އުތެމަ އާ އެމްޑީއެން ކުރީ އެއްކަމެއް! ޤާނޫނީ ފިޔަވަޅު އެޅުން އަވަސްކުރޭ!: މަދަނީ ޖަމިއްޔާތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 41ސ
އުތެމަ އާ އެމްޑީއެން ކުރީ އެއްކަމެއް! ޤާނޫނީ ފިޔަވަޅު އެޅުން އަވަސްކުރޭ!: މަދަނީ ޖަމިއްޔާތައް

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އުތެމަ ނަމަކަށްކިޔާ ޖަމިއްޔާއިންނާއި އެމްޑީއެން އިން ކުރީ ހަމައެއްކަމެއްކަން ބަޔާންކޮށް އެ ދެ ޖަމިއްޔާގެ އިސްވެރިންނާއިމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް 15 މަދަނީ ޖަމިއްޔާއަކުން ގޮވާލައިފިއެވެ. 

އުތެމަ ޖަމްޢިއްޔާގެ ރިޕޯޓްތައް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާއަކުން ނެރުނު ބަޔާން

ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ޖަމްޢިއްޔާއެއް ކަމަށްވާ "މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް.ޑީ.އެން)" އިން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށާއި، މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށްފައިވާކަން ރާއްޖޭގެ ޢިލްމުވެރިންގެ ބަސްފުޅުތަކުންނާއި ފުލުހުންގެ ތަޙުޤީޤުން ސާބިތުވެ، އެކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި ކައުންސިލްތަކާއި ޖަމްޢިއްޔާތަކެއް އަޑު އުފުލުމުން، 2019 ޑިސެމްބަރ 19 ވަނަ ދުވަހު، ދިވެހި ސަރުކާރުންވަނީ އެޖަމްޢިއްޔާ އުވާލާފައެވެ. ނަމަވެސް، އެ ހަޑިމުޑުދާރު ޢަމަލު ހިންގި ފަރާތްތަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމީ އަޅުގަނޑުމެން ނުހަނު އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ. 

މިކަން މިހެން އޮއްވައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "އުތެމަ" އިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި "އެމް.ޑީ.އެން"ގެ ރިޕޯޓު ބަލައިގަނެ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނާ ޚިލާފު ކަންތައްތައް ބަލައިގަތުމަށް ގޮވާލާފައިވުމީ އަދި މާ ބިރުވެރި ނުރައްކާތެރި ކަމެއްކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަމެވެ. އަދި މީގެ އިތުރުން މިއަހަރުގެ ނޮވެމްބަރ މަހު އ.ދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އިދާރާއިން ބާއްވާ "ޔޫ.ޕީ.އާރު"ގެ 36 ވަނަ ބައްދަލުވުމަށް ހުށަހެޅުމަށް އުތެމަ އާއި އެމް.ޑީ.އެން އަދި ފުރާންސްގެ "އެފް.އައި.ޑީ.އެޗް(އިންޓަނޭޝަނަލް ފެޑެރޭޝަން ފޮރ ހިޔުމަން ރައިޓްސް)" ކިޔާ މަދަނީ ޖަމްޢިއްޔާއެއް ގުޅިގެން 03 އޮކްޓޯބަރ 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި ބެހޭ ރިޕޯޓުގައިވަނީ ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި ޣައިރު ދީންތަކަށް ފުރުޞަތު ދިނުމަށް ގޮވާލާފައެވެ. އަދި ޒިނޭކުރުމުގެ ޙައްދު ޤާނޫނީ ޢުޤޫބާތުން އުނިކުރުމަށާއި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލައި އިސްލާމްދީނުގެ ޙައްދުތަކަށްވަނީ ފާޅުގައި އިންކާރުކޮށްފައެވެ. 

އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި "ޖިންސީ ގުޅުންތައް" އެއްވެސް ހުރަހެއް ނެތި ހިންގުމާއި އެފަދަ ކަންތައްތައް ކުރާ މީހުންނަށް ޤާނޫނީ ރައްކާތެރިކަން ދިނުމަށްވެސްވަނީ ގޮވާލާފައެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކަށް ގޮންޖަހާ ދިވެހި ދަޢުލަތުގެ ހަމައެކަނި ދީންކަމަށްވާ އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރައެއްކަމަށް އަޅުގަނޑުމެން ދެކެމެވެ. އަދި މިފަދަ ޢަމަލުތައް މިފަސްގަނޑުގައި ހިންގިގެން ވާނެކަމަށް އަޅުގަނޑުމެން ނުދެކެމެވެ. އަދި މިގޮތަށް ތަކުރާރުކޮށް އެކި ފާޑު ފާޑު ރިޕޯޓުތަކުގެ ނަމުގައި އިސްލާމްދީނާއި  އެދީނުގެ ޙުކުމްތަކަށް ފާޑުކިޔުމަކީ މުޖުތަމަޢުގައި ނަފުރަތު އުފެއްދުމުގެ ޢަމަލެއް ކަމާއިމެދު އަޅުގަނޑުމެން ޝައްކެތް ނުކުރަމެވެ. އަދި މިއީ ދިވެހިންގެ ދީނަށް އިޙުތިރާމު ކުޑަކުރުމެވެ. އަދި މިއީ ﷲގެ ދީނަށް ފުރަގަސްދީ އެދީނުން މޫނު އަނބުރާލުމެވެ. 

ވީމާ، އަޅުގަނޑުމެން ގޮވާލަނީ އެމް.ޑީ.އެންގެ ރިޕޯޓު ތަޙުޤީޤުކުރި އުޞޫލުން އުތެމައިން މިހުށަހަޅާ ރިޕޯޓު ތަޙުޤީޤުކޮށް، އެ ހަޑިމުޑުދާރު ލާދީނީ ޢަމަލު ހިންގި "އެމް.ޑީ.އެން" އާއި "އުތެމަ" އިން މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށެވެ. އަދި މިފަދަ ނަފްރަތްތެރި ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖޭގެ ވެރިންނަށާއި، ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ.

22 ޖުލައި 2020

ބަޔާން ނެރޭ ޖަމްޢިއްޔާތައް

1. އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނެސް (އަސާ) / ހއ. އުލިގަމު 16. ޔޫނިއަން ސްޕޯރޓްސް ކްލަބު / އއ. މަތިވެރި

2. ޖަމްޢިއްޔަތު ރިސާލާ / ހދ. ނޮޅިވަރަން 17. ޖަމްޢިއްޔަތުލް ޤަލަމް / އދ. ދަނގެތި

3. ކެތި އަރާ / ހދ. ހަނިމާދޫ 18. ޒުވާނުންގެ ކްލަބު / އދ. ދަނގެތި

4. ސާއްބަ އެކުވެރި ކްލަބު / ހދ. ހަނިމާދޫ 19. ޖަމްޢިއްޔަތުލް އަންވާރު / އދ. ދަނގެތި

5. ހޮޅުދޫ އިސްލާމިކް މޫވްމަންޓް / ނ. ހޮޅުދޫ 20. ދަނގެތި މަސައްކަތްތެރިންގެ ޖަމްޢިއްޔާ / އދ. ދަނގެތި

6. ސްމާރޓް ސޮސައިޓީ / ނ. މަނަދޫ 21. އަލްތަޛްކީރު / އދ. އޮމަދޫ

7. ނިދާއުލްއިސްލާމް / ނ. ފޮއްދޫ 22. ހޭޅި ސްޕޯރޓްސް ކްލަބު / އދ. އޮމަދޫ

8. ޔުނައިޓެޑް ފޮރ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް (އުއްމީދު) / ރ. މީދޫ 23. އަލް ބައްޔިނަ / އދ. މަހިބަދޫ

9. މީދޫ ޖަމްޢިއްޔަތުއްޞަލާޙް / ރ. މީދޫ 24. ބިނާ ޖަމްޢިއްޔާ / ލ. މާވަށް

10. މީދޫ އެކުވެރި ކްލަބު / ރ. މީދޫ 25. ޢިލްމު / ލ. ފޮނަދޫ

11. ލެންޓަރން / ރ. ހުޅުދުއްފާރު 26. ޔުނީކް ސްޕޯރޓްސް ކްލަބު / ދ. ބަނޑިދޫ

12. މާސް އެމަލްގެމޭޝަން އެވެއަރނެސް އެންޑް ޑިވެލޮޕްމަންޓް (މާޑު އެސޯސިއޭޝަން) / ޅ. އޮޅުވެލިފުށި 27. ބަނޑިދޫ އެސޯސިއޭޝަން ފޮރ ސޯސަލް އެމްޕަވަރމެންޓް (ބޭސް ފައުންޑޭޝަން) / ދ. ބަނޑިދޫ

13. ގެދަރިންގ އޮޅުވެލިފުށި އޯލް ލިންކިންގ ސޮސައިޓީ / ޅ. އޮޅުވެލިފުށި 28. ދަނގެތި ޔޫތު ޑިވެލޮޕްމަންޓް / އދ. ދަނގެތި

14. ތުލުސްދޫ ޒުވާނުންގެ ރޫޙް / ކ. ތުލުސްދޫ 29. ޢިލްމު ފައުންޑޭޝަން / މާލެ

15. ޖަމްޢިއްޔަތުލް މަދަދު / އއ. މަތިވެރި 30. ޖަމްޢިއްޔަތު ސަލަފު / މާލެ

މިއަދު އޮންލައިން