ކުރިމަތިވާ ކާރިޡާތަކާއި އެހެނިހެން ހާދިސާތަކުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކުރެވޭ ފަދަ އުމްރާނީ ތަރައްޤީގެ ވަޞީލަތްތައް ޤާއިމްކުރުމަށާއި، ކާރިޡާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި ދިވެހިރާއްޖެ އަށް 16.5 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވާލްޑް ބޭންކުން ނިންމައިފި އެވެ.
މި އެހީގެ އެއްބަސްވުމުގައި މިދިޔަ ހަފްތާގައި ވަނީ ޑިޖިޓަލްކޮށް ސޮއިކުރެވިފަ އެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ފައިނޭންސް އަލްފާޟިލް އިބްރާހިމް އަމީރު ސޮއިކުރައްވާފައިވާއިރު، ވާލްޑް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ޑރ. އައިޑާ ސްވަރާއީ-ރިޑިހޯ އެވެ.
'މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް' ގެ ދަށުން، އެތައް ޒަމާނެއްވެފައިވާ ވެރިރަށް މާލޭގެ ފެންހިންދުމުގެ ނިޒާމްގެ ފެންވަރު މަތިކުރެވިގެންދާނެ އެވެ. މި ނިޒާމަކީ، 40 އަހަރުދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އަދި ބޭނުން ނުހިފޭ ހާލަތުގައިވާ ނިޒާމެކެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވެހޭ ވާރޭގެ ނިޞްބަތް އިތުރުވަމުން ގޮސްފައިވާއިރު، ފެންހިންދާ ހޮޅިތައް ހަލާކުވެފައިވުމާއި ބެދިފައިވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވުމުގެ އެތައް ހާދިސާތަކަކާ ކުރިމަތިލާންޖެހިފައިވެ އެވެ. މި ހާދިސާތަކުގެ ސަބަބުން، ވިޔަފާރިތަކަށާއި މަގުމަތީގެ ޓްރެފިކަށް އަސަރުކޮށް، ގިނަ އަދަދެއްގެ މުދަލަށް ގެއްލުން ލިބިފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން، ނަރުދަމާގެ ނިޒާމް މެދުވެރިކޮށް ހިންދޭ ފެން ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ބޭނުންވާ ސޫވޭޖް ޓްރީޓްމަންޓް ޕްލާންޓެއް، މާލޭގެ ތޮށްޖެހުން ކުޑަކޮށް އުމްރާނީ ތަރައްޤީ އަށް ދިވެހިންގެ މެދުގައި އޮތް ޑިމާންޑަށް ހައްލެއް ހޯދައިދިނުމަށްޓަކައި ޕްލޭންކޮށްގެން ދިވެހިރާއްޖޭގައި ތަރައްޤީކުރެވޭ ފުރަތަމަ ސިޓީ ކަމަށްވާ ހުޅުމާލޭގައި ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެ އެވެ. މި ޕްލާންޓްގެ ސަބަބުން، ރައްކާތެރި ނޫން ގޮތުގައި އުކާލެވޭ ފެން މި ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަށް އެޅުން މަދުވެގެން ދިއުމާ އެކު، ޞިއްޙީ ނުރައްކާތައް ކުޑަވެ، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ރާއްޖޭގެ މުޙިންމު ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތްތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވެވޭނެ އެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމުގައި ސާފުތާހިރުކަން މުހިންމު ދައުރެއް އަދާކުރާއިރު، މި ސޫވޭޖް ޓްރީޓްމަންޓް ޕްލާންޓްގެ ބޭނުން ވަނީ އިހުނަށްވުރެ ބޮޑުވެފަ އެވެ.
"ތޮށްޖެހިފައިވާ ސިޓީތަކުގައި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް. ޞަރަހައްދީ ހަބްތައް ޤާއިމްކޮށް، ތޮށްޖެހުން ކުޑަކުރުމަށް އަމާޒުކުރެވޭ ގެދޮރުވެރިކުރުމުގެ ސިޔާސަތުތައް ވެގެންދާނީ ޤުދުރަތީ ކާރިޡާތަކާއި ބަލިމަޑުކަން ފަދަ ކަންކަމުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކަށް،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާ ދެކޮޅަށް މިހާރަށް ވުރެ ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖެ އަށް އެހީތެރިވެދިނުމުގެ ގޮތުން، ދުރާލާ އިންޒާރުދޭ ޒަމާނީ ނިޒާމެއް ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ކުއްލި ޙާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރުމަށްޓަކައިވެސް މަސައްކަތްކުރެވޭނެ އެވެ.
"އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާއިރު، ފެންހިންދުމުގެ ނިޒާމްގެ ފެންވަރު ރަނގަޅުކޮށް، ވާރޭފެން ރައްކާކުރުމުގެ ސަބަބުން ހަމައެކަނި އިތުރުވެގެންދާނީ މި ރަށްރަށުގައި ލިބެންހުންނަ މީރުފެނުގެ މިންވަރެއް ނޫން. އެއާ އެކު، ބޮޑެތި އާބާދީތައް ދިރިއުޅޭ ޞަރަޙައްދުތަކުގައި އަލިފާން ނިއްވުމުގައި ބޭނުންކުރަން ހުންނަ ފެނުގެ ނިޞްބަތްވެސް އިތުރުވެގެންދާނެ،" ވާލްޑް ބޭންކުން މި މަޝްރޫއަށް ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރުން ކަމަށްވާ ކައުބަނާ އަމަންކައު-އަޔޭ އަދި ސުރާންގަ ކަހަންޑަވާ ވިދާޅުވި އެވެ.
އަލަށް ހިންގޭ 'އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް' ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ އިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަކުރެވޭނީ 16.5 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 8.25 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 8.25 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ.
- ވޯލްޑް ބޭންކް