އަމިއްލަ ނަފްސުން އަޒުމްކަނޑައަޅައިގެން ކުރިއަށް ހިނގައިގެންފިނަމަ އެމީހަކަށް ކާމިޔާބުގެ މަންޒިލަށް ވާސިލްވެވިދާނެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިމޭރުމުން ވިދާޅުވެފައިވަނީ ރަމަޟާން މަހު ވަރަށް ގިނަ ތަފާތު ދަރުސްތައް ދެއްވުމަށްފަހު މިއަދު އަލަށް ފެށްޓެވި ނަޒަރިއްޔާތު ޕްރޮގްރާމް ފަށްޓަވަމުންނެވެ.
ޑރ. ޝަހީމްގެ ވާހަކަފުޅުން:
ރަމަޟާންމަހަށް ފަހުގައި އަޅުގަނޑުމެން ކުރިއަށް މިގެންދާ ޚާއްސަ ޕްރޮގްރާމްގެ ޚާއްސަ ސިލްސިލާއަށް އަޅުގަނޑުގެ ފަރާތުން ތިބޭފުޅުންނަށް މަރުހަބާ ދަންނަވަން! އަޅުގަނޑުމެންގެ މިސިލްސިލާގެ ނަމަނީ ނަޒަރިއްޔާތު.
ނަޒަރިއްޔާތު ޕްރޮގްރާމްގެ އަމާޒަކީ އެކި އެކި ކަންތައްތަކާއި ޚިޔާލް ބަދަލުކޮށް އަޅުގަނޑަށް ފެންނަ ނަޒަރުތައް، އަޅުގަނޑަށް ފެންނަ ބައެއް ޚިޔާލުތައް، އެމައުލޫތަކުގެ މައްޗަށް ތިބޭފުޅުންނާ ހިއްސާކުރުން.
މިސިލްސިލާގައި ވަރަށް ގިނަ މަޢުލޫތައް ކުރިއަށް އޮތް ތަނުގައި އަންނާނެ. ކޮންމެ ހުކުރު ދުވަހެއްގައި މިވަގުތުގައި އަޅުގަނޑު ތިބޭފުޅުންނާ ބައްދަލުކުރަނީ ކޮންމެވެސް މައުލޫމާތަކާ އެކުގައި ތިބޭފުޅުންނާ އަޅުގަނޑަށް ފެންނަ ބައެއް ޚިޔާލްތައް ހިއްސާކުރަން.
މިގޮތުން މިޕްރޮގްރާމްގައި ހުށަހެޅޭ ވާހަކަތަކަކީ ވަކިކަމަކަށް ވަކި ސިޔާސީ މަޤްސަދެއް އޮވެގެން ހުށަހެޅޭނެ ވާހަކަތަކެއްނޫން. މިއީ ހަމަ ސިޔާސީ އެކި އެކި ކަންތަކުގައިވެސް އިޖުތިމާއީ އެކި ކަންތައްތަކުގައިވެސް އަދި އިންސާނީ ހަޔާތަށް ބޭނުންވާ ހުރިހާ ކަމެއްގައި އަޅުގަނޑުމެންނަށް ފެންނަ އެއްޗެއް އެކަކު އަނެކަކަށް ހިއްސާކޮށް އެކަކު އަނެކަކަށް ޝެއަރކޮށްލުން.
ނަޒަރިއްޔާތު ޕްރޮގްރާމްގައި އަޅުގަނޑު ހިތަށްއެރި ފަށައިގަންނާނީ ކޮން މަޢުލޫއަކުންބާވައޭ. މިގޮތަށް ވިސްނާފައި އަޅުގަނޑަށް އެންމެ ބޮޑަށް ބުރަވެވުނީ ކާމިޔާބު މީހަކަށްވުމާ ބެހޭގޮތުން ފަށައިގަންނަން.
އެންމެ ފުރަތަމަ ނަޒަރު އަޅުގަނޑުމެން އަމާޒުކޮށްލަން ބޭނުންވަނީ ކާމިޔާބީއަށް. މިއަދު ކޮންމެ ޒުވާނަކުވެސް ބޭނުންވާނީ ކާމިޔާބީ ކަމަށް އެހެންނޫންތޯ. ދެމަފިރިއަކުވެސް ބޭނުންވާނީ އެމީހުންގެ ޒަވާޖީ ހަޔާތުގައި ކާމިޔާބު މީހަކަށްވާން އަރީސަކުވެސް ބޭނުންވާނީ އޭނާގެ ވެރިކަމުގައި ކާމިޔާބު މީހަކަށްވާން. މުދައްރިސަކުވެސް ބޭނުންވާނީ އޭނާ ކިޔަވައިދިނުމުގައި އޭނާއަކީ ކާމިޔާބު މީހަކަށްވާން. ކޮންމެ މީހަކުވެސް ބޭނުންވާނީ ކާމިޔާބު މީހަކަށްވާން. މާމިޔާބު މީހަކަށް ވާން ބޭނުންނުވާ މީހަކު ނުހުންނާނެ.
މަސްވެރިޔާވެސް ބޭނުންވާނީ އޭނާގެ އެމަސައްކަތުގައި ކާމިޔާބު މީހަކަށްވާން. ކައުންސިލަރުވެސް ބޭނުންވާނީ އޭނާގެ މަސައްކަތުގައި ކާމިޔާބު މީހަކަށްވާން. އެހެންވީމާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް، އަޅުގަނޑުވެސް ބޭނުން ކާމިޔާބު މީހަކަށްވާން. ތިބޭފުޅުންވެސް ބޭނުންވާނެ ކާމިޔާބު މީހަކަށްވާން. އެހެންވީމާ ކާމިޔާބު ސަހްސިއްޔަތަށް ވުމުގައި ކިހިނެތްތޯ އަޅުގަނޑުމެން ކަންތައްތައް ކުރަންޖެހޭނީ. ކިހިނެތްތޯ އަޅުގަނޑުމެން އެކަންތައްތައް ބަހައްޓަންޖެހޭނީ ކާމިޔާބު ސަހްސިއްޔަތަކަށް ވުމަށްޓަކައި.
އަޅުގަނޑު ދަންނަވަން ވާހަކައެއް، އިންސާނާގެ ސަހްސިއްޔަތުގައި، އިންސާނާގެ ނަފްސުގައި އެކަށިގެންވާ ސިފަތަކުގައި ފިތުރީ ހަމަތައް، މިހަމަތައް ޤާއިމްވެގެން މިވަނީ އޭނާ ކާމިޔާބާ ހަމައަށް ވާސިލްވުމަށްޓަކައި މަގުފަހި ކުރެވިގެންވާގޮތުގެ މައްޗަށް. މާނައަކީ އޭނާގެ އަމިއްލަ ނަފްސުން އަޒުމްކަނޑައަޅައި ގަތުމަށްފަހުގައި އޭނާ ހިނގައިގަނެފިކަމަށްވަނީނަމަ ކާމިޔާބުގެ މަންޒިލަށް އޭނާއަށް ވާސިލްވެވިދާނެ.
- ޑރ.މުޙައްމަދު ޝަހީމްޢަލީ ސަޢިދު