އަނބިންނަށް ޚަރަދު ނުކުރުމަށްވުރެ ބޮޑު އަނިޔާވެރިކަމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
އަނބިންނަށް ޚަރަދު ނުކުރުމަށްވުރެ ބޮޑު އަނިޔާވެރިކަމެއް ނެތް!

އެންމެ އަނިޔާވެރި، އެންމެ ނުބައި ފިރިހެނުންނަކީ ކޮބައިކަން ބައެއް މީހުންނަށް ވަނީ އޮޅިފައެވެ! އެއް ބައަކު ބުނާނީ އެއީ އަނބިންގެ ގައިގައި ތަޅައި އަނިޔާކުރާ ފިރިހެނުން ކަމަށެވެ. އަނބިންގެ ގައިގައި ތަޅާ އަނިޔާކުރުކުރުމަކީވެސް ހަމަ އަނިޔާވެރިކަމެވެ. އެއްވެސް މީހެއްގެ ގައިގައި ތަޅައި އަނިޔާކުރުމަކީ ހަމައެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. 

ޚާއްޞަކޮށް އަންހެނުންގެ ގައިގައި ތަޅައި އަނިޔާކުރުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ. ވަރަށް ފިނޑި ޢަމަލެކެވެ. އެހެނީ ޖިސްމާނީ ގޮތުން އަންހެނުންނަކީ ފިރިހެނުންނަށްވުރެ އެތައް ގުނައަކަށް ބަލިކަށި ބައަކަށްވުމުންނެވެ. އަންހެނުންގެ ގައިގައި ފިރިހެނުން ތަޅައި އަނިޔާކުރުމަކީ ބޮޑެތި މީހުން ތުއްތު ކުޑަކުދިންގެ ގައިގައި ތަޅާ އަނިޔާކުރުން ފަދަ ކަމެކެވެ. 

އަހަރެން ޤަބޫލުކުރާގޮތުގައި އެންމެ އަނިޔާވެރި ފިރިހެނުންނަކީ ކައިވެނިކުރުމަށްފަހު އަނބިހާގެ ކަންކަން ނުބަލަހައްޓައި ކާންބޯން ނުދީ، އުޅޭ ފިރިހެނުންނެވެ. އަދި އެީހާ ބޭނުންވުމުން އަނބންގެ ގާތަށްގޮސް އެމީހާ ބޭނުންވާކަންކަން ފުއްދާމީހުންނެވެ. 

ތަޅައި އަނިޔާކުރުމުން އެ ތަދު ފިލުމުން ފަސޭހަވީއެވެ. އަނބިމީހާއަށް ކާންބޯން ނުދީ ބެއިންދުމުން އޭނާ އަބަދު އެއިންނަނީ އަނިޔާލިބިލިބިއެވެ. ވޭނުގައެވެ. ހިތާމައާއި ހިތްދަތިކަމުގައެވެ. ވީމާ އަހަރެންގެ ކުރިމަތީގައި އަނބިންނަށް ޚަރަދުނުކުރުމަކީ ތަޅައި އަނިޔާކުރުމަށްވެ ދެވޭ މާބޮޑު އަނިޔާއެކެވެ. މި ބަސް މިބުނަނީ ތަޅައި އަނިޔާކުރުން އިންތިހާއަށް ކުށްވެރިކުރަމުންނެވެ. އެކަން އެއްވެސް މިންވަރަކަށް ކޮށްގެން ނުވާނެކަން ފަށަމުންވެސް ވާނީ ބުނެފައެވެ. 

ކައިވެންޏަށްފަހު ޚަރަދުނުކުރުމުން ނިކަމެތިކަން ލިބިފައިވާ އެތައް ސަތޭކަ ހާސް އަންހެނުން ދުނިޔޭގައި އެބަ އުޅެއެވެ. މިލިއަނުން ވެސް ގުނިދާނެއެވެ. އަދި މިފަދަ ނިކަމެތިކަން ލިބިފައިވާ އަންހެނުންގެ ތެރޭގައި އެންމެ ގިނައީ ދަރިން ލިބުމަށްފަހުގައި ވަރިކޮށްލުމުން ދުނިޔޭގައި އުޅެވޭނެ ގޮތެއް ހޯދަން ދެވަނަ ކައިވެންޏެއް ކޮށްގެން ތިބި އަންހެނުން ކަމަށް ބެލެވެއެވެ. އަދި ދެއަންތބަށް ކައިވެނިކޮށްގެން ތިބި އަންހެނުންވެސް ހިމެނެއެވެ. 

އެ ޙާލަތުގައި ފިރިމީހާ އެހީނުވުމުން އެހެން މީޙެއްގެ އެހީތެރިކަމަށް އެދެން އެކަނބަލުން ލަދުވެތިވެއެވެ. ވަރިވެއްޖެ ނަމަ މީހުން ކުރާނެ މަލާމާތަށް ލަދުން ވަރިވާންވެސް ގިނަ އަންހެނުން ލަދުވެތިވެއެވެ. އެހެންކަމުން ލޮލުން ކަރުނައަޅަމުން އޭނާ އާއި އޭނާގެ ދަރިން ހައިހޫނުކަމުގައި ހަޔާތް ވޭތިކުރަމުން ގެންދާ އެތައް ސަތޭކަ ހާސް އަންހެނުން އެބަތިއްބެވެ. 

އެފަދަ ޙާލުގައި ތިބި އަންހެނުންނަށް އަޅާނެ ވޭން ނިކަން އިޙްޞާޞްކޮށްލަބަލާށެވެ! އެމީހުން ރޯނެ ރުއިން ނިކަން އިޙްޞާޞްކޮށްލަބަލާށެވެ! އެފަދައިން އަމަލުކުރާ ފިރިން އަނބިންނަށް އެދޭ ބޮޑު އަނިޔާ ނިކަން ހިތަށް ގެނެސްބަލާށެވެ! އެއަށްފަހު ތިމާ އަކީ އަނިޔާވެރިވުމުގައި ހައްދުފަހަނައަޅާފައިވާ މީހެއް ނޫންކަމަށް އެފަދަ ފިރިންނަށް ބުނެވޭނީ ކިހިނަކުންހެއްޔެވެ؟ 

މިވާހަކަ މިމޭރުމުން ދައްކަން މިޖެހެނީ މިފަދަ ނިކަމެތިކަމުގައި ތިބި އަންހެނުންގެ ޝަކުވާތައް ލިބެމުންދާ އަދަދު އިތުރުވަމުން އަންނާތީއެވެ. މިއަދު އެކަނިވެސް ދިހަވަރަކަށް އަންހެނުން މިފަދަ ޝަކުވާތައް ކުރިއެވެ. 

މިފަދަ ނިކަމެތި ޙާލުގައި ދިރިއުޅެން ޖެހިފައިވާ އަންހެނުން އެފަދަ ފިރިންނާއިއެކު ތިބުމަކަށް އަހަރެން ނުބުނާނަމެވެ. އަހަރެންގެ ނަޞޭޙަތަކީ ބައަކު ކިޔައިފާނެ އެއްޗަކަށް ނުބަލައި އަވަހަށް ކައިވެނި ނިމުމަކަށް ގެނައުމެވެ. ހެޔޮލަފާ ރަނގަޅު ފިރިއަކު ފިރިއަކު ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! ﷲ ތަޢާލާ މަގު ދައްކަވާނެތެވެ! އަނިޔާލިބެމުންދާ މީޙުންގެ ދުޢާ އާއި ﷲ ތަޢާލާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނެތެވެ! އެކަން ދަނީ ފެނި ސާބިތުވަމުންނެވެ. ﷲ ތަޢާލާ ގެންދަވަނީ އެކަން އެންމެންގެ ލޯމައްޗަށް ދައްކަވަމުންނެވެ. 

ﷲ ތައާލާގެ މަގުގައި ސާބިތުވެ ދުޢާކުރުމުން އެހެން މީހުންނަށް ވެސް ރަނގަޅު ގޮތްތައް މިންވަރު ކުރައްވަވާފަދައިން ތިމާއަށްވެސް ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ދުޢާކުރަމުން ގެންދާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން