ދަރިންނަށް ދުނިޔެއާ ޢާޚިރަތް ހޯދައިދޭން ކޮންމެ ދުވަހަކު ބެލެނިވެރިން ކުރަން ޖެހޭ ކަމެއް- ކޮންމެ ބެލެނިވެރިއަކަށްވެސް މިކަން ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދަރިންނަށް ދުނިޔެއާ ޢާޚިރަތް ހޯދައިދޭން ކޮންމެ ދުވަހަކު ބެލެނިވެރިން ކުރަން ޖެހޭ ކަމެއް- ކޮންމެ ބެލެނިވެރިއަކަށްވެސް މިކަން ކުރެވޭނެ!

ގިނަ ބެލެނިވެރިން އެމީހެއްގެ ފެންވަރުން ކޮންމެ ދުވަހަކުވެސް އަގުބޮޑު ހަދިޔާތައް ގަނެގެން ގެންގޮސް ދަރިންނަށްދީ އެކުދިން އުފާކުރުވައެވެ! ނަމަވެސް ކޮންމެ ދުވަހަކު ދަރިފުޅަށް ކޮންމެހެން ދޭން ޖެހޭ ހަދިޔާ ދެނީ ވަރަށް މަދު މީހެކެވެ. ދަރިންނަށް ހަދިޔާދޭށެވެ! އެއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ސަމާލުކަން އިތުރުކުރަން ޖެހިފައިވާ ކަމެއްގެވާހަކައެވެ. 

ކޮންމެ ބެލެނިވެރިއަކުވެސް ކޮންމެ ދުވަހަކުވެސް ކުރުން އެންމެ މުހިންމު އެއްކަމަކީ ދަރިފުޅުގެ ސަމާލުކަން ހޯދުމަށްފަހު ކުއްޖާ ހިތުގައި ހަރުލާނެ ގޮތަކަށް ހެޔޮ ނަޞޭޙަތެއް ދިނުމެވެ. ދީނުގެ ކޮންމެވެސް ކަމެއް އަންގައި ދިނުމެވެ.  

އަމިއްލައަށް ދީނުގެ ކަންކަން ބުނެދޭން ނުއެނގޭ މައިންބަފައިންނަށް އެކަންކުރެވިދާނެ އެއް ގޮތަކީ ދީނުގެ އެފަދަ ފޮތެއް ހޯދައި ކޮންމެ ދުވަހަކުވެސް ދަރިފުޅުއަތަށް ދީގެން ކޮންމެވެސް މިންވަރެއް ކިޔުއްވުމެވެ. މާދިގުކޮށް ނުކިޔުއްވާށެވެ. ހަމަ އެންމެ ކަމެއްގެ ވާހަކަ ކިޔުއްވާށެވެ! 

އެދުވަހު ކިޔަންވީ ތަންކޮޅު ދެއްކުމަށްފަހު މިއަދު މަންމައަށް ނުވަތަ ބައްޕައަށް މިތަންކޮޅު ކިޔާލަދިނުމަށް ބުނާށެވެ! ޢިބްރަތްތެރި ކުރު ވާހަކަތައްވެސް ކިޔުއްވިދާނެއެވެ. ކިޔައި ނުމުމުން އެބުނަނީ ކީކޭތޯވެސް ދަރިފުޅާ ސުވާލުކުރާށެވެ! އަދި ދެމައިން ނުވަތަ ދެބަފައިން އެކަމަކާއިމެދު ކުޑައިރުކޮޅަކު ވާހަކަ ދައްކައިލާށެވެ! 

މިގޮތަށް ކަންކަން ކުރާނަމަ ދަރިންނަށް ދީނުގެ ކަންކަންވެސް އަދި ދުނިޔޭގެ ކަންކަންވެސް ދާނީ އޮޅުންފިލަމުންނެވެ. ހޭލުންތެރިކަން ިތުރުވަމުންނެވެ! ދީނުގެ ކަންކަން އޮޅުންފިލުމުގެ އިތުރުން ދީނުގެ ކަންކަމަށް ލޯބިވެސް އިތުރުވާނެއެވެ! ނުބައި އަމަލުތަކަކީ ކޮބައިކަން އެނގި އެކަންކަމަށް ބިރުވެތިވާންވެސް އެނގޭނެއެވެ! ނުބައި ކަމެއް ކުރަން މީހަކު ބުނި ނަމަވެސް އެއީ ނުބައި ކަމެއްކަން ދަރިންނަށް އެނގޭނެއެވެ! 

ސްކޫލުން ނުވަތަ ކޮލެޖުން ހުރިހާ ކަންކަން އެނގޭނެ ކަމަށް ނުވަތަ ދަސްވާނެ ކަމަށް ބަލައި އިތުބާރުނުކުރާށެވެ! މިއަދު ގިނަ ކުދިންނަށް މަގު އޮޅެމުން މިދަނީ އެގޮތަށް ވިސްނައި މުއައްސަސާތަކަށް އިތުބާރުކުރެވޭތީއެވެ! 

ކޮންމެހެން ސަމާލުކަން ދޭންޖެހޭނެ ކަމެއް އަދި ބުނެލާނަމެވެ. މިގޮތަށް މިކަން ކުރަންވާނީ ދަރިފުޅުގެ ސަމާލުކަން އެކަމަށް ހޯދޭނެ ފުރުޞަތު ފަހިކުރުމަށްފަހުގައެވެ. އެކަން ކުރަން ކުއްޖާ ޝައުޤުވެރިކުރުވައިގެންނެވެ. ގަދަކަމުން ހިފަހައްޓައިގެން ކުރުވުމުން ކުދިންގެ ހިތުގައި އެކަން ހަރުލުން ވަރަށް ކުޑަވާނެތީއެވެ. ވީމާ ބެލެނިވެރިންވެސް މިކަމަށް ވަގުތު ހުސްކުރަންވާނެއެވެ. 

މިއީ ހަމައެންމެ 10 ވަރަކަށް މިނިޓުން ކޮށްލެވޭނެ ކަމެކެވެ. ކުދިންނަށް ހޯދައިދޭ އަގުބޮޑު ކުޅޭ ސާމާނަށްވުރެ މިކަމުން ކުއްޖާއަށް ލިބޭ ފައިދާ މާބޮޑުވާނެއެވެ! 

- އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން