ހިތާމަ އާ ހިތްދަތިކަމުގެ ވަގުތުގައި އަމަލުކުރަން ﷲ އެންގެވިގޮތް...!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހިތާމަ އާ ހިތްދަތިކަމުގެ ވަގުތުގައި އަމަލުކުރަން ﷲ އެންގެވިގޮތް...!: މުފްތީ މެންކް

ކޮންމެ މީހަކީވެސް ކަންބޮޑުވުމާއި ހިތްދަތިކަމާއި އަދި ހާސްކަމާއި ކުރިމަތިލާން ޖެހޭނެ މީހެކެވެ. ހިތަށް ދަތިވާނެ އެތައް ކަމަކާއި ކުރިމަތިލާން ޖެހޭނެ މީހެކެވެ. އަހަރެމެންގެ ތެރެއިން ކޮނަމެ މީހަކަށް އެފަދަ ކަމެއް މެދުވެރިވިނަމަވެސް ﷲ ތަޢާލާ އެކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކަންކަން މެދުވެރިވާނެކަންވެސް ދެނެވޮޑިގެންވެއެވެ. 

އެހެންވެ އެކަންކަމުން އަރައިގަތުމަށް ޢަމަލުކުރަންވީ ގޮތް ވެސް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އަންނަނިވި 3 އާޔަތަށް ވިސްނައިލާށެވެ! 

"ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." 

"ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙްވިދާޅުވާށެވެ! އަދި ސަޖިދަ ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!" 

"އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!"

(އަލްހިޖްރު: 97،98،99)  

ކަންބޮޑުވާންޖެހޭ ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް ފުރަތަމަ ކަމެއްގެ ގޮތުން އަވަހަށް ވުޟޫކޮށް ދެރަކްޢަތް ނަމާދެއްކޮށްލާށެވެ! ނަމާދުގެ ސަޖިދަ ތަންކޮޅެއް ދިގުކޮށްލައި ﷲ ތަޢާލާއަށް ތަސްބީޙް ކިޔާށެވެ! ކުރިމަތިވެފައިވާ ޙާލަތުގެ ވާހަކައިން ދަންނަވައި ދުޢާކުރާށެވެ! ނަމާދު ނިންމައިލުމަށްފަހުވެސް ދެއަތް އުފުލައި ދުޢާކުރާށެވެ! 

ﷲ ތައާލާ އަންގަވާފައި އެވަނީ ހިތާމައިގެ ނުވަތަ ކަންބޮޑުވާންޖެހޭ ކަންކަމާއި ގުޅިގެން ސަޖިދަކޮށް ﷲ ތަޢާލާއަށް ޙަމްދުޘަނާ ކިޔައި ތަސްބީޙް ކިޔުމަށެވެ. އަދި އެކަމުގައި ސާބިތުވެ ދެމިހުރުމަށެވެ. މަރުވުމަށް ދާންދެން އެކަމުގައި ސާބިތުވެ ހުރުމަށެވެ. 

މީސްތަކުންނޭވެ! ރޭގަނޑުގެ ފަހު ދަންފަޅީގައި ނިދަން ނޯންނާށެވެ! ތެދުވެ މިބުނި ފަދައިން ޢަމަލުކުރަމުން ގެންދާށެވެ! އެމީހަކު ނިކަމެތިކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! އެމީހާގެ އާދޭސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެތެވެ! ދުޢާ ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ 

ޢާންމުކޮށް ދިގުކޮށް ސަޖިދަ ނުކުރާ މީހުންނަށް އެކަންކުރަން ފުރަތަމަކޮޅު އުނދަގޫވެދާނެއެވެ! ނަމަވެސް ހިތްވަރުކުރާށެވެ! އެކަމަކީ ކުރަން ފަސޭހަ ކަމެއް ކަމުގައިވެގެންދާނެއެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން