ފާއިތުވި 9 ދުވަހު ކުރި ބުރަ މަސައްކަތް އެންމެ ދުވަހަކުން ނަގައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފާއިތުވި 9 ދުވަހު ކުރި ބުރަ މަސައްކަތް އެންމެ ދުވަހަކުން ނަގައިނުލާށެވެ!

މާތް ﷲ އެދުވަސްތައް އެންމެ މާތް ކުރެއްވެވި 10 ދުވަހުގެ ތެރެއިން 9 ދުވަސް ފާއިތުވެ ހިނގައްޖެއެވެ. އެދުވަސްތަކުގެ ފައިދާ ޙާޞިލުކުރުމަށްޓަކައި އެއްބައަކު ވަރަށް ބުރަކޮށް މަސައްކަތްކުރިއެވެ. 9 ދުވަހު ރޯދަ ވެސް ހިފިއެވެ. އަނެއް ބައަކު އެމީހަކަށް ކުރެވުނު ވަރަކުން މަސައްކަތްކުރިއެވެ. 

9 ދުވަސް ނިމި މާދަމާއަކީ ޢީދު ދުވަސްކަމަށްވުމުން ބުނެލަން ބޭނުންވަނީ ޢީދުގެ އުފާ ޙާޞިލުކުރުމުގެ ތެރެއިން ފާއިތުވި 9 ދުވަހު ކުރިއަޅުކަން ގެއްލިގެން ހިނގައިދާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށެވެ. އެއްވެސް ކަމެއް ކުރުމުގައި އިސްލާމް ދީނުގައިވާ އިންތަކުން ބޭރަށް އެންމެ މިލިމީޓަރަކަށްވެސް ނުނުކުތުމަށެވެ. 

ބިރުގަންނަންވީ ކޮރޯނާ ވައިރަސްއަށް ނުވަތަ އެނޫންވެސް ބަލިމަޑުކަމަކަށް ނޫނެވެ. ބިރުވެތިވާންވީ ﷲ ތަޢާލާއަށެވެ! ހަނދާނުގައި ބަހައްޓަންވީ އެހެންވެސް ދުވަހަކު، އެއްވެސް ދުވަހަކު ކުރުން ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ޢީދު ދުވަހުވެސް އަދި އެހެން ދުވަހަކުވެސް ކުރުން ހުއްދަކުރައްވަވާފައިނުވާ ކަމެވެ. ނަހީ ކުރައްވަވާފައިވާ ކަންކަން ކުރުމުން ފާފަވެރިވާނެ ކަމެވެ. 

ޢީދު ޢުފާ ޙާޞިލުކުރަންވެސް ދެޖިންސުން މަސްހުނިވެ އުޅުމާއި މާތް ﷲ އާއި ތިމާ އާއި ދެމެދަށް ހުރަސް އެޅޭނެ އެއްވެސް ޢަމަލެއް ނުކުރަން ޚާއްޞަ ސަމާލުކަމެއް ދޭށެވެ! ޢާއިލާގެތެރޭގައި އުފާކޮށް މަޖާކުރަން އިސްކަންދޭށެވެ. ހަމަ އެއާއިއެކު ކިތަންމެ ފޯރީގައި ކުޅިވަރުކުޅެން އުޅުނު ނަމަވެސް ފަރުޟު ނަމާދުތަކަށާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާށެވެ! ނޫނީ އެކަންވާނީ ފަހަތަށް އެޅޭ ފިޔަވަޅަކަށެވެ. އެފަދަ ފިޔަވަޅު އެޅޭނަމަ ކުރާ ހެޔޮ ޢަމަލުތަކުގެ ޙަޤީޤީ ފައިދާ ގެއްލިގެން ހިނގައިދާނެކަމާއިމެދު އަބަދުވެސް ވިސްނަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން