ހުކުރު ދުވަހާމެދު އަންހެނުން ސަމާލުކަން އިތުރުކުރަންޖެހޭ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހުކުރު ދުވަހާމެދު އަންހެނުން ސަމާލުކަން އިތުރުކުރަންޖެހޭ 2 ކަމެއް!

ހުކުރު ދުވަހަކީ ހެޔޮ ޢަމަލުތައްކުރުން ގިނަކުރުމުގެ ދުވަހެވެ. ހުކުރު ދުވަހުގެ ޘަވާބު ލިބިގަންނަން މަސައްކަތްކުރުމުގައި ވެސް އެހެނިހެން އަޅުކަމާއި އެއްފަދައިން އަންހެނެއް ފިރިހެނެއް އެއްވެސް ތަފާތެއް ނެތެވެ. ހުކުރު ދުވަހާއިމެދު އަންހެނުންގެ ސަމާލުކަން އިތުރުކުރަންޖެހޭ 2 ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ކަހްފި ސޫރަތް ކިޔެވުމާއި ރަސޫލް (ޞޢވ) ގެ މައްޗަށް ޝަލަވާތްކިޔެވުން އިތުރުކުރުމެވެ. 

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ކަހްފި ސޫރަތް ކިޔެވުމަކީ ހުކުރުނަމާދަށްދާ ފިރިހެނުން ހުކުރަށް ގޮސްތިބެ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ އަންހެނުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. މިފަދަ ވިސްނުން ލިބިފައި އެވަނީ ދީނީ ގޮތުން މީސްތަކުން ހޭލުންތެރިނުވެ އޮތް ޒަމާނުގައި ބައެއް މުޖުތަމައުތަކުގައި ޢަމަލުކުރަމުން އައި ގޮތުން ކަމަށްވެދާނެއެވެ. 

ބުރާސްފަތި ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން ހުކުރު ދުވަހުގެ މަޣްރިބު ނަމާދުގެ ވަގުތާ ދެމެދަކީ ހެޔޮކަމާއި ޘަވާބު ލިބިގަތުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.  މިވަގުތުތައް ހިމެނިގެންދާނީ ހުކުރު ދުވަހުގެ ތެރޭގައެވެ. ވީމާ "މަޣްރިބުން މަޣްރިބަށް" ކަހްފި ސޫރަތް ކިޔަވައިލުންވާނީ ކިހައި ފަސޭހަކަމަކަށް ހެއްޔެވެ؟ އެކަންކޮށްލުމުން އެއް ހަފްތާއިން އަނެއް ހަފްތާއަށް ތިބާ އުޖާލާކޮށްދޭނެ ނޫރެއް ތިބާއަށް ދެއްވަވާނެތެވެ. އަދި މި އުޖާލާކަން އުޑާއި ހަމައަށް ފޯރުމަކީ ތިބާއަށް ލިބިގެންދާ ކިހައިމަތިވެރި ޝަރަފެއް ހެއްޔެވެ؟ 

މިފަދަ މަތިވެރި ޘަވާބާއި ޝަރަފު ލިބުމުގައި އަންހެނެއް ފިރިހެއްގެ މެދުގައި އެއްވެސް ތަފާތެއް ނެތެވެ. އެމީހަކު ކުރި މަސައްކަތަކާއި އެއްވަރަށް އެމީހަކަށް ދެއްވަވާނެތެވެ! 

ދެން ފާހަގަކުރަން ޖެހެނީ ރަސޫލް (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުމެވެ. ޞަލަވާތް ކިޔެވުމަށް ބަލައިފިނަމަ އެކަމަށް އިހްމާލްވަމުންދަނީ ހަމައެކަނި އަންހެނުންނެއްވެސް ނޫނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ކޮންމެ ހުކުރު ދުވަހަކު ޚުޠުބާގަޢާއި އެނޫންވެސް ގޮތް ގޮތުން އަބަދު ހަނދާންކޮށްދެމުން ގެންދާއިރުވެސް ސަމާލުކަން ނުދެނީ ކީއްވެގެންހެއްޔެވެ؟ 

اللهم صل وسلم على نبينا محمد و على آله وصحبه أجمعين.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން