ނޮވެމްބަރު 3 ގެ އުދުވާނީ ޙަމަލާ އާއި ގުޅިގެން 25 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ގެންދަމުން ލަންކާއަށް ބޭސްފަރުވާއަށް ފޮނުވުމުން ފިލި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ ފިލި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޝަރީޢަތުގައި އޭނާއަށް ވަކާލާތުކޮށްދޭނެ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން އޭނާއަށް ދީފިއެވެ.
މުއްދަތު ދިނީ ކްރިމިނަލް ކޯޓުގައި ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ލުތުފީ އެދުމުން ގާނޫނުގައިވާ ގޮތުގެ މަތިން އޭނާއަށް ވަކީލަކު އައްޔަންކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
ލުޠްފީ ނުފިލި ނަމަ މިހާރު އޭނާ ހުންނާނީ މިނިވަންވެފައެވެ. އޭނާ އާއި އެއް ޙުކުމެއް ކުރި ނާޞިރު މިހާރު ވަނީ މިނިވަންވެފައެވެ.
ލުޠްފީ ފިލައި ލަންކާ އަންހެނަކާއި ކައިވެނިކޮށް ލަންކާގައި ދިރިއުޅެމުން އަންނަނިކޮށް ލަންކާގެ ހޮޓާތަކަށް ދިންޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ލަންކާގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ މީހުން ހޯދައި ހައްޔަރުކުރަން ފެށުމުން ލުޠްފީ ލަންކާގައި ހުންނަ ދިވެހި އެމްބސީއަށް ގޮސް ޙަވާލުވީ އަމިއްލައަށެވެ.
ނޮވެމްބަރު 3 ގައި އެތައް ބައަކު ޝަހީދުކޮށް އެތައް ބައަކަށް ބޮޑެތި އަނިޔާތައް ދިނުމުގެ ސަބަބުން ލުޠްފީއަކީ ދިވެހިންގެ ވަރަށްގިނަ ބައަކު ރުޅިއަންނަ، ނަފްރަތުކުރާ މީހެކެވެ.
ޕޮޓޯ؛އަވަސް