އެންމެ އަގުބޮޑު ޚަޒާނާ ހުޅުވޭ ވަގުތު އަތްފޯރާފަށް ކައިރިވެއްޖެ! ވީހައި ގިނައިން ލިބިގަތުމަށް މިފަދައިން ތައްޔާރުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
އެންމެ އަގުބޮޑު ޚަޒާނާ ހުޅުވޭ ވަގުތު އަތްފޯރާފަށް ކައިރިވެއްޖެ! ވީހައި ގިނައިން ލިބިގަތުމަށް މިފަދައިން ތައްޔާރުވޭ!

 

 

ﷲ ތަޢާލާގެ ވާގިފުޅާއިއެކު ދުނިޔެމަތީގައި ހުޅުވޭނެ އެންމެ ބޮޑު ޚަޒާނާ، އެންމެ ގިނަ ރަނާއި ޖަވާހިރުތަކާއިއެކު އެނޫންވެސް އެންމެ އަގު ބޮޑު މަޢްދަންތަކާއިއެކު ޚަޒާނާގެ ދޮރުތައްހުޅުވުން ވަނީ ދާދިގާތުގައެވެ. އެ ފުރުޞަތު ހުޅުވިގެންދަނީ ހަމަ ދާދި ކުޑަ ވަގުތުކޮޅަކަށެވެ.

 

މިހާރުންސުރެ މަސައްކަތްކުރަންވީ ވީހައި ގިނަ ރަނާއި ޖަވާހިރު އަދި އަގުބޮޑު މައްދަންތައް އަމިއްލަކުރެވޭތޯއެވެ! އެއްކޮށް ޖަމާކޮށް އަމިއްލަ ތިޖުރީއަށް ބަދަލުކޮށްލެވޭތޯއެވެ!

 

ވިސްމައިލަންވީ ތިބާއަށް އަތްލަން ލިބޭ ތަކެތި ހުރި މިފަދަ ޚަޒާނާއަކުން ތަކެތި ނެގުމުގެ ފުރުޞަތު ތިބާއަށް ލިބޭނެކަން ކުރިން އެނގިފައިވާނަމަ އެ ޚަޒާނާއިން ލިބިގަތުމަށް ތިބާ ތައްޔާރުވާނެ މިންވަރެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުން ބަޔާން މިކުރާ ޚަރާނާގެ ދޮރުތައް އަހަރަކު ދެފަހަރު ހުޅުވިގެންދެއެވެ. އެތަނުން ފުރަތަމަ ލިބޭ ފުރުޞަތު ލިބެނީ ރޭގަނޑެއްގައެވެ. އެ ރޭ ކަށްވަރަެއް ނުވެއެވެ. އޮތީ ހޯދަން މަސައްކަތްކުރުމެވެ. ހޯދަން މަސައްކަތްކުރި މީހަކަށް ﷲ ތަޢާލާ އެ ފުރުޞަތު ދެއްވަވާނެތެވެ. އެ ފުރުޞަތަކީ އެއްހާސް މައްސަރަށްވުރެ މާތްވެގެންވާ ލައިލަތުލްޤަދްރްވިލާރެއެވެ.

 

ދެވަނަ ފުރުޞަތު ﷲ ތަޢާލާ ދެއްވަވަނީ ދުވަސްވެސް ވަގުތުވެސް ކުރިއާލައި މީސްތަކުންނަށް އެންގެވުމާއިއެކުގައެވެ. އެއީ ޢަރަފާތު ދުވަހެވެ. ޙައްޖު ދުވަހެވެ. މިއަހަރުގެ ކަލަންޑަރުންނަމަ އެދުވަހަކީ މިހަފްތާގެ ބުރާސްފަތިދުވަހެވެ.

 

އެދުވަހަކީ އަހަރުގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ. އެދުވަހު ރޯދަ ހިފުމާއި ބެހޭ ގޮތުން ނަބިއްޔާ ﷺ ގެ ޙާދީޘް ބަސްފުޅެއްގައި ބަޔާންވެ އައިސްފައިވެއެވެ.

 

"ޢަރަފާތް ދުވަހުގައި ރޯދަހިފުމުން ދެ އަހަރު ދުވަހުގެ ފާފަ ފުހިވިގެން ދެއެވެ. އެއީ ފާއިތުވީ އަހަރާއި ކުރިއަށް އަންނަން އޮތް އަހަރުގެއެވެ." (ޞަޙީހް މުސްލިމް)

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިއަ އެންމެހައި އަޚުންނާއި އުޚުތުން ތިއަ ގެންދަނީ ޙައްޖު މަސް ފެށުނީންސުރެ އެމީހަކަށް ހިފުނުވަރަކުން ރޯދަ ހިފަމުންނެވެ. ވީމާ ޢަރަފާތް ދުވަހަށް ތައްޔާރުވާންވީ ރޯދަ ހިފުމާއިއެކު މުޅި ދުވަސް އަޅުކަމުގައި ހޭދަކުރުމަށެވެ.

 

ފުރަތަމަ ކަމަކަށް ފަތިސްނަމާދު ޖަމާޢަތުގައި ކުރާށެވެ! މިސްކިތުގައިކުރި ނަމަވެސް ގޭގއި ކުރިނަމަވެސް ފަތިސްވުމުން އަވަހަށް ނަމާދުކޮށް އަޅުކަމުގައި އިރުއަރަންދެން ހޭދަކުރާށެވެ. އިރުއަރައި 10،15 މިނިޓްވުމުން ޟުޙާ ނަމާދުކުރާށެވެ! އެކަމުގެ ސަބަބުން ޙައްޖާއި ޢުމުރާއެއްގެ ޘަވާބަށް އުންމިދުކުރާށެވެ. (މިއީ ހަމަ ކޮންމެ ދުވަހަކުވެސް ކުރެވެން އޮތް ކަމެކެވެ. އެންމެ އިތުރުކަންބޮޑު ދުވަހު ކުރުމުން އިތުރު ދަރުމަ ދެއްވަވާނެތެވެ! އިން ޝާ ﷲ)

 

އެއަށްފަހުވެސް ވީހައި ގިނައިން ސުންނަތް ނަމާދުތައްކޮށް، ޤުރްއާންކިޔެވުން ގިނަކޮށް ޛިކުރުކުރުން ގިނަކުރާށެވެ! ކުރިއާލައި ތައްޔާރުވެ މުޅި ދުވަސް އަޅުކަމުގައި ހޭދަކޮށްލާށެވެ! އެއިރުން ހުންނާނީ ދުވަހުގެ ޚަޒާނާއިން ޙައްޤު މިންވަރު (ކުރި މަސައްކަތާއި އެއްވަރަށް) ލިބިފައެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޞަޙާބީން ޢަޅުކުރައްވަވާފައިވަނީ މިމަގުންނެވެ. މިދުވަސްތައް ހޭދަކުރެއްވެވީ ވީހައި ގިނަ އަޅުކަން ކުރެއްވެވުމުގައެވެ. އަޅުގަނޑުމެންވެސް ދިރުވައި އާލާކުރަންވީ އެކަންކަމެވެ. އެބޭކަލުންވެސް މަސައްކަތްކުރެއްވެވީ ސުވަރުގެ ހޯއްދެވުމަށެވެ! އަޅުގަނޑުމެންވެސް މިކުރަނީ ހަމަ އެއް މަސައްކަތެކެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަތުމުގެ މަސައްކަތެވެ. އޮތީ ހީވާގިވުމެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން