ކިތަންމެ ގިނަ ދަރިން ވިހެއި ނަމަވެސް ރަސޫލް ޞޢވ, ޙަދީޘް ކުރެއްވެވި ފަދަ ދަރިއަކު ނެތްނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކިތަންމެ ގިނަ ދަރިން ވިހެއި ނަމަވެސް ރަސޫލް ޞޢވ, ޙަދީޘް ކުރެއްވެވި ފަދަ ދަރިއަކު ނެތްނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

ކައިވެނިކުރުމާއިބެހޭ ގޮތުން ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރައްވަވާފައިވަނީ ތިމަން ރަސޫލާގެ އުންމަތް ބޮޑުވެ މީހުން ގިނަވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މާނައަކީ އިސްލާމީ އުންމަތުގެ މީހުންގެ ޢަދަދު ގިނަވުމަށް އެދިވަޑައިގަންނަވާ ކަމެވެ. އެހެންކަމުން ވީހައި ގިނަ ދަރިން ހޯދުމަށް މިވަނީ ހިތްވަރުދެއްވަވައިފައެވެ. ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ގިނައިން ދަރިންވިހާ ޒާތުގެ އަންހެނުންނާއި ކައިވެނިކުރުމަށެވެ." 

ތިބާ 10 ދަރިންވިހައިފިއެވެ. ބޮޑުވެ މީހުންނަށް ވެއްޖެއެވެ. ތަޝައްރަފްފުދިއްޖެއެވެ. އެއިގެތެރެއިން އެންމެ ދަރިއަކުވެސް ރަސޫލް (ޞޢވ) އެދިވަޑައިގަންނަވާ އެއްވެސް ކަމެއް ނުކުރެއެވެ. ﷲ ތަޢާލާޢަށް އަޅުކަމެއް ނުކުރެއެވެ. ރަސޫލް (ޞޢވ)ގެ ސުންނަތަށް ޢަމަލެއް ނުކުރެއެވެ. ﷲ ތައާލާގެ ދީން މަތިވެރިކުރަން އެއްވެސް ކަމެއް ނުކުރެއެވެ. 

އެހެންކަމަށްވާނަމަ ތިބާއަށް ލިބިފައި ތިއަތިބީ ރަސޫލް (ޞޢވ) އެ ޙަދީޘްކުރެއްވެވި ފަދަ ދަރިންކަމުގައިވާނީ ކިހިނަކުންހެއްޔެވެ؟ ރަސޫލް (ޞޢވ) އެ ޙަދީޘްކުރެއްވެވިފަދަ ދަރިންކަމުގައިވާނީ އެ ދަރިންނަކީ ފުރިހަމަ މުސްލިމުން ކަމުގައިވެ، ﷲ ތަޢާލާ އެންގެވިފަދައިން އަޅުކަންކޮށް ރަސޫލް (ޞޢވ)ގެ ސންންތަށް އަމަލުކުރާ ބައަކު ކަމުގައިވެގެންނެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދަރިން ލިބުމުން ދެމަފިރިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަށެވެ. އެ ދަރިންނަކީ އިސްލާމް ދީނަށް ފުރިހަމައަށް ޢަމަލުކުރާނެ ދަރިން ކަމުގައި ހެދުމަށެވެ. 

އެކަމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ އެކަންކަމުގައި މައިންބަފައިން ދަރިންނަށް ނަމޫނާދެއްކުމެވެ. ދަރިންގެ ކުރިމަތީގައި ދެމަފިރިން ނުބައި ބަސްތައް ބުނާނަމަ އެކުދިންވެސް ނުބައިބަސްތައް ބުނާނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އޯގާތެރިނުވާނަމަ އެކުދިންގެ ހިތުގައިވެސް އޯގާތެރިކަން ކުޑަވާނެއެވެ. އަޅުކަންކުރުމުގައި ނަމޫނާ ނުދައްކާނަމަ އެކުދިންނަށްވެސް ދަސްވާނީ އެގޮތެވެ! 

ވީމާ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ރަނގަޅަށް ވިސްނާށެވެ! އުންމަތުގެ ކިބައިން ރަސޫލް (ޞޢވ) އެދިވަޑައިގެންފައިވާފަދަ ދަރިންގެ ގޮތުގައި ތަރުބިއްޔަތުކުރާށެވެ! އެކަމުގެ ޖަޒާ މައިންބަފައިންނަށް ދެ ދުނިޔޭގައިވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން