ޢައިޝަތުގެފާނުގެ ބަސްފުޅުން މުޞީބާތުގެ ވަގުތުގަ ރަސޫލް ‍ޞޢވ, އެންމެ އިސްކަން ދެއްވެވި ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޢައިޝަތުގެފާނުގެ ބަސްފުޅުން މުޞީބާތުގެ ވަގުތުގަ ރަސޫލް ‍ޞޢވ, އެންމެ އިސްކަން ދެއްވެވި ކަންތައް!

މިހާރަކަށް އައިސް މިފެންނަނީ ކަމެއް ދިމާވާއިރަށް މީސްތަކުން ތެޅިފޮޅެމުން ގެންދާތަނެވެ. ހާސްވެ ކަންބޮޑުވެގެން ބޮލުގައި ހުރި މަދު އިސްތަށިކޮޅުވެސް އަމިއްލައަތުން އުފުރާތަނެވެ. ހިތާމައަކީ އެފަދަ ވަގުތުގައި ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ހަނދާނަށްވެސް ނުގެނެވޭކަމެވެ. 

ޢައިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ! "ރަސޫލް (ޞޢވ) އަށް ކަންބޮޑުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކޮންމެ ޙާލަތެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ފުރަތަމަ ކަމަކަށް ކުރައްވަވާ ކަމަކީ ނަމާދެއް ކުރެއްވެވުމެވެ." 

އަހަރެންގެ ސުވާލަކީ މިމަތިވެރި ސުންނަތް މިއީ އޮތް ސުންނަތެއްކަން މިއަދު އެނގެނީވެސް ކިތައް މީހުންނަށް ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ރަސޫލް (ޞޢވ) އެގޮތަށް ޢަމަލުފުޅު ކުރައްވަވާފައިވާއިރު އެކަމަށް ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއް އޮތްކަން އެނގެނީ ނުވަތަ އެނގުނު ނަމަވެސް ޢަމަލުކުރަނީ ކިތައް މީހުންހެއްޔެވެ؟ މި ބުނި ވަޙީ ބަސްފުޅަކީ "ތިއަބައިމީހުން ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދޭށެވެ!" އޮތް ވަޙީ ބަސްފުޅެވެ! 

"އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި މިފަދައިން ވަޙިކުރައްވަވާފައިވާކަން ނުއެނގޭނެ ހަމައެންމެ މުސްލިމަކުވެސް ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ މިއާޔަތަކީ އެންމެ ގިނައިން ހުކުރު ޚުޠުބާތަކުގައިވެސް ކިޔާ އެއް ޢާޔަތްކަމުގައިވާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤުރްއާނުން ނަމަވެސް ސުންނަތުން ނަމަވެސް ޚުޠުބާއަކުން ނަމަވެސް ދަރުސަކުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް ކަންކަން ކުރަންވީ ގޮތް އެނގުމުން އެކަމުގެ ފައިދާކުރާނީ އެކަމެއް ކުރުމުންނެވެ. ވީމާ ﷲ އޮތީ ﷲ ތަޢާލާ އެންގެވި ގޮތަށް ޢަމަލުކުރުމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން