ޙައްޖުމަހުގެ ފުރަތަމ ދިހަ ދުވަސް އިޙްޔާކުރުމުގެ މަތިވެރިކަން: އުސްތާޛް ޙުސައިން ރަޝިދު އަޙްމަދު

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 59ސ
ޙައްޖުމަހުގެ ފުރަތަމ ދިހަ ދުވަސް އިޙްޔާކުރުމުގެ މަތިވެރިކަން: އުސްތާޛް ޙުސައިން ރަޝިދު އަޙްމަދު

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!

މިއަދަކީ ޙައްޖުމަސް ފެށުނު ދުވަހެވެ. މިއީ މާތް ﷲ ޙުރްމަތްތެރި ކުރެއްވި ހަތަރު މައްސަރުގެ ތެރެއިން ހަަތަރުވަނަ މައްސަރެވެ. ޙައްޖުގެ މާތް ވެެގެންވާ އަޅުކަން އަދާކުރެވޭ މައްސަރެވެ. 

މިމަހުގެ މާތްކަން ބޮޑަށް އެކުލެވިފައިވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ތެރޭގައެވެ. އެހެންކަމުން އެދިހަ ދުވަހުގެ މާތްކަމުގެ ބޮޑުކަމުން މާތް ﷲ ވަނީ އެދުވަސްތައް ގަންދެއްވައި ހުވައިގެ ބަސްފުޅު ވަޙީކުރަށްވާފައެވެ. ވަޙީ ކުރަށްވަނީ: ]وَالْفَجْرِ وَلَيَالٍ عَشْرٍ[ މިއެވެ. މާނައީ: ފަތިސް ނަމާދާއި ފަތިސް ވަގުތު ގަންދެއްވަމެވެ. އަދި ޙައްޖު މަހުގެ ދިހަ ރޭ ގަންދެއްވަމެވެ.

މިދިހަ ދުވަހަކީ ދުވަސްތަކުގެ ތެރެއިން މާތް ﷲ މާތް  ކުރެއްވި އެންމެ މާތް ދިހަ ދުވަހެވެ. ޙުރުމަތްތެރި ހަތަރު މަހުގެ ތެރެއިން އެންމެ މާތް ދުވަސްވަރެވެ. މިދުވަސްވަރު ކުރަން އޮންނަ އެންމެ މުހިއްމު ކަމަކީ މުސްލިމުންގެ ތެރެއިން ކުޅަދާނަވީ މީހަކު ކަޢުބަތު ﷲ ގެފުޅަށް ގޮސް ﷲ ގެ ނަންފުޅުގައި ޙައްޖު ވުމެވެ. ޢުމުރާގެ އަޅުކަންތައް އަދާ ކުރުމެވެ. 

މިދުވަސްތަކުގައި ގިނަގިނައިން އަޅުކަން ކުރުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. ޞަދަޤާތް ދިނުމާއި ރޯދަ ހިފުމާއި ހެއުޢަމަލުކޮށް ހެދުމެވެ. ތަކްބީރު ކިއުމާއި ޙަމްދުކުރުމާއި ތަސްބީޙަ ކިއުމާއި ތަހްލީލުކޮށް ހެދުމެވެ. ގިނަގިނައިން ދުޢާކުރުމާއި ގާތްތިމާގެ ކަމުގެ ގުޅުން ބޭއްވުމާއި އެގުޅުން ބަދެހި ކުރުމާއި މީސްމީހުންނާއެކު ހިނިތުން މޫނަކާއެކު މުޢާމަލާތް ކުރުމާއި ތިމާގެ މައިންބަފައިން ހަނދުމަކުުޅައުމާއި އެއުރެންނަށްޓަކައި ޚާއްޞަކޮށް ދުޢާކުރުމާއި އެއުރެން ދިރިތިބި ނަމަ ޚިދުމަތް ކުރުމާއި رَسُولُ اللَّهِ ﷺ  އަށް ގިނިގަނައިން ޞަލަވާތް ކިޔެވުމާއި އެކަލޭގެފާނުންގެ ސުއްނަތުގެތެރެއިން ތިމާއަށް ޢަމަލު ނުވެވިހުރި ކަންކަމުގެ ތެރެއިން ކޮންމެވެސް ކަންތައްތަކަކަށް ޢަމަލުކުރުމާއި އެކަންކަން ދިރުވަން މަސައްކަތް ކުރުމެވެ. 

މިދިހަ ދުވަހު ތިމާއަށް ހިފުނު މިންވަރަކަށް ރޯދަ ހިފުން ސުއްނަތް ވެގެންވާ ކަމުގައި ދީނުގެ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ޚާއްޞަކޮށް ޢަރަފާތް ދުވަހުގެ ރޯދައެވެ. ޢަރަފާތް ދުވަހުގެ ރޯދަ ހިފުން ސުއްނަތް ވެގެން ވަނީ ޙައްޖުވެރިން ނޫން މީހުންނަށެވެ. ޢީދު ދުވަސް ފިޔަވައެވެ. ޢީދު ދުވަހު ރޯދަ ހިފުމަކީ ޙަަރާމްވެގެންވާ ކަމެކެވެ. އިމާމު މުސްލިމު ރިވާކުރަށްވާފައިވާ ޙަދީޘެއްގައި ވެއެވެ. رَسُولُ اللَّهِ ﷺ ޙަދީޘު ކުރެއްވިއެވެ. ]صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ[ މާނައީ: ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ދަރުމަހުރި ކަމެކެވެ. ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެރޯދަ ހިފާމީހާގެ ވެއަތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފައިގެ ކައްފާރާއަކަށް މާތް ﷲ އެރޯދަ ލައްވާފައި ވެއެވެ.

މިދުވަސްވަރު ތިމާއަށް ވެވުމު މިންވަރަކުން ޞަދަޤާތް ދިނުން މުސްތަޙައްބު ވެގެން ވެއެވެ. ޚާއްޞަކޮށް ޢީދުގެ އުފަލުގައި ނިކަމެތިން ބައިވެރި ކުރުމުގެ ނިޔަތުގައެވެ. އެމީހުންގެ ހެއުދުޢާ ތިމާއަށް ލިބުމުގެ އުއްމީދުގައެވެ. 

މިދިހަ ދުވަހުގެ ތެރޭގައި ކުރަން ސުއްނަތްވެގެންވާ އަޅުކަންތައްތަކުގެ ތެރޭން ހިމެނޭ ބައެއް ކަންކަމަކީ ޢަރަފާތް ވިލޭރޭގެ ފަތިސް ނަމާދުން ފެށިގެން ތޭރަ ވަނަ ދުވަހުގެ ޢަޞުރު ނަމާދު ނިމެންދެން ކޮންމެ ނަމާދެއްގެ ފަހުގައި ތަކްބީރު ކިއުމާއި އެކިއެކި ތަންތާގައި ތަކްބީރުގެ އަޑު އުފުލުމާއި އަންހެން ފިރިހެން ކުދިބޮޑު އެންމެން ޢީދު ނަމާދަށް ދިއުމާއި ޢީދު ޚުޠުބާއަޑު އެހުމާއި ޢީދުގެ ފަހުން ތިމާއަށް ކުޅަދާނަ ވެގެންވާނަމަ އުޟްޙިޔާ ކަތިލުމެވެ. އެއީ ތިމާއާއި ތިމާގެ މައިންބަފައިންނާއި ތިމާގެ ދަރިންގެ ނަމުގައި ކަތިލެވޭ ބަކަރިއެކެވެ. މިއީ ގަދަވެގެންވާ ސުއްނަތެކެވެ. ކީރިތި ރަސޫލާ ދެބަކަރި ކަތިލައްވަވާ ކަމަށް ޞައްޙަ ޙަދީޘުން ސާބިތުވެގެން ވެއެވެ. ބަކަރި ކަތިނުލެވޭނަމަ އެފައިސާ މުހުތާދުންނަށް ބަހައިލާނީއެވެ.  

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނާއި މުޅި އިސްލާމީ އުއްމަތް މިދުވަސްތަކުގެ ބަރަކާތުން ދެދުނިޔެ ބާއްޖަވެރި ކުރަށްވައި ބަލާ މުޞީބާތުން އެއުރެން އެންމެން ސަލާމަތް ކޮށްދެއްވުމެވެ. އާމީން! 

]رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ  رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ[

وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ

މިއަދު އޮންލައިން