ހޯދާ އަގު ބޮޑު އެނދުން ކުރާނީ ކޮން ފައިދާއެއް؟ އޮންނަން ޖެހޭނެ ތަންމައްޗަކީ ވެލިގަނޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހޯދާ އަގު ބޮޑު އެނދުން ކުރާނީ ކޮން ފައިދާއެއް؟ އޮންނަން ޖެހޭނެ ތަންމައްޗަކީ ވެލިގަނޑު!

ބައެއް މީހުން ނިދައިލާނެ އަރާމު އެނދާއި ގޮދަޑިއާއި އެފަދަ ތަކެތި ހޯދަން އެތައް ހާސް ރުފިޔާއެއް އެބަ ޚަރަދުކުރެއެވެ. ފަޤީރަކަށް އެންމެ ރުފިޔާއެއް ޞަދަޤާތްކޮށްލުން އެއީ ވަރަށް ބުރަކަމެއް ކަމަށް ދެކެމުން ނިދާނެ އެނދު ގަންނަން އެތައް ހާސް ރުފިޔާއެއް އެބަ ޚަރަދުކުރެއެވެ.  

ކިތަންމެ ބޮޑު ހޭދައެއްކޮށްގެން ކިތަންމެ އަގު ބޮޑު އެނދެއް ހޯދައިގެން ކިތަންމެ އަރާމު ތަންމައްޗެއްގައި ނިދިނަމަވެސް ނިދޭނީ މަރުވަންދެންނެވެ. މަރުވުމުން ޖެހޭނީ ހަމަ ވަޅުލެވޭށެވެ! ތިބާ އެތަންމައްޗެއްގައި އެންމެ ގިނަ ދުވަހު އޮންނާނެ ތަންމައްޗަކީ ބިމުގައި ހުރިވެއްޔެވެ! ފަސްގަނޑެވެ! ޤަބޫލުކުރަން ކިތަންމެ ބޭނުން ނުވި ނަމަވެސް ޙަޤީޤަތަކީ މިއީއެވެ. 

ވީމާ އެތަންމައްޗަކީ އަރާމު ތަންމައްޗަކަށް ހަދަން މަސައްކަތްކުރާށެވެ! މާނައަކީ މަރުވެ ވަޅުލެވުމުން އޮންނަން ޖެހޭ ތަންމައްޗަކީ އަރާމު ތަންމައްޗަކަށް ހަދާށެވެ! އެކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ތަންމަތި އަރާމުކަމުން ފަތިސް ނަމާދަށް ނުހޭލެވޭނަމަ އެތަންމައްޗަކީ އަރާމު ތަންމައްޗެއްކަމަށް ނުދެކޭށެވެ! އެއީ ތިބާގެ ހަލާކުކަމަށް ދެކޭށެވެ! 

ރަސޫލް (ޞޢވ) އަވަހާރަފުޅު ލެއްޕެވީ ބުރަކަށިފުޅުދަށުގައި އޮތް ކުނާފުޅުގެ ފާހަގަތައް ބުރަކަށިފުޅުން ފެންނަ ފަދަ ޙާލުކޮޅުގައެވެ. އެއަށްވުރެ އަރާމު ތަންމައްޗެއް ހަދިޔާކުރައްވަން ޞަޙާބީއަކު އުޅުއްވެވުމުން އެކަންވެސް ރަސޫލް (ޞޢވ) ވަނީ ޤަބޫލުފުޅު ނުކުރައްވަވައިފައެވެ. 

އެކަމުން އެނގިގެންދަނީ މުހިންމީ ނިދާނެ އަރާމުތަންމައްޗެއް ނޫން ކަމެވެ. ނިދީން ހޭލައި ދަމުނަމާދުކުރުމާއި ފަތިސް ނަމާދު އެ ނަމާދުގެ ވަޤުތުގައި ކުރުން ކަމެވެ! ނިދާނެ ތަންމަތި ހޯދާއިރު މިކަންކަމަށް ވިސްނައިގެން ކަންކަން ކުރާށެވެ! އެތައް ހާސް ރިޔާލައަކަށް ގަންނަ އަރާމު ތަންމައްޗަކަށްވުރެ ޞަދަޤާތްކުރާ އެންމެ ރިޔާލައަކުން ލިބޭނެ ފައިދާ އެތައް ގުނައެއް ބޮޑުވެދާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން