ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން މިއަހަރުގެ ޙައްޖުމަސް މިވަނީ މީސްތަކުންނާއި ބައްދަލުކޮށްފައެވެ! މިރެއަކީ ފުރަތަމަ ރެއެވެ. މާދަމާއަކީ ފުރަތަމަ ދުވަހެވެ. ވީމާ މާދަމާއިން ފެށިގެން ކުރިއަށް 9 ދުވަހު ރޯދަ ހިފުމަކީ މިދުވަސްތަކުގައި (ޙައްޖުވުން ފިޔަވައި) ކުރެވޭނެ އެންމެ މަތިވެރި އަޅުކަމެވެ.
އެހެނީ ރޯދައަކީ އަޅުކަމުގެ ތެރެއިން އެންމެ ގިނަ ޘަވާބު ދެއްވަވާ އަޅުކަމެވެ. އަޅުކަމަށް ދެއްވަވާނެ ޘަވާބު ލިޔުއްވަވާނީ ހަމައެކަނި ﷲ ތަޢާލާއެވެ. މަލާއިކަތުން ލިޔުއްވަވާނީ ހަމައެކަނި ރޯދަ ހިފި ކަމަށެވެ.
މިއީ ތަޤްވާވެރިކަމުގައި ރޭސްޖަހަންވީ ފުރުޞަތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ.
"--- ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި ތިއަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިއަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ." (އަލް ޙުޖްރާތު: 13)
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ފައިދާބޮޑު އެންމެ ބޮޑު އިނާމެ ލިބޭނެ ރޭހަކީ ތަޤްވާވެރިކަމުގެ ރޭހެވެ.
މިރޭހުގައި ބައިވެރިވާށެވެ! ޙަޤީޤީ އެވޯޑް، އެންމެފައިދާހުރި އެވޯޑް ލިބުންވަނީ މިރޭހުން ކުރި ހޯދިއްޖެނަމައެވެ. މިރޭހުގައި އެންމެ ގިނަ ޕޮއިންޓް ލިބުންވަނީ (ޙައްޖުވުން ފިޔަވައި) ރޯދަހިފުން ގިނަކުރިވަރަކުންނެވެ.
ކިރިޔާވެސް ކުޅަދާނަކަން ހުރި ނަމަ ކުރިއަށް އޮތް މި 9 ދުވަހު ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! ހުރިހާ ދުވަހަކު ނުހިފޭނެ ނަމަ ހިފުނު އެންމެ ގިނައިން ހިފާށެވެ! ހަމައެއާއިއެކު ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރުމުގައި ސާބިތުވާށެވެ! އެނޫންވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ!
ރޭހުން އެންމެ ކުރި ހޯދަން މަސައްކަތްކުރާށެވެ! އެންމެ ކުރީ ސަފުން ޖާގަހޯދަން މަސައްކަތްކުރާށެވެ! އަނަން އަހަރުގެ މިދުވަސް އަންނައިރު ދުނިޔޭގައި ހުރެވޭނެ ކަމުގެ ގަރަންޓީ ހަމައެކަކަށްވެސް ނެތެވެ! ވީމާ މިއީ މިކަމަށް ލިބޭ އެންމެ ފަހު ފުރުޞަތުކަމަށްވެސް ވެދާނެ ކަމަށް ބަލައިގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން