މަރުވުމުން ހަނދާންކުރަން ކިތަންމެ ބޭނުންވި ނަމަވެސް ތިމާއަކީ މުސްލިމެއްކަން ހަނދާން ނެތޭނެ ބައަކު ތިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
މަރުވުމުން ހަނދާންކުރަން ކިތަންމެ ބޭނުންވި ނަމަވެސް ތިމާއަކީ މުސްލިމެއްކަން ހަނދާން ނެތޭނެ ބައަކު ތިބޭނެ!

އެއް މާނައެއްގައި ބަލައިފިނަމަ ﷲ ތަޢާލާ އުފައްދަވަނީ ފުރާނައެވެ. އިންސާނާގެ ހަށިގަނޑަކީ އެ ފުރާނަ ދުނިޔޭގައި އުޅުމަށް ﷲ ތައާލާ ދެއްވަވާ ޔުނިފޯމެކެވެ. ނުވަތަ ސިފައެކެވެ. ދުނިޔޭގައި އުޅުމުގެ މުއްދަތުހަމަވުމުން އެ ޔުނިފޯމްބާލައި، ހަށިގަޑު ދޫކޮށް ފުރާނަ ނުކުމެގެންދަނީއެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވަނީއެވެ. 

އެއަށްފަހު އެފުރާނައަށް އުޅެންޖެހޭނީ ﷲ ތަޢާލާ އެންގެވިތަނެއްގައެވެ. ލެއްވެވި ޙާލަތެއްގައެވެ. އެހިސާބުން އެމީހާގެ އެއްވެސް ބާރެއް ނުހިނގާނެއެވެ! އެހެނީ ފުރާނައަކީ ﷲ ތަޢާލާގެ ޙައްޤެކެވެ! އެއްވެސް އިންށާނެއްގެ އެއްވެސް ބާރެއް ފުރާނައިގެ މައްޗަކަށް ނުވެއެވެ. އިންސާނާއަށް ފުރާނައިގެ މައްޗަށް އެއްވެސް ބާރެއްވާނަމަ ހަށިގަނޑުން ފުރާނަ ނުކުމެގެން ދިއަދޭނީވެސް ކާކުހެއްޔެވެ؟ އެކަކުވެސް ނުދޭނެއެވެ! 

ވީމާ އިންސާނާއަށް ﷲ ތައާލާ ދެއްވެވި ބާރާއި އިޚްތިޔާރުގެ ބޭނުން މިދުނިޔޭގައި ފުރިހަމައަށް ހިފާށެވެ! ތިމާއަކީ މުސްލިމް މަންމައަކާއި ބައްޕައެއްގެ ދަރިއަކުކަމަށްވުމުން މުސްލިމަކަށްވާނެ ކަމަށް ބަލައިގެންނުވާނެއެވެ! މުސްލަމަކަށްވެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުންނެވެ. އެކަން އެނގިގެންދާ އެންމެ ބޮޑު އެއްސަބަބަކީ ކައްވަޅުގައި ކުރެވޭ ސުވާލުތަކެވެ. ފުރިހަމަ މުސްލިމަކަށް ނުވެއްޖެ ނަމަ ސުވާލުތަކަށް ޖަވާބު ނުދެވޭނެތީއެވެ! 

މުސްލިމެއްގެ ނަމުގައި ދުނިޔޭގައި އުޅުނު ނަމަވެސް މަރުވުމުން ތިމާއަކީ މުސްލިމެއްކަން ހަނދާން ނެތޭނެ ބައަކު ތިބޭނެއެވެ. އެމީހުންނަކީ ކޮންބައެއްކަން މިބަޔާންކުރީއެވެ! ކައްވަޅުގައި މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް އެމީހުންނަށް ޖަވާބެއް ނުދެވޭނެއެވެ! މަލާއިކަތުން  އެމީހުންނާއި ސުވާލުކުރެއްވެވުމުން ﷲ އަކީ ކޮބައިކަމާއި އޭނާގެ ދީނަކީ ކޮބައިކަމާއި އޭނާގެ ރަސޫލަކީ ކޮންބޭކަލެއްކަން ބުނެއެއް ނުދެވޭނެއެވެ. އެއީ ހަނދާނުގައި ނުހުންނާތީއެވެ! 

މިކަމަށް އޮތް ޙައްލަކީ ކީރިތި ޤުރްއާނެވެ! ވީމާ ކީރިތި ޤުރްއާން އެނގެން އެބަޖެހެއެވެ. މާނަ އެނގެން އެބަޖެހެއެވެ. މީހެއްގެ ގާތު "ޤުރްއާން ކިޔަވާށެވެ!" ބުނުމުން ޖަވާބުގައި "މިހާރުވެސް ކޮންމެ ދުވަހަކު މިވެނި ސޫރަތްތައް ކިޔަވަމެވެ! މަހަކު 2 ޚަތިމްވެސް ކުރަމެވެ!" ބުނުމަކުން އަދި ޤުރްއާން ކިޔެވިކަމަށް ނުވާނެއެވެ. ޤުރްއާން ކިޔެވިކަމަށްވާނީ ކިޔަވާތަކެތީގެ މާނައަށް ވިސްނައި ޢަމަލުކުރުމުންނެވެ! 

މަރުވުމުން އެއްވެސް މީހަކީ ކާކުކަން ބުނެދޭން އެއްވެސް އައިޑީ ޚާޑެއް ބޭނުމެއް ނުވާނެއެވެ! އެންމެންނަކީވެސް ﷲ ގެ އަޅުންނެވެ! އެމީހަކާއިމެދު ކަންކަން މެދުވެރިކުރައްވަވާނީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތުގެ މައްޗަށެވެ! ޢަމަލުކުރި ގޮތުގެ މައްޗަށެވެ! ވީމާ ޤުރްއާން އުނގެނޭށެވެ! އަދި ޢަމަލުކުރާށެވެ! އާޚީރަތް ލިބުމަށް ކިރިޔާވެސް އުންމީދެއް އޮތީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން