އަހަރެންގެ ރަޙްމަތްތެރިއަކަށް ގުޅާނުލެވި ދުވަސްކޮޅެއްވުމަށްފަހު ދަރުސަކަށް ދައުވަތުދޭން ގުޅައިލީމެވެ. އޭނާހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އޭނާ ބުނީ އޭނާގެ އަންހެނުން ސްޓްރޯކެއް ޖެހިގެން ގުޅިކަމަށާއި މެސެޖުވެސް ކުރިކަމަށެވެ. ނަމަވެސް އަހަރެން އެއްވެސް ޖަވާބެއް ނުދޭކަމަށެވެ.
އަހަރެން އެކަމަށް މާފަށް އެދުނީމެވެ. ނަމަވެސް އެކޯލު ފާހަގައެއް ނުކުރެވެއެވެ. އަދި މެސެޖްވެސް ކިޔައިލެވިފައެއް ނުވެއެވެ. އެކަންކަން ބަޔާންކުރުމުން އޭނާ ކިޔައިދިނެވެ.
"އަހަރެންގެ އަންހެނުންނަށް ވަރަށް ވަރުގަދަ ސްޓްރޯކެއް ޖެހި އެކުގައި ވަރަށް ބޮޑަށް ވާގިނެތުނެވެ. ބައެއް ޑޮކްޓަރުން އުންމީދުވެސް ކުޑަކުރިއެވެ. ބައެއް ޑޮކްޓަރުން ބުނީ ރަނގަޅުވާން ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ. ނަމަވެސް އަޅުގަނޑު އެއިން އެއްވެސް ކަމެއް ޤަބޫލެއް ނުކުރަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ.
ހަމަ ކުރިއާއި އެއްގޮތަށް ދަމުނަމާދު ކުރަމެވެ. ފަތިސް ނަމާދުކުރަމެވެ. ނިދީން ހޭލެވުމާއިއެކު ފުރަތަމަ ކަމަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުދަންނަވަމެވެ. އެއީ އަނބިމީހާ އެހާލުގައި އޮތް ނަމަވެސް އަޅުގަނޑާއި ޢާއލާގެ އެންމެން ގަދަވެ ސަލާމަތުން ލަހައްޓަވާފައިވާތީއެވެ. ކޮންމެ ދުވަހަކުވެސް ބަނޑުހައިހޫނުކަން ފިލާވަރަށް ރިޒުޤް ދެއްވަވާތީއެވެ. ދެންވެސް ދެއްވަވާފައިވާ ނިޢްމަތްތައް ވަރަށް ގިނައެވެ.
އިމާމްއެވެ. ކެތްތެރިވެ ދުޢާކުރުން އިތުރުކުރީމެވެ! ނަތީޖާ ދަންނަވަންތޯއެވެ! މަސްދުވަސް ނުވަނީސް އަނބިމީހާ ހޮސްޕިޓަލުން ގެއަށް ގެނެވިއްޖެއެވެ. މިހާރު ހިނގައިވެސް އުޅެވެއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުން ކޮންމެ ދުވަހަކުވެސް ފެންނަނީ އިތުރަށް ރަނގަޅުވަމުން އަންނަތަނެވެ. މިހާރު ކުޑަކޮށް ވާހަކަވެސް ދެކެވެއެވެ!"
މިވާހަކަ މިކިޔައިދިނީ އިންސާނުންނަށް ކަންބޮޑުވާންޖެހޭނެ އެތައްކަމެއް ކުރިމަތިކުރައްވަވައި ﷲ ތަޢާލާ އިމްތިޙާންކުރައްވަވާނެ ކަމާއި ކެތްތެރިވެ ފާސްވެއްޖެ ނަމަ ރަހްމަތް އޮއްސަވާނެކަން ބަޔާންކުރުމަށެވެ. އޭނާއަށް ކުރިމަތިވި ބޮޑު ހިތާމައިން ކާމިޔާބު މިންވަރުކުރެއްވެވި ގޮތް ނިކަން ދެކިބަލާށެވެ!
ބައެއް މީހުންނަށް އިމްތިޙާނުގެ މުއްދަތު ކުރުކުރައްވަވައެވެ. އަނެއްބައި މީހުންނަށް އެއަށްވުރެ ދިގުކުރައްވަވައެވެ. ޔަޤީންކަމަކީ އިމްތީޙާނުގައި ކެތްތެރިވެ ޝުކުރުކުރުމުގައި ސާބިތުވެއްޖެ ނަމަ ހީވެސް ނުކުރެވޭ ފަދަ ބޮޑެތި ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމެވެ! އިން ޝާ ﷲ
އިސްލާމީ ތިލަފަތުގެ ދަރުސަކުން