"އަހަރެންގެ ހަގު އަންހެން ދަރިފުޅު ޤައުމީ ޚިދުމަތައް މިނެރުނީ ބަދަލުގަ އެއްޗެހިތަކެއް ލިބޭނެތީއެއް ނޫން!"

ކިޔުމަށް ހޭދަވާނީ 1މ 55ސ
"އަހަރެންގެ ހަގު އަންހެން ދަރިފުޅު ޤައުމީ ޚިދުމަތައް މިނެރުނީ ބަދަލުގަ އެއްޗެހިތަކެއް ލިބޭނެތީއެއް ނޫން!"

މިޚަބަރުގެ ތަފްސީލަށް ދިޔުމުގެ ކުރިން ސުވާލެކެވެ. އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކަށް ދެރަގޮތެއް ވާން އެދޭނެ ހެއްޔެވެ؟ ހަމަޔަގީނުން ވެސް ނޭދޭނެއެވެ. 

ފާތިމަތު ނަސީރު ވެސް ނޭދެއެވެ. 

ނަމަވެސް ޤައުމަށް ޖެހިފައިމިވާ ދަތި ދުވަސްތަކުގައި، ޤައުމަށްޓަކައި ޤައުމީ ޚިދުމަތުގައި އޭނާ މިއަދު ވަނީ އޭނާގެ ހަގު އަންހެން ދަރިފުޅު ހަދިޔާ ކޮށްފައެވެ. 

މިކަން އާއްމުކޮށް އިއްޔެ ފޭސްބުކްގައި ފާތިމަތު ލިޔެފައިވަނީ، އެއީ ފަސޭހަ ކަމެއް ނޫން ކަމަށާއި މިދަނޑިވަޅުގައި ތިމާއަށް ޤައުމަށްޓަކައި ކޮށްދެވެން ހުރި ކަމެއް ކޮށްދޭންވީ ކަމަށެވެ. 

ފާތިމަތުގެ ދަރިފުޅު ރީއަތު ހަމީދަކީ މެޑިސިން ކިޔަވާ ކުއްޖެއް ކަމަށާއި އަދި ނިމުނީ ފުރަތަމަ އަހަރު ކަމަށެވެ. 

"އޭނައަކީ އަބަދުވެސް މާ-ޝާ ﷲ މީހުންނަށް އެހީވާ ކުއްޖެއް. ފުރާނަ އަތްމައްޗަށް ލައިގެން އަހަރެންގެ ދަރިފުޅު އެދަނީ އެތައް ބައެއްގެ ޓެސްޓުތައް ހަދަމުން. އޭނަ ހެދި ބައެއް ޓެސްޓުތައް ވަނީ ޕޮޒިޓިވް ވެފަ. އަހަރެންގެ ދަރިފުޅު ޤައުމީ ޚިދުމަތައް މިނެރުނީ އަހަންނަށް ބަދަލުގަ އެއްޗެހިތަކެއް ލިބޭނެތީއެއް ނޫން. ވޮލަންޓިއާކޮށް!" ފާތިމަތު ލިޔެފައިވެއެވެ.

ޤައުމީ ޚިދުމަތުގައި މިފަދައިން ތިބި ހިތްވަރުގަދަ މީހުންނާއިމެދު ބައެއް  މީހުން އިހާނެތިކޮށް ކަންކަން ކުރާކަންވެސް ފާތިމަތު ވަނީ ފާހަގަ ކޮށްފައެވެ. 

"ބައެއް ގޭގެއަށް ގޮސް 7 ވަނަ ފްލޯއަށް ހަޒްމަތު ސޫޓު ލައިގެން އަރާއިރު އެހެން ފްލޯތަކުން މީހުން އެކުދިންނާ ދިމާލަށް ހަޅޭލަވާ. އެކުދިން މައިނޭވާ ލަމުން އަރާއިރުވެސް ބެލުމެއް ނެތި މިގޮތަށް ކަންތައް ކުރާތީ ހިތާމަ ކުރަން." ފާތިމަތު ބުންޏެވެ.

ފާތިމަތު ބުނިގޮތުގައި އޭނާގެ ދަރިފުޅު އިއްޔެވަނީ ކޮންމެވެސް ރަށަކަށް، ޓެސްޓު ނަގަން ގޮސްފައެވެ.

"ދަރިފުޅު ދިޔަ ފަހުން އަދި މިފެނުނީ އެންމެ ފަހަރަކު. ލެޕްޓޮޕް ހަވާލުކުރަން އަހަރެން އޭނައާއި ކައިރިވާން އުޅުމުން ބުނީ ދަބަސް ތިރީގަ ބައިންދާފަ މަންމަ ކައިރި ނުވާށޭ. ވަރަށް އަސަރު ކުރި. ކޮންެމެވެސް ރަށަކަށް ޓެސްޓު ނަގަން އިއްޔެ ދިޔަ. ދެން ނޭނގެ ދިމާވާނެ ދުވަހެއް ވެސް" އަސަރާއެކު އެމަންމަ ބުނެފައިވެއެވެ.

ފާތިމަތުގެ ޕޯސްޓު ނިންމާލާފައިވަނީ އޭނާގެ ހަގު އަންހެން ދަރިފުޅަށް ގިނަގުނަ ހެޔޮ ދުޢާ އާއި ސަލާމް ފޮނުވުމަށްފަހުގައެވެ.

މާތް ﷲ އެދެމައިންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާށި، އަދި ކުރަމުން އެދާ އަގުހުރި މަސައަކަތުގައި ދެދުނިޔޭގަިއ ވެސް އެދެމައިންނަށްޓަކައި ބަރަކާތް ލައްވާށި. އާމީން.

މިއަދު އޮންލައިން