ވޭތުކުރަމުން މިދާ އަހަރަކީ ވަރަށް ތަފާތު އަހަރެކެވެ. އާދެ ! ކޮވިޑް 19 ގެ ސަބަބުން އަޅުގަނޑުމެންގެ އާދަތަކާއި ދިރިއުޅުމާއި އަޅުކަންތައް އަދާކުރުމުގައިވެސް ތަފާތުތަކަކާ ކުރިމަތިލާން ޖެހިފައިވާ އަހަރެކެވެ. މި އަހަރަކީ ވަރަށް މަދު މީސްކޮޅަކަށް މެނުވީ ހައްޖުވުމުގެ ފުރުސަތު ލިބިގެންދާނޭ އަހަރެކެވެ. އެހެންކަމުގައި ވީނަމަވެސް، އަޅުގަނޑުމެން ކުރިމަތިލަމުން މި ދަނީ ދުނިޔޭގައި ﷲ ލެއްވެވި އެންމެ މާތް 10 ދުވަހާއެވެ. ހައްޖު މަހުގެ ފުރަތަމަ 10 ދުވަހެވެ. ހައްޖަށް ގިނަ ބަޔަކަށް ނުދެވޭ އިރު، މި މާތް ދުވަސްތަކުގައި ކުރެވޭނީ ކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެންގެ ހިތަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.
މި ލިޔުމުގައި ހައްޖުމަހުގެ މި ދުވަސްތަކުގައި ކުރެވިދާނޭ ބައެއް ކަންކަން ހިމަނާލާނަމެވެ.
1. ހައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުން:
ހައްޖުމަސް ފެށުމާއެކު ރޯދަ ހިފަން އަޒުމް ކަނޑައަޅުއްވާށެވެ. އަދި ޢަރަފާތް ދުވަސް، ހައްޖުމަހުގެ ނުވަ ވަނަ ދުވަހު ރޯދަ ހިފުމަށް ޙާއްސަ ކަމެއް ދެއްވާށެވެ. އެއީ ނަބިއްޔާ ﷺ ގެ ޙާދީޘް ބަސްފުޅެއްގައި ބަޔާންވެ އައިސްފައިވެއެވެ. "ޢަރަފާތް ދުވަހުގައި ރޯދަހިފުމުން ދެ އަހަރު ދުވަހުގެ ފާފަ ފުހިވިގެން ދެއެވެ. އެއީ ފާއިތުވީ އަހަރާއި ކުރިއަށް އަންނަން އޮތް އަހަރުގެއެވެ." ~ މުސްލިމް ~ ވީމާ، އެންމެ ހެޔޮވެގެންވާ މި ދުވަސް ތަކުގައި އެންމެ ހެޔޮ ޢަމަލުތަކުގެތެރެއިންވާ ރޯދަ ހިއްޕަވާށެވެ.
2. ﷲ ސުބްޙާނަހޫ ވަތަޢާލާ ހަނދުމަ ކުރުން:
މިކަމުގައި މި ދުވަސްތަކުގައި ތަހްމީދު ކިޔުމާއި، ތަހްލީލު ކިޔުމާއި އަދި ތަސްބީހަ ކިޔާށެވެ.
ތަހްމީދު : الحمد لله
ތަހްލީލު : لآ اِلَهَ اِلّا اللّهُ
ތަސްބީހަ : سُـبْـحَـانَ ٱلله
މި ޢިބާރާތްތަށް ބޭނުންކޮށް މި ދުވަސްތަކުގައި އަބަދުވެސް އަޅުގަނޑުމެން ދޫ ތެއްކޮށް ބެހެއްޓުމަށް މަސައްކަތްކުރުން އެއީ މި ދުވަސް ތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމުގެ ތެރެއިންވާނޭ ކަމެކެވެ.
3. ކުޅަދާނަވެގެންވާ މީހާ އެދުވަހުގައި ﷲ އަށް ޤުރުބާން ކުރުން (އުޟުހިޔާ ކަތިލުން):
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( لَن يَنَالَ اللَّـهَ لُحُومُهَا وَلَا دِمَاؤُهَا وَلَـٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ) ~ ސޫރަތުލް ޙައްޖު ~ މާނައީ: " އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ ޙަޟްރަތަށްދަނީ، ތަޤުވާވެރިކަމެވެ"
ހައްޖު މަހުގެ 10 ، 11 އަދި 12 މިއިން ކޮންމެވެސް އެއް ދުވަހެއްގައި ކުޅަދާނަވެގެންވާ މީހާ އުޟުހިޔާ ކަތިލައްވާށެވެ. އުޟުހިޔާ ކަތިލެވޭނީ ނަޢަމްސޫފީގެ ތެރޭގައި ހިމެނޭ ޖަނަވާރެވެ. ގެރި، ބަކަރި އަދި ޖަމަލުންނެވެ. މި ނޫން ޘަޤާފީ ގޮތުން ރާއްޖޭގައިވެސް ކޮންމެވެސް ވަރަކަށް ކޮށް އުޅޭ ފަދައިން ކުކުޅުފަދަ އެއްޗެހި ކަތިލި ކަމުގައިވިޔަސް އުޟުހިޔާގެ ތެރެއިން ނުހިމެނޭނެއެވެ. މިކަމުގައި އެންމެ ހެޔޮވެގެންވާ ގޮތަކީ ތިބާ ހުރި ތަނެއްގައި މިކަންކުރުމެވެ. ނަމަވެސް، އެގޮތަށް އެކަންކުރަން ކުޅަދާނަ ނޫންކަމުގައިވަނީނަމަ މި ޒަމާނަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އިންޓަރނެޓްގެ ޒަރިއްޔާއިން އިތުބާރު ކުރެވޭ ފަރާތެއް މެދުވެރިކޮށް މިކަން ކޮށްލެވިދާނެ ޒަމާނެކެވެ.
އެގޮތުން ދިވެހިރާއްޖޭގައި މިކަމުގައި ވަރަށް އިތުބާރު ހިފޭ ޖަމިއްޔާއެއްވެސް އަޅުގަނޑު މި ލިޔުމުގައި ހިމާނާލަން ގަސްތުކުރަމެވެ. އެއީ އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން އެވެ. https://www.facebook.com/628602883990627/posts/1452648588252715/ މި ލިންކް އަށް ވަދެވަޑައިގެން އެބޭފުޅުންގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު މި ހެޔޮވެގެންވާ ޢަމަލުގައި ބައިވެރިވެ ލައްވާށެވެ.
4. ހެޔޮ ޢަމަލުތައް ގިނަކުރުން:
އަޅުގަނޑުމެން މުސްލިމުންނަށް ހެޔޮ ޢަމަލުތަކަކީ ކޮބައިކަން އެނގޭނެއެވެ. އެހެންނަމަވެސް، ހަނދުމަކޮށްދިނުމަކީ އޭގައި ފައިދާތަކެއް އެކުލެވިގެންވާ ކަމަކެވެ. އެގޮތުން މި ކަންކަން މި ދުވަސް ތަކުގައި އިތުރު ފަރުވާތެރިކަމެއް ދެއްވައިގެން ކުރެވޭތޯ މަސައްކަތް ކުރައްވާށެވެ.
- ގިނަގިނައިން ޤުރުއާން ކިޔެވުން
- ޞަދަޤާތްކުރުން
- މައިންބަފައިންނަށް ހެޔޮކޮށް ހިތުން
- ސުންނަތް ނަމާދުތަށް ކުރުމަށް ޙާއްސަކަމެއް ދިނުން، އެގޮތުން ރަވާތިބު ސުންނަގެ 12 ރަކުޢަތާއި، ޟުހާ ނަމާދާއި، ދަމު ނަމާދު ހަންދާން ނައްތާނުލުން
- ގިނަގިނައިން ހެޔޮ ދުޢާ ކުރުން
މިއީ މި ދުވަސްތަކުގައި ކުރެވިދާނެ މުހިންމެ ކަންކަމެވެ. އަޅުގަނޑުގެ ދުޢާއަކީ މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ހެޔޮ ޢަމަލުކުރުމުގައި އަޅުގަނޑުމެންނަށް ސާބިތުވެ ތިބުމުގެ ތައުފީޤު މާތް ﷲ މިންވަރުކުރެއްވުމެވެ.
- (މިއީ " އެންމެ ހެޔޮވެގެންވާ ދިހަ ދުވަސް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް " މި މައުޟޫއަށް މުޙައްމަދު ސަމޫހް ލިޔުއްވައި މިއަދުނޫހާއި ހިއްޞާކޮށްދެއްވާފައިވާ ލިޔުމެކެވެ.)