ފަރުބަދަތައްހައި ބޮޑެތި ފުނިފުނިވަރަށް ހެޔޮ ޢަމަލުތައް ހިފައިގެން ޤިޔާމަތް ދުވަހު މަޙްޝަރަށް ދިއަ ނަމަވެސް އެމީހުން ކުރި އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ބައަކު ތިބޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މިއ ކޮންފަދަ ބޮޑު ހިތާމައެއްޔެވެ؟
އެއީ ކޮންބައެއްތޯ ޞަޙާބީން ސުވާލުކުރެއްވެވުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެއީ އމީހުން އެކަނިވާހިނދު ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުން ބޭރުވާ މީހުން ކަމަށެވެ.
އެމީހުންނަކީ ނަމާދުތަކާއި ދަމުނަމާދު ކޮށްފައިވާ ބައަކު ކަމުގައިވީނަމަވެސް އެމީހުންނަށް އޮތީ މިހާލެވެ. މިއީ މިއަދު އަހަރެމެން އެންމެން ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. ފޯނު ނުވަތަ ލެޕްޓޮޕް ހިފައިގެން ކޮޓަރިއަށް ވަދެތިބެ ﷲ ތަޢާލާގެ އިންތަކުން ބޭރުވާ މީހުން މި ޙަދީޘްފުޅަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ!
މިނުކުންނަ މައްސަލައަކީ ﷲ ތަޢާލާއަށް ބިރުވެތިނުވެވުމުގެ މައްސަލައެވެ. ތިބާ އެކަނި ކޮޓަރީގައި އޮންނައިރު ކޮޓަރިއަށް ބުޅަލެއް ވަދެދާނެ ކަމަށްވެސް ތިބާ ބިރުވެތިވެއެވެ! ނަމަވެސް ތިމާ ކުރާ ޢަމަލުތައް ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާއިރު އެކަމަށް އެއްވެސް ބިރެއް ނެތުމުން މިޖެހެނީ ކޮންތާކު ހެއްޔެވެ؟ ޢަމަލުން މިދެއްކެނީ ކޮންކަމެއްހެއްޔެވެ؟
ފޯނާއި ލެޕްޓޮޕްގެ ވާހަކައިން މިސާލު މިޖެހީ އެއީ މިހާރު އެންމެ ގިނަ ބައަކު ﷲ ތަޢާލާގެ އިންތަކުން ބޭރުވުމަށް އެންމެ ގިނައިން ބޭނުންކުރާ ވަސީލަތްކަމަށްވުމުންނެވެ! ޙަދީޘްފުޅުގެ މާނައަކީ އެކަނިވުމުން ކޮންމެ ކަމެއްކޮށްގެން ނަމަވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުން ބޭރުވުމެވެ! އެކަނިވުމުގެ ފުރުޞަތު ލިބުމުން އެކަނިވެފައި ﷲ ތަޢާލާއަށް އެއްވެސް ބިރެއް ނެތި ފާފަތައް ކުރަމުން ގެންދިއުމެވެ.
މީސްތަކުންނޭވެ! އިންސާނުންނަކީ ބަލިކަށިބައަކަށްވުމުން ފަހަރެއްގައި މީހަކަށް ފާފައެއް ކުރެވިދާނެއެވެ! ތައުބާވުމުން އެކަން އެނިމުނީއެވެ! ނަމަވެސް އެކަހެރިވެހުރެ، ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން އެނގިހުރެމެ ފާފަކުރަން ބިރުނުގަންނަ މީހުން މިޙަދީޘްފުޅަށް ބިރުވެތިވާށެވެ! ތިބާކުޅަ ހެޔޮ އަމަލުތައް އެއީ ބޮޑެތި ބިޔަ ފަރުބަދަތައްހައި ގިން ހެޔޮ އަމަލުތަކެއް ނަމަވެސް އެ ޢަމަލުތައް ވަޔަށް ބުރައިގެންދާނީ ހަނޑޫ ފޮޅައިލުމުން ކުނޑިތައް ބުރައިގެންދާ ގޮތަށެވެ! މިއީ ކާކު ބޭނުންވާނެ ގޮތެއް ހެއްޔެވެ؟
- އުސްތާޛް ވައްހާޖް ޠަރިންގެ ދރުސަކުން