ސުވަރުގޭގެ އެންމެ ބޮޑުދޮރުން އެންމެފަސޭހަކަމާއިއެކު ވަނުމަށް އެންމެ ފަސޭހަ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ސުވަރުގޭގެ އެންމެ ބޮޑުދޮރުން އެންމެފަސޭހަކަމާއިއެކު ވަނުމަށް އެންމެ ފަސޭހަ މަގު!

ޔަމަނުން ރަސޫލް (ޞޢވ) ގެ އަރިއަހަށް ވަޑައިގެންނެވި ޞަހާބީއަކު ދެންނެވިއެވެ. "ﷲ ގެ ރަސޫލާ (ޞޢވ) އެވެ. މިއަޅާ މިއައީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމަށް ޖިހާދުކުރުމަށެވެ. މިއަޅާގެ މައިންބަފައިން ރޮއިރޮއި ތިބިޙާލުގައިވެސް މިއައީ އެމީހުން ދޫކޮށްލައިފައެވެ."

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެނބުރި ޔަމަނަށްގޮސް މައިންބަފައިންނަށް ޚިދުމަތްކުރުމަށެވެ. އެމީހުން ދެރަވެ ކަރުނައެޅިފަދައިން އެމީހުންނަށް ޚިދުމަތްކޮށްގެން އެމީޙުންނަށް ހިނިތުންވުން ގެނެސްދިނުމަށެވެ. 

އެނގިގެން މިދަނީ މައިންބަފައިން ދެރަކޮށް ރޮއްވުމަށްފަހު ޖިހާދުކުރުމެއްވެސް ނެތްކަމެވެ. އޮތީ މައިންބަފައިންނަށް ޚިދުމަތްކޮށް އުފާވެރިކަން ހޯދައިދިނުންކަމެވެ. 

ޢަބްދުﷲ އިބްން ޒުބައިރު އަވަހާރަވުމުން ދަރިކަލުން ކަރުނައަޅުއްވަމުން ވިދާޅުވިއެވެ. "ތިމަން މިރޮނީ ބައްޕަ ނިޔާވެގެނެއް ނޫނެވެ! ސުވަރުގެއަށް ދެވެން އޮތް އެންމެ ފަސޭހަމަގު ބަންދުވުމުންނެވެ. 

އަހަރެމެންނާއި މައިންބަފައިން ނުވަތަ މައިންބަފައިންނާއި އަހަރެމެން ވަކިވާންޖެހޭނީ ކޮންވަގުތަކުކަމެއް ނުއެނގޭނެއެވެ. މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ޚިދުމަތްކުރުމުގައި ޤުރްބާންވާށެވެ! އަދި އެމީހުން ދުނިޔެ ދޫކޮށްފައިވާނަމަ އެމީހުންނަށްޓަކައި ހެޔޮ އަމަލުތައްކުރުން ގިނަކުރާށެވެ. 

އެގޮތުން ފުރަތަމަކަމެއްގެ ގޮތުން ދުޢާކުރުން ގިނަކުރާށެވެ! އެމީހުންނަށްޓަކައި ޙައްޖާއި ޢުމުރާވެސްވާށެވެ! ޞަދަޤާތްކުރާށެވެ! އެމީހުންގެ ރައްޓެހިންނާއި ތިމާގެމީހުންނާއި ބައްދަލުކޮށް ހެޔޮކޮށްހިތާށެވެ! 

ވީމާ މައިން ބަފައިން ދުނިޔޭގައި ތިބުމަކީ ސުވަރުގޭގެ މަތިވެރި ނިޢްމަތް ޙާޞިލުކުރެވެން އޮތް އެންމެ ފަސޭހަމަގެވެ! ސުވަރުގޭގެ އެންމެ ބޮޑުދޮރުން އެންމެ ފަސޭހަކަމާއިއެކު ވަދެވެން އޮތް މަގެވެ! އެ މަގު ދޫކޮށްނުލާށެވެ! އެމީހުންނަށް ހޭދަކުރުމާއި ޚިދުމަތްކުރުމަކީ ތަކްލީފެއް ކަމުގައި ނުދެކޭށެވެ! އެއީ އެންމެ ބޮޑު އުފާކަމުގައި ދެކޭށެވެ! ސުވަރުގެ ވަދެވުން ފަސޭހަވުމަށްވުރެ ބޮޑު އުފަލެއް ނުލިބޭނެއެވެ!

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން 

މިއަދު އޮންލައިން