ރާއްޖެއަކީ ރަޖްމަކުރާ ޤައުމެއް ނޫނެވެ. އަތްކަނޑާ ޤައުމެއް ނޫނެވެ. އަދި އިސްލާމް ދީނުގައި ބަޔާންވެގެންވާ ފަދައިން ޙައްދުވެސް ޖަހާ ޤައުމެއް ނޫނެވެ. ޤިޞާޞްވެސް ހިފާ ޤައުމެއް ނޫނެވެ! ނަމަވެސް އިސްލާމް ދީނުގެ ޢަދާވާތްތެރިނަ މިކަންކަމުގެ ވާހަކަދައްކާވަރުން ހީވަނީ ކޮންމެ ދުވަހަކު އެތައްބައަކު ރަޖަމްކޮށް އެތައް ބައެއްގެ އަތް ކަނޑައި އެތައްބައަކު ޙައްދުޖަހަމުން ގެންދާ ޤައުމެއްހެންނެވެ.
މިފަދައިން މިފަދަ ވާހަކަތައް ފަތުރަނީ އިސްލާމީ ޝަރީޢާގެ ހަރުކަށިކަމުގެ ވާހަކަ ސިކުނޑިތަކަށް ވައްދުވައިގެން މީސްތަކުން އިސްލާމް ދީނާއި ދުރުކުރުކުރުވުމަށެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތް ދިނުމާއި މިނޫންވެސް އިސްލާމް ދީނުގެ ހުރިހާ އަޅުކަމަކުން މީސްތަކުން ދުރުކުރުވުމެވެ.
އިސްލާމީ ޝަރިޢާގެ ވާހަކަތަކަކީ ވަރަށް ފުޅައުދާއިރާއެއްގައި ދައްކަން ޖެހޭ ވާހަކަތަކެކެވެ. އެހެނީ އެއިގެ ތެރޭގައި މީސްތަކުންގެ މެދުގައި ކުރެވޭ ހުރިހާ މުޢާމަލާތުތަކެއް ވަނީ ހިމެނިގެންނެވެ. އެހެންކަމުން އިންސާނުންކުރާ ކޮންމެ އަމަލެއް ވެސް ކުރެވެން ޖެހޭނީ އިސްލާމީ ޝަރީޢާގައިވާފަދައިން ކަމުގައިވާތީއެވެ.
އިސްލާމީ ޝަރީޢާ ޤާއިމުކުރުމަކީ ހަމައެކަނި ކޯޓުތަކުން ކުރާ ޙުކުމްތަކެއް ނޫނެވެ. އިންސާނުންކުރާ ހުރިހާ މުޢާމަލާތުތަކެއްވެސް ކުރެވެން ޖެހޭނީ އިސްލާމީ ޝަރީޢާގައިވާ ފަދައިންނެވެ. ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުޢާމަލާތުތައްވެސް ކުރެވެން ޖެހޭނީ އިސްލާމީ ޝަރީޢާގައި ބަޔާންވެގެންވާ ގޮތަށެވެ. ނަމަވެސް ލާދީނީ މީހުން އަބަދުވެސް ހަމަލާތައް އަމާޒުކުރަނީ އިސްލާމީ ޝަރީޢާގެ ޙުކުމްތަކުގެ މައްޗަށެވެ.
--ޝައިޚް އަހްމަދު ސަމީރު
ގުޅުންހުރި ވީޑިއޯ: https://www.facebook.com/JamiyyathSalaf/videos/739143273551941