ޤިޔާމަތް ދުވަސް އޮތީ ހާދަ ގާތުގައެވެ! ތިއަހުރީ އެއްވެސް ވަރަކަށް ތައްޔާރުވެގެން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޤިޔާމަތް ދުވަސް އޮތީ ހާދަ ގާތުގައެވެ! ތިއަހުރީ އެއްވެސް ވަރަކަށް ތައްޔާރުވެގެން ހެއްޔެވެ؟

"ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ." (އަލްމަޢްރިޖް: 6) 

މިއީ ޤިޔާމަތްދުވަހާއިމެދު ޣާފިލުވގެން ތިބި މީހުން ދެކޭ ގޮތެވެ. ނަމަވެސް އެދުވަހާއިމެދު ޣާފިލުނުވާ މީހުން އެދުވަހާއިމެދު ދެކެނީ އެދުވަހަކީ އެދުވަހަކީ ދާދިގާތުގައި އޮތް ދުވަހެއްގެ ގޮތުގައެވެ. އެހެނީ މަރުވުމުން އެމީހަކަށް އެވަނީ ޤިޔާމަތްވެފައެވެ. އެހިސާބުން އެމީހަކަށް ޤިޔާމަތް ދުވަސް އެވަނީ ފެށިފައެވެ. މަރުވެ ވަޅުލެވުމާއިއެކު ފެށިގެންދާ ބަރުޒަޚްގެ ޢާލަމްގެ ދުވަސްތަކަކީ ފުރަތަމަ މަރުހަލާއެވެ. 

ދުނިޔޭގެ ޙަޔާތަކީ އިންސާނާއަށް ބާރުތަކަކާއި އިޚްތިޔާރުތަކެއް ﷲ ތަޢާލާ ދެއްވަވާފައިވާ ދުވަސްތަކެކެވެ. އެބާރުތައް އަނބުރައި ގެންދަވަންދެންނެވެ. މިސާލަކަށް ބުނާނަމަ ޕރެލައިޒްވުން، ކޯމާއަކަށް ދާން ޖެހުން ނުވަތަ ނުކުޅެދުންތެރި ޙާލަތެއް ކުރިމަތިވުން ފަދަ ހިތާމަވެރި ގޮތެއް މެދުވެރިވަންދެން އެމީހަކަށް އެމީހަކު ބޭނުން ގޮތަކަށް ބައެއް ކަންކަން ކުރުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. 

ކިތަންމެ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކު ނަމަވެސް އެމީހަކަށް މަރުގެ މަލާއިކަތާ ފެންނަ ހިސާބުން ފެށިގެން އެމީހާގެ ހުރިހާ ބާރުތަކެއް އެމީހާއަށް ގެއްލިގެންދެއެވެ. ވީމާ އެވަގުތުން ފެށިގެން އެމީހަކަށް އެވަނީ ޤިޔާމަތް ދުވަސް ފެށިފައެވެ. 

ޤިޔާމަތް ދުވަސް ކާމިޔާބު ކުރެވޭނީ އަތްފޯރާފަށުގައި އެދުވަސް އޮތްކަމަށް ޤަބޫލުކުރާ މީޙުންނަށެވެ! ފަތިހު ނިދީން ހޭލެވިއްޖެ ނަމަ އެދުވަހުގެ އިރުއޮއްސެންދެން ދުނިޔޭގައި ނުހުރެދާނެ ކަމަށާއި އިރުއޮއްސިއްޖެނަމަ އިރުއަރަންދެން ދުނިޔޭގައި ނުހުރެދާނެކަމަށް ޤަބޫލުކުރަން އޮންނަނީ މި ސަބަބަށްޓަކައެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން