ޔާ ﷲ! އިނބަ ﷲ އަށް މެނުވީ އެއްވެސް ބާރެއް ނުވެއެވެ! އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ އަށެވެ! އިނބަ ﷲ މިންވަރު ކުރެއްވެވި ކަމެއް މެނުވީ މެދުވެރިނުވާނެ ކަމުގެ ޔަޤީންކަމުގައި އަޅަމެން ތިބީމުއެވެ.
ޔާ ﷲ! ލޮބުވެތި ނަބިއްޔާ މުޙައްމަދު (ޞޢވ) އަށް ޞަލަވާތާއި ސަލާމް ލައްވަވާނދޭވެ!
ޔާ ﷲ! ކުރިމަތިވެފައިވާ އެންމެހައި މުޞީބާތްތަކުން އަޅަމެން ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ! އަޅަމެންގެ ކުރިމަތީގަ އާއި ވަށައިގެން ހުރި ދަތި އުނދަގޫ އެންމެހައި މުޞީބާތްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިނބަ ﷲ އެވެ. އަޅަމެންނަށް އިނބަ ﷲ ދެއްވަވަމުން ގެންދެވި ރިޒުޤުން މަދުކުރެއްވެވި މިންވަރުވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިނބަ ﷲ އެވެ. އެކަމުން އަޅަމެންނަށް ލިބިފައިވާ ނިކަމެތިކަންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިނބަ ﷲއެވެ. އަދި އަޅަމެންގެ ޞިއްހަތަށް ކުރިމަތިވެފައިވާ މައްސލަތައްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އިނބަ ﷲ އެވެ.
ޔާ ﷲ! އަޅަމެން ދެލޯ ފަދައިން ލޯބިވާ އަޅަމެންގެ ދަރިންނާއި އަޅަމެންގެ މައިންބަފައިންނާއި އަޅަމެންގެ ޢާއިލީންނާއި އެންމެ މީސްތަކުންނަށް ރަޙުމް ކުރައްވަވައި އަޅަމެންގެ ކުރިމަތީގައި ހުރި އެންމެހައި ދަތިތަކުން އަޅަމެންނަށް ސަލާމަތްކަން ދެއްވަވާނދޭވެ! އަޅަމެންނަށް ރިޒްޤް ތަނަވަސްކޮށް ދެއްވަވާނދޭވެ! އަދި ސަލާމަތް ޞިއްޙަތާއިއެކު ދިގުއުމުރެއް ދެއްވަވާނދޭވެ!
ޔާ ﷲ! އަޅަމެންގެ ހިތުގެ އީމާންތެރިކަން ވަރުގަދަކުރައްވަވައި ދެއްވަވާދޭވެ! އަޅަމެންގެ ޢަޤީދާ ބަލިކަށިކުރަން ކުރަމުން ގެންދާ މަސައްކަތްތައް ނެތިކުރައްވަވާނދޭވެ! އަޅަމެންގެ ދީނީ ޢަޤީދާ ނެތިކޮށްލަން މަސައްކަތްކުރާ އެންމެހައި އަނިޔާވެރި، އިނބަ ﷲ ގެ ޢަދުއްވުން ނިކަމެތިކުރައްވަވާނދޭވެ! އަދި އެ ނުބައި ނުލަފާ ޢަދުއްވުންނަށް މަދަދުކުރާ، ޙިމާޔަތްދޭ، ވާގިވެރިވާ، މަގުފަހިކޮށްދޭ އެންމެހައި މީސްތަކުން ބަލިކަށިކުރައްވަވައި ނިކަމެތި ކުރައްވަވާނދޭވެ! އެބައިމީހުންނަށް އިނބަ ﷲ ދެއްވެވި ބާރުތައް އަތުލައްވަވައި އެމީހުންގެ ބާރު ނެތިކުރައްވަވާނދޭވެ! އަޅަމެންގެ ދީނީ ޢަޤީދާއަށް ހުރަސް އެޅޭނެ ހުރިހާ ކަންކަމުން އަޅަމެން ސަލާމަތްކުރައްވަވާނދޭވެ! އާމީން