ލޮބުވެތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް އުގަންނައިދެއްވާފައިވޭ. އެންމެހައި ފާފަތުން އެއްކިބާވުމަށާއި ﷲvއަށް އިސްތިޣްފާރުކުރަން. ޚާއްސަކޮށް ފާފައެއް ކުރެވިއްޖެނަމަ ﷲ އަށް އިސްތިޣްފާރުކުރަން.
ތަޢުބާނުވެވޭނެ އެއްވެސް ކުށެއްނެތެވެ! މިދުނިޔޭގައި މީހާ ހުރިހާ ހިނދަކު އޭނާ ފުރާނަ ސަލާމަތުން ހުރިހާ ހިނދަކު ހުރިހާ ކުށްތަކަކުންވެސް އޭނައަށް ތަޢުބާ ވެވޭނެއެވެ. މާތްﷲ ނުފުއްސަވާ އޮންނާނީ އެންމެ ފާފައެކެވެ. އެއީﷲ އަށް ޝަރީކަކުރުމެވެ. އެއީ ވެސް އެކަމުގެ މަތީގައި މީހާ މަރުވެއްޖެނަމައެވެ. އެކަމުންވެސް ތަޢުބާ ވެއްޖެނަމަ މާތް ﷲ އޭނާގެ ތަޢުބާ ޤަބޫލުކުރައްވަވާނެއެވެ.
ލޮބުވެތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ވަނީ އެންމެ ބޮޑުވެގެންވާ ހަތް ފާފައިން ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް އުގަންނަވައި ދެއްވަވައިފައެވެ. އެއީ އެފާފަތަކުގެ ސަބަބުން އިންސާނާގެ ދުނިޔެއާއި އާޚިރަތް ހަލާކުވެގެންދާނެ ހަތް ފާފައެވެ.
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްފުޅުކުރައްވާފައިވަނީ "ބޮޑު ނުރައްކާތެރިކަން ބޮޑު ހަތް ފާފައިން ތިޔއަބައިމީހުން ސަލާމްވެ ރައްކާތެރިވެ ތިބޭށޭ. އަސްހާބް ބޭކަލުން ދެންނެވި ﷲ ގެ ރަސޫލާއޭ! އެފާފަތަކަކީ ކޮބައިތޯއޭ؟ އިތުރު އެކަލޭގެފާނު ހަދީޘްފުޅުކުރެއްވެވީ "މާތްﷲ އަށް ޝަރީކުކުރުން ފުރަތަމަ ކަމަކަށް."
"ވީމާ ބޮޑު ހަތްފާފައިގެ ތެރެއިން އެންމެ ބޮޑު އެންމެ ފުރަތަމަ ބޮޑު ފާފައަކީ ކޮބާ؟ ﷲއަށް ޝަރީކުކުރުން. ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުން. އެހެންވީމާ އެކަމުން މުޢުމިނުން ދުރުވާންޖެހޭނެ. މުޢުމިނުން ޤަބޫލުކުރަންޖެހޭނެ ﷲގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއަތުކަމާއި އެކަލާނގެއެއީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހުކަމާއި އެނޫން އެހެން ފަރާތެއްނެތްކަން ހައްޤުވެގެން އަޅުކަންވެވޭ. އެކަލާނގެއަށް ރިވެތިވެގެންވާ ނަންފުޅުތަކާއި މަތިވެރި ސިފަފުޅުތައްވާކަން ޤަބޫލުކުރަންޖެހޭނެ. ވީމާ ޝަރީކުކުރުމާއި ދުރުވާންޖެހޭނެ ފުރަތަމަ ކަމަކަށް.
"އަދި ސިހުރު ހެދުން ދެވަނަކަމަކަށް. ސިހުރު ހެދުމަކީ އެއީ މާތްﷲ ޙަރާމްކުރައްވާފައިވާކަމެއް. މީހުން މެރުމަށް ސިހުރު ހެދުމާއި ދެމަފިރިން ވަކިކުރުމާއި، ސިހުރުގެ ހުރިހާ ބާވަތެއް މާތްﷲ ވަނީ ޙަރާމްކުރައްވާފައި. ސިހުރުވެރިޔާއަށްވަނީ އިސްލާމްދީނުގައި ގަދަފަދަ ހައްދު ކަނޑައަޅުއްވާފައި. ސިހުރަކީ ޙަރާމްކުރައްވާފައި އެއްޗެއް. ސިހުރަކީ ޝައިޠާނީ ޢަމަލެއް. ޝައިޠާނާއާ ގުޅިގެން ކުރާކަމެއް. ޖިންނީންނާ ގުޅިގެން ކުރެވޭކަމެއް. ޝައިޠާނީ ސިހުރުވެރި ޢަމަލުން އެއްކިބާވުމަށް މާތްﷲ ވަނީ އަންގަވާފައި. އެހެންވީމާ ބޮޑު ހަތްފާފައިގެން ތެރެއިންވެސް ދެވަނަ ކަމެއްގެގޮތުގައި ޝަރީކުކުރުމާއި ޖެހިގެން އަންނަ ބޮޑު ފާފައަކީ ސިހުރު ހެދުން. މިއީ މިކަމުގެ ނުބައިކަން ބޮޑުކަމުން ޝަރީކުކުރުމުގެ ނުބައި ފާފައާ ޖެހިގެން އޮންނަ ފާފައަކީ ސިހުރު ހެދުންވެގެން ދިޔައީ އެކަމުގެ ނުބައިކަމުން."
"ތިންވަނަ ކަމަކަށް ﷲގެ ރަސޫލާ ހަދީޘްކުރައްވަނީ ޙައްޤަކާ ނުލައި ފުރާނައެއް ދުއްވާލުން. ހައްޤަކާ ނުލައި ފުރާނައެއް ދުއްވާލުން އެއީ ނުބައި ފާފައެއްގެގޮތުގައި. ޙައްޤަކާނުލައި ފުރާނައެއް ދުއްވާލުން ޤަތުލުކުރުން މާރާމާރީ ހިންގުން މީހަކު މެރުން މިއީ ބޮޑު ހަތްފާފައިގެ ތެރޭގައި ތިންވަނަ ދަރަޖައިގައި އޮތް ފާފައެއް. ތިންވަނައަށް ބަޔާންކުރެވިފައިއޮތް ފާފަ. ބޮޑުކަމުން އޭގެ. ޙައްޤަކާނުލައި މާތްﷲ ހުރުމަތްތެރި ކުރެއްވި ފުރާނައެއް ދުއްވާލުން."
"ހަތަރުވަނަ ކަމަކަށް ރިބާ ކެއުން. ދަރަނި މީހުންނަށް ދިނުމަށްފަހު އެއަށް އިތުރުކޮށްގެން މީހުންގެ އަތުން ފައިސާ ނެގުން."
ފަސްވަނަ ކަމަކަށް ޔަތީމުންގެ މުދާ ކެއުން. ޔަތީމުންގެ މުދާ ނުހައްޤުން ކެއުން. އެކަމަކު ޔަތީމެއްގެ މުދާ ބަލަހައްޓަން ހަވާލުކުރެވިފައިވާ ފަރާތުން އެކަމަށްދާ ޚަރަދުތައް ކުރުމާއި އޭނަގެ އުޖޫރަ އެކަމުން ނެގުމަކީ އެއީ މައްސަލައެއްނޫން. ޙަރާމްވެގެންވަނީ ނުޙައްޤުން ކެއުން. ބާތިލްގޮތުގައި. ނާޖާއިޒްގޮތުގައި ބޭނުންކުރުން."
ހަވަނަކަމެއްގެ ގޮތުގައި މިވަނީ ހަނގުރާމައިގެ މައިދާނުން ފިލުން. ޖިހާދުގެ މައިދާނުން ފިލުން. އެއީ ހަވަނަ ކަމެއްގެ ގޮތުގައި."
"ހަތްވަނަ ކަމަކީ މުޢުމިން އިއްފަތްތެރި އަންހެނުންގެ އަބުރާ ބެހުން. އެމީހުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުން. ޙައްޤަކާ ނުލައި. އެމީހުންގެ އަބުރު ނަގާލުން. ނިކަން ބައްލަވާ މުއުމިން އަންހެނުންގެ އަބުރު އިސްލާމްދީނުގައި ހިމާޔަތްކޮށްފައިވާ މިންވަރު."
ވީމާ މިހަތް ފާފައިން މުސްލިމުން ދުރުވާންޖެހޭނެއެވެ. މިއިން އެއްވެސް ކަމަކަށް މީހަކަށް އަރައިގަނެވިފައިވާނަމަ އެމީހަކު ތަޢުބާވާންޖެހޭނެއެވެ. އެމީހުން ތަޢުބާވާންޖެހޭނެކަން ތަކުރާރުކުރަމެވެ. ކީރިތި ޤުރުޢާންގައި މާތްﷲ އަންގަވާފައިވަނީ އަމިއްލަ ނަފްސަށް ފާފަވެރިކަމުގައި އިސްރާފްކޮށްފައިވާ މީހުންވެސް ﷲ ހަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވީމާ މާތް ﷲ އެމީހުންނަށް ފުއްސަވާ ދެއްވަވާނެ ކަމަށެވެ. ސުބްޙާނަﷲ.
މާތްﷲ އެއީ ހުރިހާ ފާފައެއް ފުއްސަވާދެއްވާ ރަސްކަލާނގެއެވެ! މާތްﷲ އީ އޯގާތެރިވަންތަ ރަހީމްވަންތަ ގިނަ ގިނައިން ފުއްސަވާ ރަސްކަލާނގެއެވެ. އެހެންވީމާ މި ހަތް ފާފައިން އަޅުގަނޑުމެން ދުރުވުމަށް މަސައްކަތްކުރަންޖެހޭނެއެވެ. މިއިން ކަމަކަށް އަރައިގަނެވިފައިވާނަމަ މާތްﷲ އަށް އަޅުގަނޑުމެން ތަޢުބާވާންޖެހޭނެއެވެ.
އަޅުގަނޑުގެ ދުޢާއަކީ މާތްﷲ އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލެއްވެވުން. އާމީން
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
- ދަރުސްގެ ވީޑިއޯ: