މިލިޔުމުގައި އެވަނީ ޙަޖަތުލްވިދާޢުގައި ރަސޫލް (ޞޢވ) ދެއްވެވި ޚުޠުބާއެވެ. ދެއްވެވި އަގުހުރި ނަޞޭޙަތްޕުޅުތަކެވެ.. ކުރެއްވެވި އަގުހުރި ވަޞިއްޔަތްޕުޅުތަކެވެ. އިންސާނުން ޢަމަލުކުރަންވީ ގޮތުގެ މަގުޗާޓެވެ.
އިންސާނީ ޙައްޤުތަކުގެ ނަމުގައި މީސްތަކުން މަގުފުރައްދައި ވާވައްދުވައި ނަރަކައަށް ކޮއްޕައިލެވޭތޯ މަސައްކަތްކުރާ ހުރިހާ އެޖެންޓުންނާއި އެ އެޖެންޓުންނަށް ޚަރަދުކޮށް، މަގުފަހިކޮށްދީ ޙިމާޔަތްދީ ވާގިވެރިވާ އެންމެން ގުޅިގެން ނަމަވެސް މި ޚިޠުބާގައި އުނިވެފައިވަނީ ކޮން އިންސާނީ ޙައްޤެއްކަން ބަޔާންކޮށްދީބަލާށެވެ!
މީސްތަކުން ނަރަކައަށް ގެއްދެވޭތޯ ޝައިޠޯނާ ކުރަން ބުނާ ބޮޑެތި ފާފަތައް ނޫން އިތުރު އެއްވެސް ކަމެއް ނުދެއްކޭނެއެވެ!
ރަސޫލް (ޞޢވ) ގެ ޚުޠުބާ!:
"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދަލާއި ފުރާނަވަނީ ޙުރުމްތެރި ކުރެވިގެންނެވެ. އެއީ މިދުވަސް ޙުރުމަތްތެރި ކުރެވިގެންވާ ފަދައިން، މިމައްސަރު ޙުރުމަތްތެރި ކުރެވިގެންވާ ފަދައިން، މިރަށް (މައްކާ) ޙުރްމަތްތެރި ކުރެވިގެންވާ ފަދައިންނެވެ. ދަންނާށެވެ! ޖާހިލިއްޔަ ޒަމާނުގެ އެންމެހައި ކަންތައްތަކެއް މިއަދު ތިމަން ކަލޭގެފާނުންގެ ފައިންޕުޅު ދަށަށް ލެވި ޗިސް ޗިސް ކުރެވެނީއެވެ. ޖާހިލިއްޔަ ގޮތުގައި ބަދަލު ހިފުމުގެގޮތުން އޮހަރަމުންދިޔަ ލެއި އޮހޮރުން ނިމުމަކަށް ގެނެވުނީއެވެ.
ދަންނާށެވެ! ތިމަންމެންގެ އޮހޮރިފައިވާ ލެއިތަކުގެ ތެރެއިން ތިމަން ކަލޭގެފާނު ބަދަލު ހިއްޕެވުމުން ތިމަން ކަލޭގެފާނު އެއްކިބާވެ ވަޑައިގަންނަވާނެ ފުރަތަމަ މީހަކީ ރަބީޢާ އިބްނިލް ޙާރިޘްގެ ދަރިކަލުންގެ ފުރާނައިގެ ބަދަލެވެ. އޭނާއަކީ ބަނީ ސަޢުދު ވަންހައިގެ އެއްކިރު މީހެއްވެސް މެއެވެ. އޭނާ މަރާލީ ހުޛައިލު ވަންހައިގެ މީހުންނެވެ. އަދި ދަންނާށެވެ! ތިމަން ކަލޭގެފާނު އެންމެފުރަތަމަ ދޫކޮށްލައްވާނެ ރިބާއަކީ ޢައްބާސް އިބްނި ޢަބްދުލް މުއްޠަލިބަށް ލިބިވަޑައިގަންނަވަން ޖެހޭ ރިބާގެމުދަލެވެ. ރިބާއަކީ މުޅިންމެ ހުއްޓާލައި އެއްކިބާވާންޖެހޭ އެއްޗެކެވެ.
އަދި ދަންނާށެވެ! އަންހެނުންގެ ކަންކަމުގައި ﷲ އަށް ބިރުވެތިވެ، އެކަނބަލުންނަށް ހެއުކޮށް ހިތާށެވެ. ތިޔަބައިމީހުން ވަނީ އަމާނަތެއްގެ ގޮތުގައި ﷲގެ ޙައްޤުގައި ތިމާމެންގެ އަނބީން އަމިއްލަކޮށްފައެވެ. ﷲގެ ނަންފުޅުގައި އެކަނބަލުންގެ އަޢުރަ ހުއްދަކޮށްގެންނެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްޤުތަކެއް ވެއެވެ. އެއީ ތިޔަބައިމީހުން ނުރުހޭ އެއްވެސް މީހަކު ތިޔަބައިމީހުންގެ ގެއަށް ގެނަސް، އެމީހަކާއެކު ވާހަކަ ދައްކައި ނުހެދުމެވެ. މިގޮތަށް ކަންކޮށްފިނަމަ އެކަނބަލުންނަށް އަނިޔާއެއް ނުވާގޮތަށް އަދަބުދިނުމަކީ ތިޔަބައިމީހުންނަށް ހުއްދަވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ އެކަނބަލުންގެ ޙައްޤުތަކަކީ އެކަނބަލުންނަށް (ދެފަރާތް) ރުހެވޭ ގޮތުގެ މަތިން، ހެއު ގޮތުގައި ކާންބޯން ދިނުމާއި އަންނައުނު ދިނުމެވެ.
އަދި ދަންނާށެވެ! ތިމަން ރަސޫލާ މިވަޑައި ގަންނަވަނީ ތިޔަބައިމީހުން އެއެއްޗަކަށް ތަބާވެއްޖެ ކަމުގައިވާނަމަ، އެމީހަކު މަގުނުގެއްލޭނެ އެއްޗެއް ތިޔަބައިމީހުންނާ ޙަވާލު ކުރަށްވާފައެވެ. އެއީ ﷲގެ ކަލާމްފުޅެވެ. އަދި ތިމަން ރަސޫލާގެ އަރިހުން ތިޔަބައިމީހުން ބޭނުން ސުވާލެއްކުރާށެވެ. މިކަމާމެދު އަޅެ ތިޔަބައިމީހުން ބުނަނީ ކީކޭހެއްޔެވެ؟
އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ކަލޭގެފާނަކީ ﷲގެ ރަސޫލާ ކަމަށާއި، ކަލޭގެފާނާ ޙާވާލު ކުރެއްވެވުނު ރިސާލަތު ފުރިހަމަ ގޮތުގައި، އަމާނާތްތެރި ކަމާއެކު ތިމަންމެނަށް އަންގަވައި ދެއްވައި، ފޯރުކޮށްދެއްވައިފި ކަމަށް ތިމަންމެން ހެކިވަމެވެ.
އެހިނދު އިތުރު އެކަލޭގެފާނު އެކަލޭގެފާނުންގެ ކަނާތްޕުޅުގެ ޝަހާދަތް އިނގިލިފުޅު މައްޗަށް އުފުއްލަވައި މީސްތަކުންނާއި ދިމާއަށް ދިއްކުރަށްވައި އިޝާރަތް ކުރެއްވަމުން ﷲގެ ޙަޟުރަތުގައި ތިންފަހަރުމަތިން، މިފަދައިން މުނާޖާ ދެންނެވިއެވެ.
}اللَّهُمَّ اِشْهَدْ اللَّهُمَّ اِشْهَدْ{ (އޭ ﷲ! މިކަމާމެދު ތިޔައިލާހު ހެކިވެ ވޮޑިގަންނަވާނދޭވެ.) ދެން ޚުޠުބާއިން ނިމިވަޑައިގަތުމުން، ބަންގިދޭ މީހާއަށް ބަންގިދިނުމަށާއި ޤަމަތް ދިނުމަށް އެންގެވިއެވެ. އެއަށްފަހު މެންދުރު ނަމާދު ކުރެއްވިއެވެ. ދެން ޤަމަތް ދެއްވައި ޢަޞުރު ނަމާދު ކުރެއްވިއެވެ. އެދެނަމާދުގެ ދެމެދަކު އެހެން ނަމާދެއް ނުކުރަށްވައެވެ.
ކީރިތި ރަސޫލާގެ ދެއްވި ޢިބްރަތުން ފުރިގެންވާ ޙައްޖު ޚުޠްބާ!
اَلْحَمْدُ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَتُوبُ إِلَيْهِ وَنَعُوذُ بِاللهِ مِنْ شُرورِ أَنْفُسِنَا وَمِنْ سَيِّئَآتِ أَعْمَالِنَا مَنْ يَهْدِ اللهُ فَلاَ مُضِلَّ لَهُ ومَنْ يُضَلِلْ فَلاَ هَادِيَ لَهُ وَأَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. أَمَّا بَعْدُ!
އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވެ އުޅުމަށް ވަޞިއްޔަތް ކުރަށްވަމެވެ. އަދި އެއިލާހުގެ އަމުރުފުޅުތަކަށް ބޯލެނބުމަށާއި ކިޔަމަންތެރިވެ އުޅުމަށް އިލްތިމާސް ކުރަށްވަމެވެ. އަދި މާދަމައިން ލިބެނިވި ސުވަރުގެ ހޯދޭނެ މަގު ހުޅުއްވައި ދެއްވަމެވެ.
އޭ މީސްތަކުންނޭވެ! ތިމަން ކަލޭގެފާނު ވިދާޅުވާ އެއްޗެއް ރަނގަޅަށް ކަނުލައި އަހާށެވެ. މިއަހަރަށް ފަހު ދެން މިމަޤާމުގައި ތިޔަބައިމީހުންނާއި ބައްދަލުވެ ވަޑައިގަންނަވާފާނެ ކަމަކަށް ތިމަން ކަލޭގެފާނަށް ހީފުޅުވެ ވަޑައި ނުގަންނަވައެވެ.
އޭ މީސްތަކުންނޭވެ! ދަންނާށެވެ! ތިޔަބައިމީހުންގެ ފުރާނައާއި މުދަލާއި އަބުރަކީ ތިމާމެންގެ ވެރި އިލާހުގެ ޙަޟުރަތަށް ދެވެންދެން ޙުރުމަތްތެރި ވެގެންވާ އެއްޗެއްސެވެ. އެތަކެތި ޙުރުމަތްތެރި ވެގެންވަނީ ތިޔަބައިމީހުންނަށްޓަކައި މިބަރަކާތްތެރި މައްކާގައި މިޙުރުމަތްތެރި ޙައްޖުމަހުގައި މިޢަރަފާތް ދުވަސް ޙުރުމަތްތެރި ކުރެވިގެންވާ ފަދައިންނެވެ. ދަންނާށެވެ! ތިމާމެންގެވެރި އިލާހުގެ ޙަޟުރަަތަށް ދުރުނޫން ވަގުތެއްގައި ދާންޖެހޭކަން ކަށަވަރެވެ. އެއިރުން ތިމާމެން ކޮށްފައިހުރި ޢަމަލުތަކާމެދު ސުވާލު ކުރެވޭނެއެވެ. މިއަދު ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް އެކަން މިއަންގަވަނީއެވެ.
ހަނދުމަ ބަހައްޓާށެވެ! އެއްވެސް މީހެއްގެ އަތުގައި އަމާނަތެއް ބެހެއްޓިފައި ހުރިނަމަ އޭގެ ވެރިފަރާތަށް އެއަމާނާތް ރައްދުކޮށްދޭށެވެ. އަދި ދަންނާށެވެ! ބަދަލަކާނުލައި މުދަލުގެ ރައުސުމާލަށް އިތުރުކުރާ ކޮންމެ އިތުރު ކުރުމަކީ ރިބާއެވެ. ތިޔަބައިމީހުންނަށް އެއިން ހުއްދަވާހުށީ ހަމައެކަނި ރައުސްމާލެވެ. (އެބަހީ ވިޔަފާރީގެ ކެޕިޓަލެވެ.) އޭރަކުން ތިޔަބައިމީހުން އަނެކުންނަށް އަނިޔާވެރިވާ ބަޔަކުކަމުގައި ނުވާނޫއެވެ. އަދި ތިމާމެން އަމިއްލަ ނަފްސަށް ވެސް އަނިޔާވެރިކަން ތަޙައްމުލު ކުރާކަށް ނުޖެހޭނެއެވެ. މާތް ﷲ ވަނީ ރިބާގެ މުޢާމަލާތް ނުކުރުމަށް ޙުކުމް ކުރަށްވާފައެވެ. ހަމަކަށަވަރުން ރިބާގެ ގޮތުގައި ޢައްބާސް އިބްނި ޢަބްދުލް މުއްޠަލިބަށް ލިބެންވާ މުދަލަކީ އެންމެ ފުރަތަމަ މަނާކުރެވުނު ބާޠިލް މުދަލެވެ. ޖާހިލިއްޔަ ގޮތުގައި ޤިޞާޞް ހިފުމާއި ދިޔަހޯދުމެއްނެތި ބަދަލު ހިފުމުގެ ގޮތުން ލޭއޮހޮރުވައި އުޅުނުކަންތައް ހުއްޓާލެވިއްޖެއެވެ. އެންމެފުރަތަމަ ތިޔަބައިމީހުންގެ ތެރެއިން އޮހޮރުވާލެވުނު ލެއަކީ ތިމަން ކަލޭގެފާނުންގެ ޢާއިލާއިންނެވެ. އެއީ ޢަބްދުލް މުއްޠަލިގެ ފުތް ޙާރިޘް ފުތް ރަބީޢާގެ ފުތް އިޔާސްގެ ލެއެވެ. ޖާހިލިއްޔަ އެންމެހައި ފަޚުރުވެރިކަމެއް ތިމަން ކަލޭގެފާނުންގެ ފައިންޕުޅު ދަށަށްލެވި ފުނޑާލެވިއްޖެއެވެ. ގެފުޅަށް ޚިދުމަށް ކުރުމާއި ޒަމްޒަމް ފެން ބޯންދިނުން ފިޔަވައެވެ.
އަދި ދަންނާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މިބިމުގައި އަޅުކަން ކުރަމުން ދާނަމަ ޝައިޠާނާ ނާއުއްމީދު ކުރާނެއެވެ. އެހެނަސް އެނޫންކަން ކަންތައްތަކަށް ތަބާވާނަމަ އެކަންކަމާ އެސޮރު ރުހި އުފާކުރާނެއެވެ. އަދި ތިޔަބައިމީހުން ތިމާމެންގެ ދީނުގެ ޢަމަލުތަކާމެދު ފަރުވާކުޑަކުރާ މިންވަރަކަށް އެސޮރު އެކަމާ އުފާކުރާނެއެވެ. ވުމާއެކު ތިމާމެންގެ ދީނުގެ ކަންކަމަށް ފަރުވާތެރިވެ، ރައްކައުތެރިވާށެވެ.
އޭމީސްތަކުންނޭވެ! މާތް ﷲ ޙުރުމަތްތެރި ކުރަށްވާފައިވާ މައްސަރުތަކެއް ވެއެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވަނީ މިފަަދައިންނެވެ. ﴿إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ ۖ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِّيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّـهُ فَيُحِلُّوا مَا حَرَّمَ اللَّـهُ ۚ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿٣٧﴾ މާނައީ: ދަންނާށެވެ! ﷲ ޙުރުމަތް ތެރި ކުރަށްވާފައިވާ މައްސަރުތައް އިސްފަސް ކޮށްލުމަކީ ތިމާމެންގެ ކާފިރުކަން އިތުރު ކުރުމެކެވެ. އެކަމުގެ ސަބަބުން ކާފިރުވި މީހުން ދާނީ އިތުރަށް މަގުފުރެދިގެންނެވެ. އެއުރެންގެ ޢަމަލު ހުންނަ ގޮތަކީ އެއްއަހަރު އެއްމައްސަރުގެ ޙުރުމަތް ކަނޑާލައެވެ. އަނެއްއަހަރު އެ މައްސަރު ޙުރުމަތްތެރި ކޮށްލައެވެ. އެމީހުން ދެކޭގޮތުގައި މިގޮތަށް ކަންތައްކުރުމުން ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ޢަދަދު ހަމަކޮށްލެވެނީއެވެ. ޙަޤީޤަތުގައި އެއީ ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ޙުރުމަތް ކަނޑާލުމެވެ. އެބައިމީހުންގެ ނަޒަރުގައި އެއުރެންގެ އެނުބައި ޢަމަލުތަކަކީ ރަނގަޅު ކަންތައްތަކެވެ. ކާފިރުކަންމަތީ ދެމިތިބި ބަޔަކަށް ﷲގެ ޙަޟުރަތުން ޙައްޤުގޮތް ނުދައްކަވާނެތެވެ.
ހަމަކަށަވަރުން ޒަމާނަކީ ﷲ އުޑުތަކާއި ބިން އުފެއްދެވީއްސުރުން އޭގެ މަދާރުގައި ހިނގަމުން އަންނަ އެއްޗެކެވެ. ﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْراً﴾ އަދި އޭރުއްސުރެން ﷲ ކަނޑައަޅުއްވާފައިވަނީ މައްސަރުތަކުގެ ޢަދަދަކީ ބާރަ މަސް ކަމަށެވެ. އޭގެ ތެރޭން ﷲ ޙުރުމަތްތެރި ކުރެއްވީ ހަތަރު މައްސަރު ވެއެވެ. މިހަތަރު މައްސަރުގެ ތެރެއިން ތިން މަސް އަންނަނީ ވިދިވިދިގެންނެވެ. މުޟަރު ޤަބީލާގެ މީހުން މާބޮޑަށް ޙުރުމަތްތެރިކުރާ ރަޖަބު ބަސް އަންނަނީ ވަކިން ޖުމާދައްޘާނީއާއި ޝަޢުބާންމަހާ ދެމެދަށެވެ.
އަދި ދަންނާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން އަނބީންނާ މުޢާމަލާތް ކުރުމުގައި ﷲ އަށް ބިރުވެތިވާށެވެ. ތިޔަބައިމީހުން އެކަނބަލުން ހޯދާފައިވަނީ ﷲގެ ޙަޟުރަތުން އަމާނަތެއްގެ ގޮތުގައެވެ. އެކަނބަލުންނާއެކު އެއްދާންކުރުން ހުއްދަކޮށްފައި ވަނީ ﷲގެ ނަންފުޅުގައެވެ. ވުމާއެކު ދަންނާށެވެ! ތިޔަބައިމީހުންގެ އަނބީންނަށް ޓަކައި ތިޔަބައިމީހުންގެ މައްޗަށް ޙައްޤުތަކެއް ވެއެވެ. ހަމައެހެންމެ އެކަނބަލުންގެ މައްޗަށްވެސް ތިޔަބައިމީހުންނަށްޓަކައި ޙައްޤުތަކެއް ވެއެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްޤުތަކަކީ އެކަނބަލުންގެ ފިރިންގެ ރުހުމާއި ނުލައި އެއްވެސް މީހަކު ގެއަށް ނުވެއްދުމާއި ފިރިމީހާ ނުރުހޭ އެކަކަށްވެސް ގެއަށް މަރްޙަބާ ނުކިއުމެވެ. އަދި ތިމާމެންގެ ބަހުންނާއި ޢަމަލުން ހަޑިހުތުުރު ކަންކަން ނުކުރުމެވެ. ދެންފަހެ ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެކަމުގެ އަދަބުގެ ގޮތުން ﷲ ހުއްދަ ދެއްވާފައިވާ އެއްކަމަކީ ވަގުތީގޮތުން އޭނާއާއެކު ނުނިދުމަށެވެ. އެގޮތުންވެސް އިޞްލާޙު ނުވެއްޖެނަމަ އަދަބު ދިނުމުގެ ގޮތުން ހާނިއްކައެއް ނުވާގޮތަށް ތެޅިއަސް އެންމެ ރަނގަޅެވެ. ދެން އެކަނބަލުން އިސްލާޙު ވެއްޖެނަމަ ތިޔަބައިމީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ ހެޔޮ ގޮތުގައި އެކަނބަލުންނަށް ކާނާއާއި އަންނައުނު ފޯރުކޮށްދިނުމެވެ.
އަންހެނުންނާމެދު ހެޔޮކޮށް ހިތުމުގައި ތިމަން ކަލޭގެފާނުންގެ ވަޞިއްޔަތެއް ކަމުގައި ދެކި އެކަން ޤަބޫލުކުރާށެވެ. އެކަނބަލުންނަކީ ތިޔަބައިމީހުންގެ އެކަނބަލުންނަކީ ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ބައެކެވެ. ތިޔަބައިމީހުންނަކަށް އެކަނބަލުންގެ މައްޗަށް އިތުރު ބާރެއް ފޯރުވުމުގެ އިޚްތިޔާރެއް ނެތެވެ.
އޭ މީސްތަކުންނޭވެ! އެންމެހައި މުސްލިމުންނަކީ އަޚުންނާއި އުޚްތުންނެވެ. އެއްވެސް މީހަކަށް ތިމާގެ އަޚާގެ މުދާ އޭނާގެ ހެއުހިތުން ދީގެން މެނުވީ ހުއްދަ ނުވާނެެއެވެ. ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ ﴿أَلاَ هَلْ بَلَّغْتُ أَلاَ هَلْ بَلَّغْتُ﴾ ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘުކުރެއްވިއެވެ. ﴿اَللَّهُمَّ اشْهَدْ﴾ އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިކަމަށް ހެކިވެ ވޮޑިގަންނަވާނދޭވެ. ތިމަން ކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހުން ތިޔަބައިމީހުން ކާފިރުންގެޢަމަލު ހުންނަފަދައިން ތިމާމެން އެއްބަޔަކު އަނެއްބަޔަކަށް ދެކޮޅުވެރިވެ ޤަތުލު ކުރަމުންދާ ބަޔަކު ކަމުގައި ނުވާށެވެ. ދަންނާށެވެ! ތިމަން ރަސޫލާ ތިޔަބައިމީހުންގެތެރެއަށް ދޫކުރަށްވާފައި ވަޑައިގަންނަވާ އުޞޫލުގައި ބާރަށް ހިފަހައްޓައިފިނަމަ (އެބަހީރަނގަޅަށް ތަބާވެއްޖެނަމަ) އެބަޔަކު ދުވަހަކުވެސް މަގުނުފުރެދޭނެއެވެ. އެއީ ﷲގެ ފޮތެވެ. އަދި ދަންނާށެވެ! ތިމަން ކަލޭގެފާނުންގެ ވަންހަފުޅަކީ ތިމަން ކަލޭގެފާނުންގެ ޢާއިލާގެ ބޭފުޅުންނެވެ. ﴿أَلاَ هَلْ بَلَّغْتُ أَلاَ هَلْ بَلَّغْتُ﴾ ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. ﴿اَللَّهُمَّ اشْهَدْ﴾ އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިކަމަށް ހެކިވެ ވޮޑިގަންނަވާނދޭވެ.
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ރައްބަކީ އެއްކައުވަންތަ އެކެކެވެ. ތިޔަބައިމީހުންގެ ބައްޕައަކީ އެކެކެވެ. ތިޔަބައިމީހުން އެންމެން ނިސްބަތްވަނީ އާދަމުގެފާނަށެވެ. އާދަމުގެފާނު އުފައްދަވާފައިވަނީ މަށީންނެވެ. ހަމަކަށަވަރުން ﷲގެޙަޟުރަތުގައި ތިޔަބައިމީހުންކުރެން އެންމެމާތްމީހަކީ އެންމެ ތަޤްވާވެރިވި މީހާއެވެ. އެހެންކަމުން ތަޤްވާވެރި ކަމުގެ ޒަރީޢާއިން މެނުނީ ޢަރަބި ނޫން މީހެއްގެ މައްޗަށް ޢަރައްބަކަށް ވިއަސް މަތިވެރި ކަމެއް ލިބިގެނެއް ނުވެއެވެ. ﴿أَلاَ هَلْ بَلَّغْتُ أَلاَ هَلْ بَلَّغْتُ﴾ ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. ﴿اَللَّهُمَّ اشْهَدْ﴾ އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިކަމަށް ތިޔަ އިލާހު ހެކިވެ ވޮޑިގަންނަވާނދޭވެ. އެއަށްފަހު ޙަދީޘު ކުރެއްވިއެވެ. ދަންނާށެވެ. ޙާޟިރުވެ ހުރިމީހާ ޙާޟިރުވެ ނެތްމީހާއަށް މިބަސްފުޅުތައް ފޯރުކޮށްދޭށެވެ.
وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ
(ނޯޓް: މިހިސާބުން ކީރިތި ރަސޫލާގެ ޚުޠުބާ ނިމުނީއެވެ. މިޚުޠުބާގައިވާ ޢިބާރާތްތަކަކީ ޙަދީޘުގެ އެކި ފޮތްތަކުން ނަގާފައި އެއްކޮއްލެވުނު ޢިބާރާތްތަކެވެ. ވަކި އެއްފޮތަކަށް ބަރޯސާ ނުކޮށެވެ. އެހެންކަމުން މިޚުޠްބާގެ ބައެއް ޢިބާރާތްތައް ކުރީގައި ބަޔާންވެދިޔަ މުސްލިމުގެ ޙަދީޘުގެ ޢިބާރާތްތަކާ ކުޑަކޮށް ތަފާތުވެފައިވާކަން ފާހަގަ ކުރެއްވެވޭނެއެވެ.)
]رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ[
وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلاَمٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ