަން ބޭނުންވަނީ މާތް ﷲ ގެ ޙަޟްރަތުންނެވެ.