ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން 'ވެންސްޑޭޒް ވިތް ވިމެން އިން ޓެކް' ގެ ނަމުގައި ޕްރޮގްރާމެއް ފައްޓައިފިއެވެ.
މިއީ ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާގެ އެކި އެކި މަޢުލޫމާތު ހިއްސާކުރުމުގެ މަގުސަދުގައި ބާއްވާ އޮންލައިން ސެޝަންތަކެކެވެ. މިދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް ބާއްވާ މިސެޝަންތަކުގައި، ސައިންސްއާއި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން އެމީހުންގެ ތަޖުރިބާއާއި ޢިލްމު ހިއްސާކުރެވޭނެއެވެ. މިޕްރޮގްރާމް ފެއްޓުމުގެ ބޭނުމަކީ، ސައިންސްއާއި ޓެކްނޮލޮޖީ ހެޔޮ އަދި ރައްކާތެރިގޮތުގައި ބޭނުންކުރާ މުޖުތަމައުއެއް ބިނާކުރުމެވެ.
މިސެޝަންތައް ހިންގުމަށް ރޭވިފައިވަނީ ކޮންމެ 2 ހަފްތާއިން އެއް ހަފްތާއެއްގެ ބުދަދުވަހުއެވެ. ސެޝަންތަކުގެ ދިގުމުނަކީ 1 ގަޑިއިރެވެ. ކޮންމެ ސެޝަނެއް ހާއްސަކުރެވޭނީ ވަކި ސުރުހީއަކަށެވެ. އެއީ މަޢުލޫމަތު ދިނުމާއި ބަލައިގަތުން ފަސޭހަކުރުމުގެ ބޭނުމުގައެވެ. ސެޝަންތަކުގެ ތެރޭގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ ސެޝަންތައްވެސް ހިމެނޭނެއެވެ. މީގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކުރުމާމެދު އާންމުން ހޭލުންތެރިކުރުމުގެ ސެޝަންތައް ހިމެނެއެވެ.
މިސެޝަންތައް ބާއްވާ ދުވަސްތަކާއި ވަގުތުތައް އިގޭނޭހެން ވިމެން އިން ޓެކް މޯލްޑިވްސްގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން އިއުލާނު ކުރެވޭނެއެވެ. ސެޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ސެޝަނެއްގެ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވަންވާނެއެވެ. ރަޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުމުން ބައިވެރިންނަށް ކޮންފަރމޭޝަން އީމެއިލްއާއި މީޓިންގގެ ލިންކު ލިބިލައްވާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ބޭއްވޭ ހުރިހާ ސެޝަންތަކަކީ ހިލޭ ބައިވެރިވެވޭނެ ސެޝަންތަކެކެވެ.
27 މެއި 2020 ގައި މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ވަނީ ބޭއްވިފައެވެ. އެސެޝަން ހާއްސަކޮށްލެވުނީ ގޭގައި ތިބެގެން މަސައްކަތް ކުރުމުގައި ކުންފުނިތަކާއި އިދާރާތަކުގެ މުވައްޒަފުންނާއި ޑޭޓާ ރައްކާތެރިކުރުމާ ބެހޭގޮތުންނެވެ. އެއީ ކޮމްޕިޔުޓަރ ވިއުގަ އިތުރަށް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ދިމާވެދާނެ މައްސަލަތައް ދެނެގަނެ، ހައްލުކުރެވިދާނެ ގޮތްތައް ހިއްސާކުރެވުނު ސެޝަނެކެވެ. މި ސެޝަންގެ ބައިވެރިންގެ ހިޔާލުތަކުން ޕްރޮގްރާމްގެ އެދެވޭ ނަތީޖާ ލިބުނުކަމަށް ދައްކައެވެ. އަދި އިތުރު ސެޝަންތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަންވެސް ބައިވެރިން ފާޅުކުރިއެވެ. ކުރިއަށް ދެން އެންމެ އަވަހަށް އޮތީ 'ޑިޖިޓަލް ސޭފްޓީ' މިސުރުހީއަށް ހާއްސަކުރެވޭ އާންމު ސެޝަނެކެވެ. މިސެޝަންގައި ޑިޖިޓަލް މީޑިޔާ ބޭނުންކުރުމުގައި ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދޭންވީ އެކިއެކި ކަންތައްތަކަށް އަލިއަޅުވާލެވޭނެއެވެ. މިސެޝަން އޮންނާނީ 10 ޖޫން 2020 ވާ ބުދަ ދުވަހުއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ވިމެން އިން ޓެކް މޯލްޑިވްސްގެ ޓްވިޓަރ އަދި ފޭސްބުކް (ލިންކް) ޗެކްކުރައްވާށެވެ.
ވިމެން އިން ޓެކް މޯލްޑިވްސްއަކީ، ސައިންސް އަދި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށާއި މިދާއިރާގައި އަންހެން ކުދިން މަސައްކަތް ކުރުމަށް ބާރުއެޅުމަށާއި އަދި މިދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ މަސައްކަތްތައް އާންމުކޮށް އެފަދަ އަންހެނުންގެ ހިއްސާ ފާހަގަކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ އެންމެ މުހިއްމު ބޭނުމަކީ މިދާއިރާއިން ލިބެން ހުރި ފުރުސަތުތައް ހާމަކޮށް އަދި މިދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. އަދި މީގެ ސަބަބުން އަންހެނުން ކުރިއަރާ އަދި މުޖުތަމަޢަށް ފައިދާ ހުރި ކަންތައްތަކެއް ކޮށްދިނުމެވެ.