ކައިވެނި ރޫޅުމަށްފަހު އަނެކާގެ ވާހަކަ ދެއްކޭނީ އިމުގަ! އިމުން ބޭރުވުމަކީ ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކައިވެނި ރޫޅުމަށްފަހު އަނެކާގެ ވާހަކަ ދެއްކޭނީ އިމުގަ! އިމުން ބޭރުވުމަކީ ފާފައެއް!

އަބަދުވެސް ބުނާފަދައިން ކޮންމެ ކައިވެންޏަކީވެސް ވެވޭ އަހުދުނާމާއެކެވެ. އެއަށް ޢަމަލުކުރުން ލާޒިމް އަހުދުނާމާއެކެވެ. އެ އަހުދުނާމާގެ ބައެއް މާއްދާތަކަކީ އަހުދުނާމާ އުވައިލި ނަމަވެސް ދެމަފިރިން ނުވަތަ ދެމަފިރިންކުރެ އެކަކު ނަމަވެސް ދިރިތިބިހާ ދުވަހަކަށް ދެމިގެންވާނެ މާއްދާތަކެކެވެ. އެއްވެސް ހިސާބަކުން އުވައި ނުލެވޭނެ މާއްދާތަކެކެވެ. މުޅި އުމުރަށް ދަމހައްޓަން ޖެހޭނެ ކަންތައްތަކެކެވެ. 

އެއިގެ ތެރެއިން އެއްކަމަކީ އަނެކާގެ ސިއްރުތަކާއި ހަށިގަނޑުގެ އެތެރެފުށާއ ބޭރުފުށުގައި ހިމެނިގެންވާ ސިއްރުތަކެވެ. ވީމާ ކޮންމެ ފަދަ ސަބަބެއް މެދުވެރިވެގެން ދެމަފިރިން ވަކިވާން ޖެހުނު ނަމަވެސް އަނެކާގެ އުނިސިފަތަކާއި އައިބު ކަންކަން އެއްވެސް މީހަކަށް ކިޔައިދީ ހާމަކޮށްގެން ނުވާނެއެވެ. ފަހުން އިތުރު މީހަކާ ކައިވެނިކުރިނަމަވެސް އެމީހަކަށްވެސް ކިޔައިދީގެންނުވާނެއެވެ. 

އެކަންކަން ކޮށްފިނަމަ އެކުރެވެނީ ފާފައެކެވެ. ސަބަބަކީ ކައިވެނީގެ ފުރަތަމަ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެކަކު އަނެކެއްގެ ސިއްރުތައް ހިފެހެއްޓުމެވެ. ވީމާ ކައިވެނިކޮށްގެން އެކުގައި އުޅެފައި ކައިވެނި ރޫޅައިލުމަކުން ކައިވެނީގެ މުއްދަތުގައި ދެމަފިރިންގެ މެދުގައި ކުރެވުނު ކަންކަމާއި ދެކެވުނު ވާހަކަތަކާއި ފެނުނު ކަންކަމާއި އިވުނު އަޑުތައް ބޭޒާރުކުރުމުގެ ހުއްދަ ހަމައެކަކަށްވެސް ލިބިގެނެއް ނުދެއެވެ. 

އެހެންކަމުން ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މީހަކު ސުވާލުކޮށްފިނަމަ، އޭނާއަކީ ރުޅިގަދަ، ނުވަތަ ރުޅި މަޑު މީހެއްކަމަށް ބުނެވިދާނެއެވެ. އެއީވެސް މީހަކު ސުވާލުކޮށްފިނަމައެވެ. މީހަކު ސުވާލުކުރިނަމަވެސް އޭނާގެ ހަށިގަނޑުގެ ސިފަ ނުވަތަ އެއްވެސް ޢައިބުކަމެއްގެ ވާހަކަ ދައްކައިގެން ނުވާނެއެވެ. އެކަމެއް އެހެން ބައަކަށް އެނގުމުން އޭނާ ދެރަވާނެ އެއްވެސް ކަމެއްގެ ވާހަކަ ދައްކައި ބޭޒާރުކޮށްގެން ނުވާނެއެވެ. 

ކައިވެނި ރޫޅެން ޖެހުނު ނަމަވެސް އަދި ދެ މީހުންނަކީ ދުރުގައި ތިބޭނެ ދެ މީހުން ކަމުގައިވީނަމަވެސް އެއްވެސް ޙާލެއްގައި ދެމީހުންނަކީ ދުޝްމިނުން ކަމުގައިވެގެން ނުވާނެއެވެ. ދެމީހުންވެސް ވާންޖެހޭނީ ހަމަ އެކުވެރިން ކަމުގައެވެ. އެކަކު އަނެކަކަް ހެޔޮ އެދޭ މީހެއް ކަމުގައެވެ. އެއްވެސް ޙާލެއްގައި ދެ ހަތުރުންނަށް ބަދަލުވެގެން ނުވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން