އިބިލީސް ކުރިގޮތަށް ދުޢާކުރާ މީހުންނަށް ޖެހޭނީ އިބިލީހަށް ޖެހުނު ޙާލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އިބިލީސް ކުރިގޮތަށް ދުޢާކުރާ މީހުންނަށް ޖެހޭނީ އިބިލީހަށް ޖެހުނު ޙާލު!

އިބިލީސްވެސް ﷲ ތަޢާލާއަށް ދުޢާކުރިއެވެ. ނަަމވެސް ދުޢާކުރީ އޭނާއަށް ސަލާމަތްވެވޭނެ އެއްވެސް މަގެއް ނުފެނުމުންނެވެ. 

އާދަމްގެފާނަށް ސަޖިދަކުރަން ﷲ ތަޢާލާ އެންގެވުމުން ސަޖިދަ ނުކުރުމަށްފަހު އިބިލީސް ދެއްކީ ބަހަނާތަކެވެ. ފައުޅުކުރީ ބޮޑާކަމެވެ. ހާމަކުރީ އޭނާގެ މަތިވެރިކަމެވެ. އޭނާއަށްވުރެ އާދަމްގެފާނު ނިކަމެތިކަމެވެ. 

އިބިލީސް ﷲ ތަޢާލާއަށް ދުޢާކުރީ އެބަހަނާތައް ދައިކައިގެން ސަލާމަތްވާން ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބި ސަލާމަތް ނުވެވޭނެކަން އެނގުމުން އެންމެ ފަހުވަގުތުގައެވެ. އެކަލޭގެ ކުރި ދުޢާއަކީ: 

"އެކަލޭގެ ދެންނެވިއެވެ. އެއުރެން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމައަށް ތިމަން ލަހައްޓަވާނދޭވެ!" (އަލްއައްރާފް: 14)

މިނޫން ދުޢާއެއް ނުކުރެއެވެ. 

ދެން ބަލައިލަންވީ އާދަމްގެފާނަށެވެ! އިބިލީސް ވަސްވާސް ދިނުމުން ނަމަވެސް އާދަމްގެފާނަށް ފާފައެއް ކުރެއްވިއްޖެކަން އެނގިވަޑައިގަތުމުން ވަގުތުން ދުޢާކުރެއްވެވިއެވެ. ފާފަ ފުއްސަވައި ދެއްވެވުން އެދިއެވެ. ހަމަ އެއާއިއެކު އާދަމްގެފާނު މުޅި ޢުމުރުފުޅު ހޭދަކުރެއްވެވީ ދުޢާކުރެއްވެވުމުގައެވެ. 

އިބްލީސް ކުރި ހަަމއެކަނި ދުޢާއަކީ އެއީއެވެ. އެ ދުޢާކުރީ އެހެން ގޮތެއް ނެތުމުންނެވެ. އަދި އެއިގެފަހުން އެއްވެސް ދުޢާއެއް ނުކުރެއެވެ. 

މީސްތަކުންނޭވެ! މިވާހަކައިން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ދުޢާކުރަންވީ ދެން އެހެން ގޮތެއް ނެތުމުން ނޫންކަމާއި ވަގުތުން ކަމެވެ. އަދި އަބަދުވެސް ހުންނަންވީ ދުޢާކުރުންމަތީގައިކަމެވެ. ހިތާމައަކީ ޢަމަލުކުރަން އޮތީ މިގޮތަށް ނަމަވެސް ގިނަބައަކަށް މިއަދު ޢަމަލުކުރެވެނީ އިބިލީސް ޢަމަލުކުރިގޮތަށްކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަކަމަކަށް ހަދަންޖެހޭނީ ﷲ ތަޢާލާއަށް ދުޢާކުރުމެވެ. ކަންކަމަށް އެދި ގިނަގިނައިން ދުޢާކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ދުޢާކުރުން ގިނަކުރާށެވެ! އެއީ ﷲ ތަޢާލާގެ އަޅާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ގުޅުންތައް އިތުރުވެގެންދާ ކަމެކެވެ. 

އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ ވަޙިކުރައްވަވާފައިވަނީ ގިނަގިނައިން ދުޢާކުރުމަށެވެ. ދުޢާކުރުމުން ޢިޖާބަކުރައްވަވާނެ ކަމަށެވެ. ހަމައެއާއިއެކު ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދުޢާ ނުކުރުމަކީ ބޮޑާ، ކިބުރުވެރި މީހުންގެ ސިފައެއް ކަމެވެ. 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން