ކާފިރުން މަރުވެ ކައްވަޅުގައި ވަޅުލެވުމުން 2 މަލާއިކަތުން ވަޑައިގެން ސުވާލުކުރެއްވެވުމަށްފަހު އޭނާ ރަނގަޅަށް ﷲ ތަޢާލާ އެންގެވި ގޮތަށް އުޅުނު ނަމަ ސުވަރުގެއިން ލިބޭނެ މަތިވެރި ދަރަޖަ ދެއްކެވުމަށްފަހު ނަރަކައާއި ދިމާއިން އިތުރު ދޮރެއް ހުޅުއްވަވާނެއެވެ. އަދި އޭނާއަށް ބުނެވޭނެތެވެ! "އޭ ﷲ ގެ ޢަދުއްވާއެވެ! ބަލާށެވެ! މިހިރީ ކަލޭ ވަންނަން ހުރިތަނެވެ."
އަދި އެދޮރުން ނަރައިގެ ހޫނުކަން އޭނާއަށް ލިބެންފަށާނެ ކަމަށާއި ޤިޔާމަތާއި ހަމައަށް ދާނީ ޢަޛާބު ލިބެމުން ކަމަށްވެސް ބުނެވެއެވެ.
އިތުރު ޙަދީޘްފުޅެއްގައިވެއެވެ. ގޮވައިލެވޭއަޑު އޭނާއަށް އިވޭނެއެވެ! "ނަރަކައިގެ ފޭރާން އޭނާއަށް ދޭށެވެ! ނަރަކައިގެ ތަންމަތި (ޖާގަ) އޭނާއަށް ދޭށެވެ! އޭނާއަށް ނަރަކައިން ދޮރެއް ހުޅުވާށެވެ!"
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ވާހަކަތައް ކިޔައިދިނުމުން އަޑުއިވޭ ވަގުތު ހިތަށް ބިރުވެރިކަން ވަންނާނެއެވެ! ހިތާމައަކީ ދާދިކުޑަ ވގުތުކޮޅެއްގެ ތެރޭގައި ހަނދުމަނެތިގެންދާ ކަމެވެ! އެއްވެސް ސަމާލުކަމެއް ނުދެވޭ ކަމެވެ.
ކައްވަޅުގެ ޢަޛާބަށް ޣާފިލުނުވާށެވެ! ކައްވަޅުގެ ޢަޛާބު ލިބޭނީ ހަމައެކަނި ކާފިރުންނަކަށް ނޫނެވެ. މުސްލިމެއް ނަމަވެސް ޢަޛާބު ޙައްޤުވާފަދައިން ދުނިޔޭގެ ދުވަސްތައް ހޭދަކޮށްފިނަމަ އެމީހަކަށް ކައްވަޅުގައިވެސް ޢަޛާބު ދެއްވަވާނެކަން ޙަދީޘްފުޅުން އޮތީ އެނގޭށެވެ!
މިދެއްކެނީ ކައްވަޅުގެ ވާހަކައެވެ! އަދި ޤިޔާމަތް ދުވަހުގެ ޙާލަކީ ކޮބައިހެއްޔެވެ؟ ބިރުވެތިވާންވީ އެދުވަހަށެވެ! ނަރަކައަށެވެ! ނަރަކައިގެ ފޭރާންލެއްވި އަތްފައިގައި ހިލިހިލާޖެހި ނަރަކައަށް އެއްލައިލެވޭ މީހަކަށްވެދާނެ ކަމަށްޓަކައެވެ. ނަރަކައިގައި އަނދައަނދައި އޮންނަން ޖެހިދާނެ މީހަކަށްވެދާނެ ކަމަށްޓަކައެވެ.
- ޝައިޚް އަހްމަދު ޢަލީގެ ދަރުސަކުން