ރަމަޟާން މަހުގެ ރޭއަޅުކަން ކުރުން މިއޮންނަނީ ދެބައަކަށް ބެހިފައެވެ. އެއީ އިރާކޮޅު ތަރާވީޙް ނަމާދުކުރުމާއި ދަންވަރު ދަމުނަމާދުކުރުމެވެ. މި 2 ނަމާދުކުރުމަކީވެސް ރޭއަޅުކަން ކުރުމެވެ.
ޙަޤީޤަތުގައި ރޭ އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމެއްވެސް ނޫނެވެ. ރޭގަނޑު ކީރިތި ޤުރްއާން ކިޔެވުމާއި ﷲ ތަޢާލާއަށް އިސްތިޣްފާރުކުރުމާއި ޛިކުރުކުރުމާއި ދުޢާކުރުމަކީވެސް ހަމަ ރޭ އަޅުކަމެވެ.
ތަހައްޖުދު ނަމާދުގެ އަސްލު މާނައަކީ ރޭގަނޑު ކުދަކޮށް އަރާމުކޮށްލާފައި (ނިދައިލާފައި) ތެދުވެ ކުރާ ނަމާދެވެ. އެއިގެ މާނައަކީ 2،3 ގަޑިއިރުވަންދެން ބޮޑު ނިދިގަނޑެއް ނިދުމެއް ނޫނެވެ. ކުޑަކޮށް އޮށޯވެލާފައި ތެދުވެ ވެސް އެ ނަމާދުކުރެވޭނެއެވެ.
އަދި އެއިގެ މާނައަކީ މީހަކަށް ކަން ދިމާވާގޮތުން ރޭގަނޑު ހޭލައި އެކުގައި އުޅެން ޖެހުނު ނަމަވެސް ތަހައްޖުދު ނަމާދު ނުކުރުމެއް ނޫނެވެ. ޑިޔުޓީގެ ގޮތުން ނުވަތަ ގޭތެރޭގެ ކަންތައް ހުންނަ ގޮތުން ނުވަތަ ނިދާފައި ނުހޭލެވިދާނެ ކަމުގެ ބިރު އޮތް މީހާއަށް ވެސް ތަހައްޖުދު ނަމާދުކުރެވޭނެ އެވެ.
ޚުލާޞާއަކީ ނުނިދައިގެން ހުރެގެންވެސް ތަހައްޖުދު ނަމާދުރުމެވެ. ނަމަވެސް ސުންނަތްވެގެންވާ ގޮތަކީ ހަމަ ކުޑަކޮށް އަރާމުކޮށްލާފައި ތެދުވެ ނަމާދުކުރުމެވެ. ތަހައްޖުދު ނަމާދުގެ ޠަބީޢަކީ ވެސް އެއީ އެވެ. ނަމަވެސް މިހުރިހާ ގޮތަކީވެސް ހަމަ ކުރިއަށް ދެވިދާނެ ގޮތެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު