ނަރުހުންގެ ޢިލްމާއި ޙިލްމާއި އަޅައިލުމާއި ނުލައި ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމް ނުހިނގާނެ ކަމަށާއި އަދި ކޮވިޑް 19 އިން ސަލާމަތްވުމަށް ކުރަމުން ގެންދާ މަސައްކަތެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިމޭރުމުން ވިދާޅުވީ މިއަދަނީ ބައިނަލްއަވާމީ ނަރުހުންގެ ދުވަސްކަމަށްވުމުން ނަރުހުންގެ ޚިދުމަތުގެ އަގުވަޒަން ކުރައްވައި މިރޭގެ ޕްރެސްގައި ދެއްކެވި ވާހަކަފުޅުގައެވެ.
މަބްރޫކުގެ ވާހަކަފުޅުން:
"ކޮވިޑް 19 އާއި ގުޅިގެން ކުރެވޭ މަސައްކަތުގައިވެސް އަދި އެނޫން ޙާލަތްތަކުގައިވެސް ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި އަބަދުވެސް އެންމެ އިސް ދައުރެއް އަދާކުރަމުން ގެންދާ އެއްބައަކީ ނަރުހުން. އެބޭފުޅުން އެތިއްބެވީ ހަށިގަނޑާއި ފުރާނަ ނުރައްކަލުގެ ތެރެއަށް ހިނގައިދާނެ ޙާލަތުގައި އަޅުގަނޑުމެންގެ ޚިދުމަތަށް ނުކުމެވަޑައިގެން!
އަމިއްލަ ޢާއިލާ އާއި ދުރުގަ ގިނަ އަދަދެއްގެ ނަރުހުން އެބަތިއްބެވި! ދަރިން ދޫކުރައްވާފަ ނުކުންނަވައި ކުރީ ސަފުގަ އެ ތިއްބެވީ ޤައުމަށް ވަރަށް މުހިންމު ޤައުމީ ޚިދުމަތަކަށް ކުރިމަތިލައްވައިގެން. އެއީ ޤައުމަށްޓަކައި ވެވަޑައިގަންނަވަމުން ގެންދަވާ ވަރަށް މަތިވެރި ޤުރްބާނީއެއް!
އެބޭފުޅުންގެ ޢިލްމާ ޙިލްމާ އަޅައިލުމާ ނުލައި ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމެއް ނުހިނގާނެ! އަދި ކޮވިޑް 19 އިން ސަލާމަތްވުމަށް ކުރަމުން ގެންދާ މަސައްކަތެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ! އެހެންވީމަ ކުރައްވަމުން ގެންދަވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރަން ޖެހޭ! ވީމާ ކޮވިޑް 19 އިން ސަލާމަތްވުމަށް މަސައްކަތްކުރާ ޓީމާ ދިވެހި ރައްޔިތުންގެ ނަމުގައި އެބޭފުޅުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން! އެބޭފުޅުންނަށްޓަކައި ޤައުމު ފަޚުރުވެރިވާކަން ފާހަގަކުރަން ޖެހޭ! ނަރުހުންނަށްވީތީވެ އެބޭފުޅުންނަސް އަޅުގަނޑު ޝުކުރު ދަންނަވަން! އެބޭފުޅުންނަކީ 24 ގަޑިއިރު ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅުންކަމަށްވީތީ އެބޭފުޅުންގެ ޚިދުމަތަށް ޝުކުރު ދަންނަވަން ބޭނުން!"