މުޅި ދުނިޔެ އަޅުވެތިކޮށް ޤައުމުތަކުގެ މުއްސަނދިކަމުން ފައިދާ ހޯދަމުން ދިއަ އިނގިރޭސީންގެ އަޅުވެތިކަމުން ދިވެހި ރާއްޖެ މިނިވަންކުރެވުމަށް 55 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު ރާއްޖޭގެ މިނިވަންކަމަށާއި އަދި ރާއްޖޭގެ ހުރިހާ ކަމަކަށްވެސް އޮތް އެންމެ ބޮޑު ބިރަކީ ހިންދޫންނާއި ވެޓިކަނަށް ރާއްޖެ ވިއްކާލަން ރާއްޖޭގެ ސިޔާސީ ބައަކު ކުރަމުން ގެންދާ މަސައްކަތްތަކެވެ.
ދިވެހިންގެ ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފަށް ރާއްޖޭގައި އެހެން ދީނުގެ އުޞޫލުތައް ޤާއިމުކޮށް ފަތުރަން ފުޅައުދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއިމެދު އެއްވެސް ފިޔަވަޅެއް ނުއެޅެނީ އެ ސިޔާސީ ބޮޑުންގެ ނުބައި ނުފޫޒުގައެވެ. އެމީހުންގެ ޙީލަތްތެރި އެޖެންޑާގެ ސަބަބުންނެވެ. އެ މަސައްކަތްތައް ކުރަމުން ގެންދަނީ އެ ސިޔާސީ ބޮޑުންގެ ޙިމާޔަތް ލިބިގެންކަމަށްވާތީއެވެ!
ރާއްޖެއިން އިސްލާމް ދީން ފުހެލުމަށްޓަކައި ކުރިއަށް ގެންދާ ހީލަތްތެރި ޕްލޭންގެ ދަށުން އެންމެ ބޮޑަށް ހިންގާ ކެންޕޭނަކީ އިސްލާމް ދީނުގައި މީސްތަކުންނަށް މިނިވަންކަން ލިބިފައިނުވާކަމަށާއި އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަކީ ހަރުކަށި އަދަބުތަކެއް ކަމަށް ބުނެ ޒުވާނުންގެ ވިސްނުމަށް ޗިޕްޖަހަން ހިންގާ ކެންޕޭނުކަން ފާހަގަކުރެވެއެވެ.
މިކަންކަމުގައި އެންމެ އިސްކޮށް ހުރި ފަރާތުން ގެންދަނީ އިސްލާމް ދީނާއި ދެކޮޅަށް ފައުޅުގައި ކުރާ ކަންކަންވެސް ދިފާޢުކޮށް ވަކާލާތުކުރަމުންނެވެ. ޑިމޮކްރަސީ އޮތީ އިސްލާމް ދީނަސްވުރެ މާކުރީގައިކަން ހާމަކުރަމުންނެވެ. މިފަދަ އެއްވެސް ކަމެއް ބަލައި ފިޔަވަޅު އެޅުމުގެ ކުޅަދާނަކަން މިސަރުކާރަށް ލިބިފައިވާކަމަކަށް ނުވެއެވެ.
ސަރުކާރުން ވެސް އަބަދުވެސް ދައްކަނީ ހަރުކަށި ފިކުރެއްގެ ވާހަކައެވެ! ﷲ އަށް ޢަދާވާތްތެރިވެ ﷲ އަށް ބުރަކަށި ދައްކައިގެން ތިބި ބުރަކަށިފިކުރުގެ މީހުންގެ ވާހަކަ ދައްކައި ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ.