ދުޢާކުރުމުގައިވެސް ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެ ދުޢާއެއް ކުރުމުން އެމީހަކު އެދޭކަންތައް ޙާޞިލުވާނެ ކަމުގެ ޔަޤީންކަން އެންމެ ބޮޑު ދުޢާއެއް ކުރުމަށެވެ. ދުޢާތައް ހޯދައި ދަސްކުރަނީ އެހެންވެގެންނެވެ!
ފާފަ ފުއްސަވައި ދެއްވެވުން އެދި ކުރަން އެންމެ ފުރިހަމަ، އެންމެ ޔަޤީންކަން ބޮޑު ދުޢާއަކީ ﷲ ތަޢާލާ އާދަމްގެފާނަށް އުނގަންނަވައި ދެއްވެވި ދުޢާއެވެ. އެހެނީ އެދުޢާ ކުރެއްވެވީ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވުމުން ކަމުގައިވާތީއެވެ!
އެއިރު އާދަމްގެފާނު ހުންނެވީ އުޑުގައެވެ. ސުވަރުގޭގައެވެ. ވީމާ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި އެއްޗެއް މެނުވީ އާދަމްގެފާނަށް އުނގެނިވަޑައިގެންފައެއް ނުވެއެވެ.
އާދަމްގެފާނު ކުރެއްވެވި ދުޢާއަކީ:
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސް ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލްއަޢްރާފް: 23)
ނިކަންވިސްނައިލަބަލާށެވެ! އާދަމްގެފާނަށް ކުރެއްވެވުނު ފާފައިގެ ބޮޑުކަމަށެވެ! އެގަހުން ފަރިއްނުކުޅުއްވަވަން އާދަމްގެފާނަށް އަމުރުފުޅު ކުރެއްވެވީ ސީދާ ﷲ ތަޢާލާއެވެ. އެއްވެސް މަލާއިކަތަކު މެދުވެރިކުރައްވަވައެއްވެސް ނޫނެވެ. އެހެންކަމާއިއެކުވެސް މި ދުޢާކުރެއްވެވުމުން ﷲ ތަޢާލާ އާދަމްގެފާނު ކުރެއްވެވި ފާފަ ވަގުތުން ފުއްސަވައިދެއްވެވީއެވެ.
ވީމާ ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް އަދި ކިތަންމެ ބޮޑު ފާފަތަކެއް ކުރެވިފައިވީނަމަވެސް މި ދުޢާކުރާށެވެ! ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެތެވެ! ނަމަވެސް ދުޢާކުރަންވާނީ އާދަމްގެފާނު ފަދައިން އިޚްލާޞްތެރިކަމާއިއެކުގައެވެ. ޝަރުޠަކީ އިޚްލާޞްތެރިކަމެވެ.
ހިނގަމުން މިދަނީ ދުވަސްތަކުގެ ތެރެއިން އެންމެ މާތްކުރެއްވެވި ދުވަސްތަކެވެ. އެންމެ ގިނައިން އަޅުކަންކޮށް ދުޢާކުރަންވީ ދުވަސްތަކެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވެ ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރަންވީ ދުވަސްތަކެވެ.
- މުފްތީ މެންކުގެ ދަރުސަކުން