"ކުލި ނުދައްކާ ދެމަސް ދުވަހު ހުރި، މޫނުމަތީގަ ޒުވާބުކުރި! އިހުސާންތެރިކަމުގެ ބަދަލުގަ މިއީ ދިން ހަދިޔާ!"

ކިޔުމަށް ހޭދަވާނީ 2މ 55ސ
"ކުލި ނުދައްކާ ދެމަސް ދުވަހު ހުރި، މޫނުމަތީގަ ޒުވާބުކުރި! އިހުސާންތެރިކަމުގެ ބަދަލުގަ މިއީ ދިން ހަދިޔާ!"

ފުލުހެއްގެ ގޭގައި ބަހައްޓާފައި ހުރި ފިރިހެނަކާމެދު އިހާނެތިކޮށް ކަންތައް ކުރި ކަމަށާއި އޭނާ އެގެއިން ނެރެލިކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތައް ދޮގުކޮށްފިއެވެ. 

ދައުރުވަމުން އަންނަ މެސެޖުގައި މުޙައްމަދު އުޝާމް ފާއިޒް ނަމަކަށް ކިޔާ މީހަކު ލިޔެފައިވަނީ އެމީހުންނާއި (އެގޭގައި ބަހައްޓާފައި ހުންނަ ކުދިންނާނެދު) ގޭގެ ވެރިން ކަމުގައިވާ ފުލުސް މީހާއާއި އޭނާގެ އަންހެނުން އިހާނެތިކޮށް ކަންތައް ކުރިކަމަށާއި ފާޚާނާގެ އިސްކޫރުން މަދުން ފެން އަންނަ ގޮތަށް ހެދުމުގެ އިތުރުން، ރަމަޟާން މަހަށް ކުލި ބޮޑު ކުރުމުގެ އިތުރުން އެވަރު ދެއްކެން ނެތްކަމަށް ބުނުމުން އެގެއިން ނެރެލި ކަމަށެވެ. އުޝާމްގެ ޕޯސްޓުގަައި ވަނީ އެފުލުސް މީހާ ޔުނީފޯމުގައި ހުރި ފޮޓޯތަކެއް ވެސް ލުމުގެ އިތުރުން ފުލުސްމީހާއާއި އޭނާގެ އަންހެނުންގެ ނަމާއި، އެޑްރެހާއި ފޯނު ނަންބަރު ވެސް ލިޔެ، ހާމަކޮށްފައެވެ.

އެހެންކަމުން މިކަމުގެ ހަގީގަތާއި ދެކޮޅުގެ ވާހަކަވެސް ހޯދާލުމުގެ ގޮތުން "މިއަދުނޫހުގެ" ފަރާތުން އެފުލުސް މީހާގެ އަނބިމީހާއަށް ގުޅާ މައުލޫމާތު އޮޅުންފިލުވާލީމެވެ.

"އެއްވެސް ދޮގެއް ނުހަދާ މިބުނަނީ، އޭނަ ބުނެފަ އެހުރީ ހުސް ދޮގު. އޭނަ މިގެއަށް އައީ މީގެ ދެ މަސް ދުވަސްވަރު ކުރިން. އައިސްފަ ވެސް ބުނި ތިމަންނަ އަތުގައި އެވަގުތު ނެތޭ ފައިސާއެއް ދެވެން. އެކަމަކު ވެސް އަޅުގަނޑުމެން އޭނާ ބެހެއްޓިން. ދެ މަސް ދުވަސް ވަންދެން އަޅުގަނޑުމެން ކައިރީގަ ބެހެއްޓިން، އެންމެ މަހަކު ވެސް ލާރިއެއް ނުދޭ. ބުނަނީ އަދި ނުލިބޭ ވާހަކަ. އެވަރުން ވެސް އަޅުގަނޑުމެން އޭނާއާއިމެދު އިހާނެތިކޮށް ކަންތަކެއް ނުކުރަން. ކޮށްދޭންވާ ކަންކަން ބަރާބަރަށް ކޮށްދިނިން." ޒަރާނާ ބުންޏެވެ. 

ރަމަޟާން މަހު އިތުރު 800 ރުފިޔާ ދެއްކުމަށާއި ފައިސާ ދެވެން ނެތުމުން ލޮކްޑައުންގެ މުއްދަތުގައި ވެސް އަށް ކުދިން އެގެއިން ނެރެލިކަމަށް އުޝާމް ލިޔެފައިވާ ވާހަކައަށް ޒަރާނާ ބުނެފައިވަނީ ރަމަޟާން މަހު ކެއުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިތުރު 800 ރުފިޔާ ނެގުމަކީ ކުރިން ވެސް ކުރަމުން އައި ކަމެއް ކަމަށާއި އެކަން ކުދިންނަށް އަންގަނީވެސް ތަންކޮޅެއް ކުރިން ކަމަށެވެ.

"ގޭގައި ކުދިން ބަހައްޓަމުން އަންނަތާ މިހާރު 4 ވަރަކަށް އަހަރު ވެދާނެ. ރަމަޟާން މަހު ކެއުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެ ކުއްޖެއްގެ އަތުން 800 ރުފިޔާ ނަގާނެ ކަމަށް ބުނަން ކޮންމެ އަހަރަކު ވެސް. އެކަން އެކުދިންނަށް ވަރަށް ކުރިން އަންގަނީވެސް. ދެން މިގެއިން އަށް ކުދިން ނެރުނު ވާހަކަވެސް އެއީ ތެދެއް ނޫން. ދެ ކުދިން ދިޔައީި. އެއީ ޕޯސްޓު ޖެހި ކުއްޖާއާއި އެހެން ކުއްޖެއް. އެއް ކުއްޖަކު ބޭނުންވީ ކަމުނުދާތީއޭ ކިޔާފަ ނިކުންނަން. އޭނަ ހުރީ މިދިޔަ މަހު 14 ގަ ފައިސާ ދައްކާފަ. ދެން ދާން ބޭނުންވީމަ މަސް ނިމުނީމަ ބުނިން ދާން ބޭނުމިއްޔާ ތަޅުދަނޑި ހަވާލުކޮށްފަ ދާން. އެކަމަކު އޭނަ ބުނީ 14 ލާރި ދެއްކީމަ އަނެއް މަހުގެ 14 އާއި ހަމައަށް ހުރެވޭނޭ." ޒަރާނާ ބުންޏެވެ.

އުޝާމް ކޮށްފައިވާ ޕޯސްޓަކީ ދޮގު މައުލޫމާތު އެކުލެވޭ ޕޯސްޓެއް ކަމަށް ޚުދު އޭނާގެ ބޭބެ ވެސް ވަނީ ފޭސްބުކްގައި ބުނެފައެވެ. އަދި ފުލުސް މީހާ ވަނީ އޭނާގެ ބައްޕައާއި ވެސް މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

އާއިލާއިން މައުލޫމާތު ދިން ގޮތުގައި އެކުދިންގެ ހުރިހާ ކަމެއް ކުރަނީ ޒަރާނާ އެކަންޏެވެ. އަދި އެގެއަކީ ޤަވާއިދުތަކެއް ގިނަ ގެއެއް ނޫން ކަމަށާއި ބޭނުން އިރަކު ފަންކާވެސް ޖަހައިގެން ތިބެވި، ވައިފައި ވެސް ބޭނުން ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ފުލުހަކު ޔުނީފޯމްގައި ހުރި ފޮޓޯތަކެއް މިފަދައިން އާއްމުކޮށް ބޭޒާރު ކުރުމުން، މިކަމާއިމެދު ފުލުހުން އަޅަނީ ކޮން ފިޔަވަޅެއްތޯ ސުވާލު އުފެދެއެވެ.

 

 

 

މިއަދު އޮންލައިން