ބަލިފަސޭހަވޭތޯ ސިހުރުވެރިއެއްގެ ބަސް ޤަބޫލުކުރުމުން ދެއްވަވާނެ ޢަޛާބު, ބަލިން އަޅާ ވޭނަށްވުރެ އެތައް މިލިއަން ގުނައަކަށް ބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ބަލިފަސޭހަވޭތޯ ސިހުރުވެރިއެއްގެ ބަސް ޤަބޫލުކުރުމުން ދެއްވަވާނެ ޢަޛާބު, ބަލިން އަޅާ ވޭނަށްވުރެ އެތައް މިލިއަން ގުނައަކަށް ބޮޑުވާނެ!: މުފްތީ މެންކް

ބަލިވި ނަމަވެސް އަދި ކަމަކަށް ބޭނުންވި ނަމަވެސް މުސްލިމުންނަށް އޮތީ ދުޢާ ކުރުމެވެ! އެހެން މީހުންގެ ގާތު ތިމާއަށް ދުޢާކޮށްދޭން އެދުމަކީވެސް ހުއްދަ ކަމެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް އެދެވިދާނެއެވެ. އަދި އެއިރުން ދުނިޔޭގެ ގިނަ ބައެއްގެ ދުޢާއިން ތިބާއަށް ޝިފާ ވެސް ލބިދާނެއެވެ! އިން ޝާ ﷲ 

ނަމަވެސް ކަމެއް މެދުވެރިވުމުން ސިހުރުވެރިއެއްގެ ގާތަށް ދިއުން ހުއްދައެއް ނޫނެވެ. އޭނާ 3 ކަށިގަނޑު އެއްލާފައި ތިބާ ބަލިވީ ފަހަރި ހެދި ސިހުރަކުން ކަމަށްވެސް ބުނެފާނެއެވެ. އެއަޑު އިވޭ ހިސާބުން އެއޮތީ ހުރިހާ ކަމެއް ނުބައިން ނުބައަށް ގޮސްފައެވެ. 

ފުރަތަމަ ކަމަކަށް އެހިސާބުން އެ ޤަބޫލުކުރެވެނީ އޭނާއަށް ޣައިބު އެނގޭކަމަށެވެ. ޣައިބު ދެނެވޮޑިގަތުންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! އެކަން ﷲ ތަޢާލާ ޤުރްއާނުގައި ވަޙީކުރައްވަވާފައިވަނިކޮށް އެހެން މީހަކަށް ޣައިބު އެނގޭކަމަށް ޤަބޫލުކުރެވިއްޖެނަމަ އެކަންވާނީ ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި ކުލަދުންވަންތަކަން ޤަބޫލުނުކުރުމުގެ ތެރެއިންނެވެ. ދެން އެމީހާގެ އޮންނާނީ ކޮން ދީނެއް ހެއްޔެވެ؟ 

ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވާފައިވެއެވެ! 

"އަދި އިންސީންގެ ތެރެއިން ފިރިހެންބައަކު، ޖިންނީންގެ ތެރެއިން ފިރިހެންބައެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) ކާފިރު ކަމާއި ބޮޑާކަން އިތުރުކުރޫއެވެ." (އަލް ޖިންނި: 6) 

"އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން، އެކަލާނގެ ވަޙީ ކުރައްވާނެތެވެ.) އޭ ޖިންނީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިއަބައިމީހުން އިންސީންގެ ވަރަށްގިނަ މީހުންނަށް މަގުއޮޅުވައިލީމުއެވެ. ދެން އިންސީންގެ ތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ އެއްބައަކު އަނެއްބައެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަރަސްކަލާނގެ، އަޅަމެންނަށް ކަނޑައަޅުއްވައިދެއްވައިފައިވާ އަޖަލަށް އަޅަމެން ފޯރައްޖައީމުއެވެ. އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިއަބައިމީހުން ތިބޭނެ ތަނަކީ ނަރަކައެވެ. ﷲ އިރާދަކުރެއްވި ވަގުތަކަށް މެނުވީ، އެއުރެން އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލް އަންޢާމް: 128)

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބައެއް ސިހުރުވެރިން ހިލޭވެސް ސިހުރުހަދައިދީފާނެއެވެ! ނަމަވެސް އޭނާ އެދަމައިގަންނަނީ މާ މުހިންމު، މާއަގުބޮޑު އެއްޗެކެވެ! އެއީ ތިބާގެ އީމާންކަމެވެ. ފައިސާ ދެވިއްޖެ ނަމަ އެ ފައިސާ އާއި އީމާންކަމެވެ. 

ބަލިވާނެއެވެ! ުޞީބާތްތައްވެސް ޖެހޭނެއެވެ! ނަމަވެސް އީމާންކަން ވިއްކައިނުލާށެވެ! އެކަމުގެ ސަބަބުން ކުރިމަތިލާންޖެހޭނެ ޢަޛާބަކީ ގަދަފަދަ ޢަޛާބެވެ! ޖެހުނު ބައްޔާއި އެޅިވޭނަށްވުރެ އެތައް މިލިއަން ގުނަ ގަދަފަދަ ޢަޛާބާއިއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން