ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވްގައި ޑިޕްލޮމެޓިކް މިޝަން ޤާއިމްކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފިއެވެ. ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފައިވަނީ މިކަމަށްޓަކައި ވަރޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޕާކިސްތާން ހައިކޮމިޝަނަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއެވެ. ލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ޑެޒިގްނޭޓް އާތަރް މުޚްތާރުއެވެ.
މާލޭގައި ޤާއިމްކޮށްފައި ހުރި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުމާލެއަށް ބަދަލުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް އެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނާއި، ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ފަސޭހަކުރުމުގެ ގޮތުންނެވެ.
ކުރީ ސަރުކާރުން ޕާކިސްތާނަށް ހައިކޮމިޝަން ޤާއިމްކުރުމަށް 3000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައިވީނަމަވެސް، މިސަރުކާރުން ވަނީ 12000 އަކަފޫޓުގެ ބިމަކަށް ބަދަލުކޮށްފައެވެ. އަދި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިޕްލޮމެޓިކް އެންކްލޭވްގެ މެދުތެރެއިން މީގެ ދެގުނަ ބޮޑު ބިމެއް ރާއްޖެއަށް ދޭނެކަމަށް ޕާކިސްތާން ސަފީރު އިއްޔެ ވަނީ ވިދާޅުވެފައެވެ.
- ފޮރިން މިނިސްޓްރީ