އެ ރެސްޓޯރަންޓުގެ ޤަވާއިދަކީ ކަސްޓަމަރު ޚިދުމަތް ހޯދުމަށްފަހު ބިލް ނުދައްކައިފިނަމަ ޚިދުމަތްދިން ވެއިޓަރުގެ މުސާރައިން ބިލުގެ ފައިސާ އުނިކުރުމެވެ. އެހެންވެ ބިލް ނުދެއްކިދާނެހެން ހީވާ ކަސްޓަމަރުންނަށް ޚިދުމަތްދޭން ވެއިޓަރުން ބޭނުމެއް ނުވެއެވެ. އެހެންވެ ވެއިޓަރުން ތިބެނީ ކަސްޓަމަރުގެ މާލީ ޤާބިލުކަން ދެނެގަންނަން ދަސްކޮށްގެންނެވެ.
މިކިޔައިދެނީ އެމީހުންގެ ހުނަރު ފޭލްވި ހާދިށާއެއްގެ ވާހަކައެވެ. އަޑުއަހާށެވެ!
އެއްދުވަހަކު ރެސްޓޯރަންޓަށް ވަން މީހެކެވެ. މޭޒުގައި އިށީނުމުން އޭނާގެ ބިލަށް ފައިސާ ނުދެއްކިދާނެތީ އެއްވެސް ވެއިޓަރަކު އޭނާއަށް ޚިދުމަތް ދޭން ބޭނުމެއް ނުވިއެވެ. އެއީ އޭނާ ލައިގެން ހުރި ހެދުމަށް ބެލުމުން ބިލް ދެއްކޭނެ ކަމުގެ އެއްވެސް ޢަލާމާތެއް ވެއިތަރުންނަށް ނުފެނުމުންނެވެ.
ގިނައިރުވާން ފެށުމުން ކުޑަކުޑަ މުސާރައަކަށް މަސައްކަތްކުރާ މަރްޔަމް ޤަޞްދުކުރީ އޭނާއަށް ކާންދޭށެވެ! މެނޫ ގެންގޮސްދިނުމުން ބައިވަރު ތަކެއްޗަށް އޭނާ އޯޑަރުކުރިއެވެ. މަރްޔަމް އެއްވެސް ޖެހިލުންވުމެއް ނެތި، ސުވާލެއްވެސް ނުކޮށް އޭނާއަށް ޚިދުމަތްދިނެވެ. އެއިރު ހުރިހާ ވެއިޓަރުން ތިބީ ކަންބޮޑުވެފައެވެ. އޭނާ ކައިނިމުން ބިލް ގެންގޮސްދިނުމުން އޭނާ ބިލަށް ފައސާ ދެއްކިއެވެ. އަދި އިތުރު 100 ޑޮލަރުވެސް ދިނެވެ. ކުޑަ ނޯޓެއްވެސް ބޭއްވިއެވެ.
"މަރްޔަމްއެވެ. އިންސާނުންގެ އަގުވަޒަންކުރަން ތިބާދަސްކޮށްފިއެވެ. ކޮންމެ މީހަކީ އެންމެ އަގުބޮޑު ހެދުން ލައިގެން ހުންނަ މީހަކަށް ނުވެދާނެއެވެ. ފައިސާ ހުންނަނީ ހެދުމަކު ނޫނެވެ! ވޮލެޓުގައެވެ. އިންސާނުންގެ އަގުވަޒަންކުރުމުގަ ދެމިހުންނާށެވެ! ނިކަމެތިންނަށް އެހީތެރިވާށެވެ!"
މަރްޔަމް ފުރަތަމަ ސިހުނީ އޭނާގެ ނަމުން ނޯޓުފަށާފައިވުމުންނެވެ. ދެވަނައަށް އަދި އެންމެ ބޮޑު ސިހުމަކަށްވީ ނޯޓުގައި ސޮއިކޮށްފައިވަނީ ރެސްޓޯރަންޓުގެ އޯނަރުކަމަށްވުމުންނެވެ. ސިފަ ބަދަލުކޮށް ފަޤީރެއްގެ ހެދުމުގައި ޚިދުމަތްހޯދީ ރެސްޓޯރަންޓުގެ އޯނަރެވެ. އޯނަރު ދިނީ 100 ޑޮލަރާއި ނޯޓެއް އެކަންޏެއް ނޫނެވެ. މަރްޔަމް ވެއިޓަރުކަމަށް ރެސްޓޯރަންޓުގެ މެނޭޖަރުކަމަށްވެސް ބަދަލުކޮށްދިނީއެވެ!
ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ކިރިޔާވެސް ފުދުންތެރިކަމެއް ހުރިނަމަ ނިކަމެތިންނަށް އެހީތެރިވާން ފަސްޖެހިގެން ނުވާނެ ކަމެވެ. ނިކަމެތިންނަށް އެހީތެރިވާ މީހުންނަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގެންވާނެ ކަމެވެ. ޙަދީޘްފުޅުގައިވަނީ ނިކަމެތިންނަށް އެހީތެރިވެ އެމީހުންގެ ބޭނުންތައް ފުއްދައިދޭހައި ހިނދަކު އެމީހާގެ ބޭނުންތައް ފުއްދަވައި ދެއްވެވުންމަތީގައި ﷲ ތަޢާލާ ދެމިވޮޑިގެން ހުންނަވާނެ ކަމެވެ.