ކިތަންމެ ފަޤީރު ނަމަވެސް ދުނިޔޭގެ އެންމެންނަށް ޢީދު ހަދިޔާ ދީ ހަމަ އެ އެންމެންގެ ފަރާތުން އެ ހަދިޔާ ﷲ ގެ ޙަޟްރަތުން ތިބާއަށް ލިބޭނެ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކިތަންމެ ފަޤީރު ނަމަވެސް ދުނިޔޭގެ އެންމެންނަށް ޢީދު ހަދިޔާ ދީ ހަމަ އެ އެންމެންގެ ފަރާތުން އެ ހަދިޔާ ﷲ ގެ ޙަޟްރަތުން ތިބާއަށް ލިބޭނެ މަގު!

މިއީ ގިނަބައަކަށް އަތްމަތި ވަރަށް ދަތި ދުވަސްތަކެކެވެ. ޢީދު ހަދިޔާ ގަނެފައިދޭން ވަރަށް ދަތި ދުވަސްތަކެކެވެ. ނަމަވެސް ކިތަންމެ ފަޤީރު ނަމަވެސް ދުނިޔޭގެ އެންމެންނަށް ޢިދު ހަދިޔާ ވަރަށް ފަސޭހައިން ދެވިދާނެއެވެ. މަރުވެފައިވީ އެންމެންވެސް ހިމެނޭގޮތުންނެވެ!

މިފަދައިން ހަދިޔާ ދިނުމުން ތިބާ ހަދިޔާދިން އެންމެންގެ ފަރާތުން ތިބާއަށް ﷲ ތަޢާލާ ހަދިޔާ ދެއްވަވާނެތެވެ. އިން ޝާ ﷲ! މިމަތިވެރި ނިޢްމަތް ހޯދޭނެ މަގު އެނގިގެންދަނީ މި ޙަދީޘްފުޅުންނެވެ!

"އެއްވެސް މުސްލިމް އަޅަކު އޭނާގެ މުސްލިމް އަޚާއަށް ނޭނގި ސިއްރުން އެ އަޚާއަށްޓަކައި ހެޔޮދުޢާކޮށްފިކަމުގައިވާނަމަ، (އެއަޅާ އާއި ޙަވާލުވެވަޑައިހުންނަވާ) މަލާއިކަތާ "ތިބާއަށްވެސް ހަމައެފަދައިން ލައްވަވާށިއެވެ!"

މާނައަކީ ތިބާގެ އަޚާޢަށް ސިއްރުން އޭނާއަށްޓަކައި ތިބާ ހެޔޮ ދުޢާކޮށްދިން ކަންތައް ތިބާއަށް ދެއްވެވުން އެދިވަޑައިގަތުން މަލާއިކަތާ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމެވެ.

އެނގިގެންމިދަނީ މިސާލަކަށް ތިބާ ދުޢާކުރީ މިވެނި މީހަކަށް ނުވަތަ މިވެނި ބައަކަށް ފާފަ ފުއްސަވައި ދެއްވެވުން އެދިގެން ކަމަށްވާނަމަ، ތަނަވސްކަން ދެއްވެވުން އެދިގެންކަމަށްވާނަމަ، ސަލާމަތް ޞިއްޙަތަކަށް އެދިގެން ކަމަށްވާނަމަ އަދި އެނޫންވެސް ކަމަކަށް އެދިގެން ކަމަށްވާނަމަ ، އަދި ކިތަންމެ ގިނަ ކަންތައްތަކަކަށް އެދިގެންކަމަށްވީނަމަވެސް ދުނިޔޭގައި ތިބި އެންމެންނާއި މަރުވެދިއަ އެންމެން ވެސް ދުޢާގައި ހިމަނައިފިނަމަ އެ އެންމެންގެ މަތިން ތިބާއަށް ވެސް ހަމަ އެދުޢާ މަލާއިކަތާ ކުރައްވަވާނެ ކަމެވެ.

ނިކަން ވިސްނައިލަބަލާށެވެ! މިއަށްވުރެ ވަކިން ފައިދާހުރި ޢީދު ހަދިޔާއެއް ދެވިދާނެ ހެއްޔެވެ؟ ހަމަ އެއާއިއެކު އަހުރެން ނަޞޭޙަތްތެރިވަނީ ތަނަވަސްކަން ހުރި މީހަކު ހަދިޔާ އަތަށްދިން ކަމުގައިވީނަމަވެސް އެމީހަކަށްޓަކައި ދުޢާކުރުމުގެ ހަދިޔާ ކޮންމެހެންވެސް ދިނުމަށެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން