"ﷲ އަށް ބިރުވެތިވާށޭ!" ބުނާ އަޑުއިވުމަކީ ކުޑަ ކަމަކަށް ނުހަދާށެވެ! އެއީ އިންސނަކަށް ދެވޭނެ އެންމެ ބޮޑު އިންޒާރެވެ! އެހެނީ ފުރިހަމަ މުއުމިނަކު ނަމަ އެމީހެއްގެ ގާތުގައި "ﷲ އަށް ބިރުވެތިވާށޭ" ބުނެވިއްޖެނަމަ އެމީހެއްގެ ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ލިބޭ ސިހުމުގައި މީހާ ހުއްޓުމަކަށްވެސް އަންނާނެއެވެ. އެހެނީ ފުރިހަމައަށް އީމާންވެގެން ހުންނަ މީހާއަށް ﷲ ގެ ނަންފުޅު އިވުމުން ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ޚާއްޞަކޮށް "ﷲ އަށް ބިރުވެތިވާށޭ" ބުނާ އަޑު އިވެއްޖެނަމަ ބިރުވެރިކަން އިތުރުވާނެއެވެ.
ކިތަންމެ ވަރުގަދައަށް ރުޅި އައިސްފައި ހުއްޓައި ނަމަވެސް ފުރިހަމަ މުއުމިނެއްގެ ގާތުގައި "ﷲ އަށް ބިރުވެތިވާށޭ" ބުނެވިއްޖެ ނަމަ އެމީހާގެ ރުޅި މަޑުވާނެއެވެ. މައިތިރިވާނެއެވެ. ނަމަވެސް މުނާފިޤުންގެ ކިބައިން އެ ސިފައެއް ނުފެންނާނެއެވެ. އެމީހުން ވާނީ އިތުރަށް ރުޅި ގަދައެވެ. މީހެއްގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެ ނަމަ އެކަމުން އެނގެނީ އޭނާއަކީ މުނާފިޤެއް ކަމެވެ. މުނާފިޤުން ތައުބާ ނުވެ ހުއްޓައި މަރުވެއްޖެނަމަ ދިއުން ގާތީ ނަރަކައަށެވެ.
މީހެއްގެ ގާތުގައި "ﷲ އަށް ބިރުވެތިވާށޭ" ބުނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެއިރުން އެކޮށްދެވެނީ ވަރަށް ހެޔޮ ކަމެކެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި މީހެއްގެ ގާތުގައި "ﷲއަށް ބިރުވެތިވާށޭ" ބުނުމުން އެކަން ބައި ނުގަތުމަކީ އެމީހަކާއި ސުވާލުކުރެވޭނެ ކަމެކެވެ. އެހެނީ އެހެން ބުނާ މީހާ ﷲ ތަޢާލާއަށްޓަކައި އެ އަދާކުރަނީ ރަސޫލުބޭކަލުންގެ މަސްއޫލިޔަތެކެވެ. ފުރަގަސް ދޭމީހާ އެ ފުގަސްދެނީ އޭނާއަށް އިއްވޭ ރަސޫލުބޭކަލުންގެ ރިސާލަތަށެވެ.
މީހަކު އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކުރަން އުޅޭކަން އެނގޭނަމަ ނުވަތަ ކުރަނިކޮށް ފެނިއްޖެނަމަ "ﷲ އަށް ބިރުވެތިވާށޭ" ބުނަންވާނެއެވެ. ބަލައި ގަތުމާއި ނުގަތުމަކީ އެމީހެއްގެ ކަމެކެވެ."ﷲ އަށް ބިރުވެތިވާށޭ" ބުނެ މީހަކަށް ނަޞޭޙަތްތެރިވެއްޖެ ނަމަ އެކަމުގެ ސަވާބު އެހެން ބުނި މީހަކަށް ދެއްވަވާނެއެވެ.
"ﷲ އަށް ބިރުވެތިވާށޭ" ބުނުމުން އެކަން ބަލައި ނުގަތުމަކީ މާޔޫސްވާން ޖެހޭނެ ސަބަބެއް ނޫނެވެ. ބަލައިގެންފިނަމަ އެކަމުގެ ފައިދާ ބަލައިގަތް މީހާއަށް ކުރާނެއެވެ. ބަލައިގަތް ނަމަވެސް އަދި ބަލައި ނުގަތް ނަމަވެސް ބުނި މީހާއަށް ސަވާބު ދެއްވަވާނެއެވެ. އަދި ބަލައި ނުގަތް ނަމަވެސް ބުނި މީހާއަށް ދެއްވަވާ ސަވާބުން އެއްވެސް މިންވަރެއް އުނި ނުކުރައްވަވާނެތެވެ!
- މުފްތީ މެންކުގެ ދަރުސަކުން