އަހަރުގެ ވަކި ދުވަސްތަކެއް ﷲ ތަޢާލާ ވަނީ މާތް ކުރައްވަވައިފައެވެ. އަދި އެދުވަސްތައް ﷲ ތަޢާލާ ހިމަނުއްވަވާފައިވަނީ ވިދިވިދިގެނެއް ނޫނެވެ. މުޅި އަހަރުގެ އެކި މަސްތަކަށް ބެހިގެންވާ ގޮތަށެވެ. މިގޮތަށް މިކަންކަން ހިމަނުއްވަވާފައި މިވަނީ ވަރަށް މަތިވެރި ސަބަބަކަށްޓަކައެވެ.
އެދުވަސްތަކަކީ ގުޅިފައިވީ ދުވަސްތަކެއް ނަމަ އަޅުކަންކޮށް މީސްތަކުން ވަރުބަލިވާނެއެވެ. އަދި ފުޫހިވެސް ވެދާނެއެވެ. ނަމަވެސް މުޅި އަހަރު ދުވަހަށް ބައްސަވާލައްވައި އޮތުމުން މިބުނި ފަދަ ގޮތްތައް މެދުވެރިއެއް ނުވާނެއެވެ. މިއީ މިކަމުގައި އަހުރެންގެ ވިސްނުމެވެ.
އަހަރެމެން ކޮންމެ މީހަކީވެސް އަބަދުވެސް ކޮންމެވެސް ފާފަތަކެއް ކުރެވެމުންދާނެ މީހެކެވެ. ވީމާ އަހަރުތެރޭގައި ވަކި ދުވަސްތަކެއް މާތްކުރައްވަވައި އެއީ އަޅުކަންކުރުން އިތުރުކުރަންޖެހޭ ދުވަސްތަކެއް ކަމުގައި ލައްވަވާފައި މިވަނީ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ. އެއީ އެކަމުގެ ސަބަބުން އެމީހާއަށް ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުމަށްޓަކައެވެ.
އަހަރެމެންނަށް އޮތީ ﷲ ތަޢާލާ ދެއްވަވާ މިފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ. ވީހައި ގިނައިން ހެޔޮ ޢަމަލުތައްކޮށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި މަސައްކަތްކުރުމެވެ. މިދުވަސްތަކުގައި ކުރާ އަޅުކަމަށް ދެއްވަވާ ޘަވާބު އިތުރުކުރައްވަވާފައި އޮތުމުން ގަދައަޅައި މަސައްކަތްކުރަންވީ ހެޔޮކަމުގެ ފަތުގައި ވީހައި ގިނަ ހެޔޮ އަމަލުތަކެއް ލިޔުއްވޭތޯއެވެ!
އަހަރުގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ކުރެއްވެވި 10 ދުވަހުގެ ތެރެއިން ފުރަތަމަ ދުވަސް މިއަދު އަޅުގަނޑުމެންނާއި ވަކިވެގެން ދިއައީ އެވެ. އަދި 9 ދުވަސް ބާކީ އެބައޮތެވެ! ފުރުޞަތު ނަގައިނުލާށެވެ! މަރާއި ކުރިމަތިލާން ޖެހޭނީ ކޮންވަގުތަކުކަން އެނގޭނެ ހަމަ އެކަކުވެސް ނެތެވެ! މީޒާނުގައި ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލަން ދެއްވަވާ މިފަދަ ފުރުޞަތުތަކުގެ ބޭނުން އެްމެ ހެޔޮގޮތުގައި ހިފާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން