އިންސާނުންގެ ތެރެއިން ކުރިއެރުން ލިބި ދިރިއުޅުމާއި އާޚިރަތް ކާމިޔާބުކުރެވިފައިވަނީ ކަންކަން ދިމާވުމުން ތެޅިފޮޅި ނުގަންނަ މީހުންނަށެވެ. އެކަން މެދުވެރިވީ ކޮންމެވެސް މީހެއްގެ ސަބަބުން ކަމަށްބަލައި އެހެން މީހުންނަށް އިނގިލި ދިއްނުކުރާ މީހުންނަށެވެ. އެކަން މެދުވެރިވީ ﷲ ތަޢާލާގެ މިންވަރުފުޅުންކަން ޤަބޫލުކޮށް މައްސލަތަކާއިއެކު ކުރިއަށްދާން މަސައްކަތްކުރާ މީހުންނަށެވެ.
މީހުންގެ ބޮލުގައި ކަންކަން އެޅުވުމުގެ ބަދަލުގައި ކުރަންޖެހޭ ކަމަކީ ބައްދަލުވާ މީހުންނާއިމެދު ސަމާލުވެ އެމީހުން ދެނެގަންނަން މަސައްކަތްކުރުމެވެ. އެމީހާގެ ސަބަބެއް ލިބޭނީ ކޮން ފައިދާއެއްކަމާއިމެދު ވިސްނުމުގެ ބަދަލުގައި އަބަދުވެސް ވިސްނަންވާނީ އެމީހާގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިދާނެ ކަމާއިމެދުގައެވެ.
ކައިވެންޏަށް ބައިވެރިއަކު އިޚްތިޔާރުކުރާއިރުވެސް މިބުނި ކަންކަމަށް ސަމާލުކަންދޭންވާނެއެވެ! އެމީހާގެ ސަބަބުން ލިބިދާނެ ދުނިޔަވީ އުފާތަކުގެ ބަދަލުގައި އެމީހާގެ ސަބަބުން ތިމާގެ އީމާންކަމަށް އެއްވެސް އުނިކަމެއް އަތުވެދާނެކަމާއިމެދު ވިސްނަންވާނެއެވެ. ދުނިޔަވީ އުފާތައް ކިތަންމެ ގިނައިން ލިބުނު ނަމަވެސް އީމާންކަމުން ޒައްރެއްގެ މިންވަރު ގެއްލިގެން ދިއުމާި ނުބައްދަލުކަން އަބަދުވެސް ޔަޤީންކޮށްގެން ހުންނާށެވެ!
އެމީހެއްގެ ސަބަބުން ސިކުނޑިއަށް ބުރަ އުފުލަންޖެހިދާނެ މީހުންނާއި ކައިރިނުވާށެވެ! އެމީހާ ބުނަނީ ބުނަނީ އިޞްލާޙްވާނެ ކަމަށް ކަމުގައިވަނީނަމަ އިޞްލާހްވެގެން އައުމަށް ބުނާށެވެ! އޞްލާހްވެ އެކަން އަމަލުން ސާބިތުކޮށް ދައްކަން ބުނާށެވެ! ތަޤްވާވެރިވުމާއި އަޚްލާޤް ރަނގަޅުކުރުމަކީ ކައިވެންޏަށްފަހު ކުރަން ބާއްވާކަމަކަށް ނުހަދާށެވެ! ތަޤްވާވެރިވުމާއި އަޚްލާޤް ރަނގަޅުކުރުމާއި ނަމާދުކުރުން ފަދަ ކަންކަމަކީ ވަކިކަމެއް ޙާޞިލުކުރެވުމުން ކުރަން އޮތް ކަމެއް ކަމަށް ދެކޭނަމަ އެމީހަކަށް އަދި އެހުރެވެނީ ރަނގަޅު ވިސްނުމެއްގައެއް ނޫނެވެ! އެހެނީ އެއީ އަބަދުވެސް އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކެވެ.
ވީމާ ކޮންމެހެން ހުންނަން ޖެހޭނެ ސިފަތައް ފަހުން ބަހައްޓަން ބުނާބުނުން ޤަބޫލުނުކުރާށެވެ! އަދި ތިމާއަށް ގޯސްކޮށް އުޅެވެނީ މިވެނި މީހެއްގެ ސަބަބުން ކަމަށާއި ތިބާ އާއި ކައިވެނިކުރެވުމުން ކަންކަން އިޞްލާހް ކުރާނެ ކަމަށް ބުނާބުނުން އެއްގޮތަކަށްވެސް ޤަބޫލުނުކުރާށެވެ! އެމީހަކީ ﷲ ތަޢާލާއަށް ތެދުވެރިއެއްކަން ޔަޤިންކުރެވޭނީ މިކަންކަމަށް ބެލުމުންނެވެ! ﷲ ތަޢާލާއަށް ތެދުވެރިއެއް ކަމުގައި ނުވާނަމަ ތިބާއަށް ތެދުވެރިވާނެ ކަމަށް ހީވެސް ނުކުރާށެވެ! އެމީހަކަށް ހުރިހާ ނިޢްމަތްތަކެއް ދެއްވަވާ ފަރާތަށް ތެދުވެރި ނުވާ މީހަކަށް އެއްވެސް އިންސާނަކަށް ތެދުވެރިއެއް ނުވެވޭނެއެވެ! އިސާހިތަކު މޫނުގައި ކޮޅުފައިން ޖަހާނެއެވެ!
ކައިވެނީގެ ކުރިން މިކަންކަމަށް ބަލައި ވިސްނައިފިނަމަ ޒަވާޖީ ހަޔާތް ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން